twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގާނޫނީ ކޮލަމް: މީހުންނާއި މުދާ ބަލާފާސްކުރުމުގައި ކަސްޓަމްސްއަށް ލިބިގެންވާ ބާރުތަކަކީ ކޮބާ؟

Oct 28, 2021

ރާއްޖެއިން ބޭރަށް ފުރާމީހުންނާއި، ރާއްޖެއަށް އަންނަ މީހުންނާއި، ކަސްޓަމްސްގެ ކޮންޓްރޯލްގައިވާ އުޅަނދުފަހަރުގައި ތިބޭ މީހުންނާއި، އެފަދަ އުޅަނދުފަހަރަށް އަރާ ފައިބާ މީހުންނާއި، އެކިއެކި ބޭނުންތަކުގައި ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެވޭ މީހުންނާ އަދި ކަސްޓަމްސްގެ ސަރަޙައްދުގައި ހުންނަ ތަކެތި ވަކި ޙާލަތްތަކެއްގައި ބަލާފާސްކުރުމުގެ އިޚްތިޔާރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ލިބިގެންވެއެވެ.

މީހުންނާ މުދާ ބަލާފާސްކުރެވޭ ޙާލަތްތައް

އަންނަނިވި ޙާލަތްތަކުގައި، މީހުންނާއި ތަކެތި ބަލާފާސްކުރުމުގެ ބާރު ކަސްޓަމްސް އަށް ލިބިގެންވެއެވެ. އެގޮތުން އެއް ޙާލަތަކީ، މަތީގައި ދެންނެވިފައިވާ މީހުން ކަސްޓަމްސްގެ ޤާނޫނާއި ޤަވައިދަށް ޢަމަލުކުރޭތޯ ބެލުމަށާއި، އެއިން މީހަކު ޤާނޫނާ ޤަވައިދާ ޚިލާފު ޢަމަލެއް ކޮށްފާނެކަމަށް ނުވަތަ ކުރަންއުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކޮށްފާނެކަމަށް ކަސްޓަމްސް އަށް ފެނުމެވެ. ހަމައެހެންމެ، ކަސްޓަމްސްގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ބަލަންޖެހޭ ބެލުންތައް ބެލުމަށް މީހުންނާއި މުދާ ބަލާފާސްކުރެވިދާނެއެވެ. ހަމައެފަދައިން، ހުއްދަނެތި ރާއްޖެއަށް އެތެރެނުކުރެވޭ މުދަލެއް ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއް ނުވަތަ ރާއްޖެއަށް އެތެރެކުރުން ނުވަތަ ބޭރުކުރުން މަނާ މުދަލެއް ނުވަތަ އެއްޗެއް، ރާއްޖެއިން ފުރާމީހުންނާއި ރާއްޖެއަށް އެތެރެވާ މީހުންނާއި، ކަސްޓަމްސްގެ ކޮންޓްރޯލްގައިވާ އުޅަނދުފަހަރުގައި ތިބޭ މީހުންނާއި، އެފަދަ އުޅަނދުފަހަރަށް އަރާފައިބާ މީހުންނާއި، އެކިއެކި ބޭނުންތަކުގައި ކަސްޓަމްސްގެ ސަރަޙައްދުތަކަށް ވަދެނުކުމެއުޅޭ މީހެއްގެ އަތުގައި ނުވަތަ ހަށިގަނޑުގައި ނުވަތަ އޭނާގެ ބެލުމުގެދަށުގައިވާ އެއްޗެއްގައި ފޮރުވާފައިވާކަމަށް ކަސްޓަމްސް އަށް ޤަބޫލުކުރެވޭނަމަވެސް، ބަލާފާސްކުރުމުގެ ބާރު ކަސްޓަމްސް އަށް ލިބިގެންވެއެވެ.

ދަތުރުވެރިން ގެންނަ ތަކެތި

ދަތުރުކުރުމުގެ ތެރޭގައި ނުވަތަ ދަތުރެއް ފަށަން އުޅޭއިރު އެހެންފަރާތަކުން އެއްޗެއް ހަވާލުކުރިނަމަވެސް، އެ އެއްޗަކާ ދަތުރުވެރިޔާ ހަވާލުވާންވާނީ އެއީ ކޮންއެއްޗެއްކަން ކަށަވަރުކުރުމަށް ފަހުގައެވެ