twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގާނޫނީ ކޮލަމް: ދޭސީ - ބިދޭސީ ކައިވެނި

Feb 4, 2021

ދިވެހިންނާއި ބިދޭސީންނާއި ދެމެދު ކުރެވޭ ކައިވެންޏަކީ، ވަރަށް ކުރީއްސުރެ ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ. އޭރު މިކަމާބެހޭ އުޞޫލާއި އިޖުރާޢަތެއް ނެތް ކަމުގައިވިޔަސް، މިއަދު ދިވެހިންނާއި ބިދޭސީންނާއި ދެމެދު ކުރެވޭ ކައިވެންޏަކީ ވަކި އުޞޫލުތަކާއި އިޖުރާޢަތުތަކެއްގެ މަތިން ކުރެވޭ ކައިވެންޏަކަށް ވަނީވެފައެވެ. އެހެންކަމުން މި އުޞޫލުތަކާއި އިޖުރާޢަތްތައް އެނގި ތިބުމީ، ބިދޭސީއަކާ ކައިވެނިކުރަން ޤަޞްދުކުރާ ކޮންމެ މީހަކަށް މުހިއްމު ކަމެކެވެ. އަދި ދިމާވެދާނެ އިޖުރާއީ އަދި އިޖުތިމާޢީ މައްސަލަތަކުން ރައްކާތެރިވުމަށްވެސް މުހިއްމު ކަމެކެވެ. ވީމާ، މިކަމަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ؟

ބިދޭސީ މީހާގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް

ބިދޭސީއަކު ދިވެއްސަކާއި ކައިވެނިކުރާނަމަ، އެ ބިދޭސީއަކީ އަންހެނެއް އަދި ފިރިހެނެއް ކަމުގައިވިޔަސް، އެމީހާގެ ކިބައިގާ ޝަރުޢީގޮތުން ކައިވެނި ޞައްޙަވުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ވެއެވެ. މިގޮތުން، ކައިވެނިކުރަން އެދޭ ބިދޭސީ މީހާއަކީ މުސްލިމެއްކަމުގައި ވާންވާނެއެވެ. އަދި އަލަށް އިސްލާމްވެފައިވާނަމަ އިސްލާމްވިކަމުގެ ސެޓްފިކެޓް އޮތުމާއިއެކު، މުސްލިމަކަށް ކޮންމެހެން އެނގުން ލާޒިމް ކަންތައްތައް އެނގޭ މީހަކު ކަމުގައި ވާންވާނެއެވެ. ހަމައެހެންމެ ބިދޭސީ މީހާއަކީ، ކުރިން ކައިވެންޏެއް ކޮށްފައިހުރި މީހެއްކަން ނުވަތަ ނޫންކަން އަންގައިދޭ އެމީހެއްގެ ޤައުމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމަށް އަންގާނެއެވެ.

ކައިވެނިކުރާ ބިދޭސީއަކީ ފިރިހެނެއްނަމަ، އާއިލާގެ ޚަރަދު ބެލެހެއްޓޭ މީހަކު ކަމުގައި ވާންވާނެއެވެ. ރާއްޖޭގެ ކޯޓުން ބަލާ ހަމަތަކުގެމަތިން އާއިލާގެ ޚަރަދު ބެލެހެއްޓޭވަރުގެ މީހަކު ކަމުގައި ބަލާނީ، އެމީހަކަށް މަދުވެގެން މަހަކު 15000 ރުފިޔާ ލިބޭ ކަމުގައި ވާނަމައެވެ. މާލީ ތަނަވަސްކަން ސާބިތުކުރުމަށް، އެމީހެއްގެ ފާއިތުވި 6 މަހުގެ ބޭންކް ސްޓޭޓްމަންޓް ކޯޓަށް ހުށަހަޅަންވާނެއެވެ. ބޭންކް ސްޓޭޓްމަންޓް ހުށަނޭޅޭނަމަ، އެމީހެއްގެ މިލްކިއްޔާތުގައި މާލީ ތަނަވަސްކަން ހުރިކަން ސާބިތުވާ ލިޔެކިޔުންތައް ހުށަހަޅާ، އެކަމަށް ދެމީހަކު ހެކިކުރަންވާނެއެވެ. ނުވަތަ އެމީހަކު ކުރާ މަސައްކަތުން އެފަދަ އާމްދަނީއެއް ލިބޭކަން އެނގޭނެ، ކޯޓަށް އިތުބާރުކުރެވޭ ފަދަ ލިޔުމެއް ހުށަހަޅާ ދެމީހަކު ހެކިކުރަންވާނެއެވެ.

ކައިވެނިކުރާ ބިދޭސީ ފިރިހެން މީހާއަށް މަހަކު 15000 ރުފިޔާ ލިބޭކަން ސާބިތު ކޮށްނުދެވޭނަމަ، ކައިވެނިކުރާ އަންހެން މީހާގެ ވަލީވެރިޔާގެ އެފަދަ މާލީ ތަނަވަސްކަން ކުރި މީހެއްކަން ސާބިތު ކޮށްދިނުމާއިއެކު، އާއިލާގެ ޚަރަދުތައް ކުރުމަށް އެއްބަސްވެ، ވަލީވެރިޔާ ކޯޓަށް ޙާޟިރުވެ އެކަމަށް އިޤްރާރުވުމުން އެފަދަ ކައިވެންޏެއް ކޮށްދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

ބިދޭސީ ފިރިހެނަކު، ދިވެހި އަންހެނަކާއި ކައިވެނި ކުރަނީ ދެއަނތްބަށް ކަމުގައިވާނަމަ، މާލީ ތަނަވަސްކަން ހުރުމާއިއެކު، އެމީހެއްގެ އަނބިދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ކުރަމުންދާ މީހަކަށް ވާންވާނެއެވެ.

ރާއްޖެއިން ބޭރުގައި ކުރާ ދޭސީ – ބިދޭސީ ކައިވެނި ރަޖިސްޓްރީކުރުން

ދޭސީ ބިދޭސީ ކައިވެންޏެއް ރާއްޖެއިން ބޭރުގައި ކުރިކަމުގައިވިޔަސް، އެކައިވެންޏެއް ރާއްޖޭގައި ރަޖިސްޓްރީކުރަން ވާނެއެވެ. އެގޮތުން ކައިވެނިކުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ހުންނަ ޤައުމެއްގައިނަމަ، ކައިވެނި ކުރާތާ 2 މަސްތެރޭގައި އެކައިވެންޏެއް އެ އެމްބަސީއެއްގައި ރަޖިސްޓްރީކުރަން ހުށަހަޅަންވާނެއެވެ. އަދި ކައިވެނިކުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުހުންނަ ޤައުމެއްގައިނަމަ، ކައިވެނިކުރާ ދުވަހުން ފެށިގެން 6 މަސްތެރޭގައި އެކައިވެންޏެއް ރާއްޖޭގައި ރަޖިސްޓްރީކުރަން ހުށަހަޅަންވާނެއެވެ. މިފަދައިން ކައިވެނި ރަޖިސްޓްރީ ނުކުރުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. މިކުށުގެ އަދަބަކީ 1000 ރުފިޔާ އިން ޖޫރިމަނާކުރުމެވެ.

ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތައް ރަޖިސްޓްރީ ކޮށްދިނުމުގެ އިޚްތިޞާޞް ލިބިގެންވަނީ ހަމައެކަނި ފެމެލީ ކޯޓަށެވެ.

ދޭސީ – ބިދޭސީ ކައިވެނީގައި ވަރި

ދޭސީ – ބިދޭސީ ކައިވެނިތަކުގައި ވަރިކުރުމުގައި އަދި ވަރިވުމުގައި ޢަމަލުކުރަންޖެހޭނީ، ހަމަ ދިވެހިން ދިވެހިންނާއި ކުރާ ކައިވެނިތަކުގައިވެސް ވަރިކުރާއިރު ނުވަތަ ވަރިވާއިރު ޢަމަލުކުރަންޖެހޭ އުޞޫލުތަކަށެވެ.

ދޭސީ – ބިދޭސީ ކައިވެނީގައި ޚަރަދު

ދޭސީ – ބިދޭސީ ކައިވެނިތަކުގައި، ދެމަފިރިންނަށް ލިބޭ ދަރިންނަށް ޚަރަދުކުރުމުގެ ކަންކަން އޮންނާނީ އެހެނިހެން ކައިވެނިތަކެކޭވެސް އެއްފަދައިންނެވެ. ދިވެހި ފިރިހެނަކު ބިދޭސީ އަނތްބަކު ވަރިކޮށްފިނަމަ، އިއްދައިގެ އެހެނިހެން ޚަރަދުތަކުގެ އިތުރަށް އަނބިމީހާގެ އަމިއްލަ ވަޒަނަށް ދެވޭނެގޮތް ހަމަޖައްސައިދީ، އެކަމަށް ހިނގާނެ ހުރިހާ ޚަރަދެއް ފިރިހެން މީހާ ދިނުމަށް ކޯޓުން އަންގާނެއެވެ.

އަނބިމީހާއަށް ނުވަތަ ދަރިންނަށް ޚަރަދު ނުދީގެން، ބިދޭސީ ފިރިހެން މިހާއާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެމީހަކަށް ރާއްޖެއިން ބޭރަށް ދެވޭނީ އެ ޚަރަދެއް ދެއްކުމަށް ފަހުގައެވެ. ނުވަތަ އެ ޚަރަދު ޤަވައިދުން ދައްކަމުން ގެންދާނެކަމަށް ޖާމިނުވާނެ ރާއްޖޭގެ ވަޒަންވެރިޔަކު އައްޔަނުކޮށް، އެމީހަކު އެ ޚަރަދު ދިނުމަށް އެއްބަސްވެ ސޮއިކޮށްފައިވާ ލިޔުމެއް ކޯޓަށް ހުށަހެޅުމުންނެވެ.

ނިންމުން

ދޭސީ – ބިދޭސީ ކައިވެންޏަކީ ކުރީއްސުރެ ދިވެހިރާއްޖޭގައި ކުރަމުން އަންނަ ކައިވެންޏަކަސް، ކުރީގައިވެސް އަދި މިހާރުވެސް އިޖުރާއީ އަދި އިޖުތިމާޢީ ގިނަ މައްސަލަތަކެއް މެދުވެރިވާ ކައިވެންޏެކެވެ. ނަމަވެސް ރާއްޖޭގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި އިޖުރާޢަތްތަކާއި އެއްގޮތަށް މިފަދަ ކައިވެނި ކުރުމުން، ފަހުން ދިމާވެދާނެ މިފަދަ މައްސަލަތަކުން ސަލާމަތްވެވޭނެއެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355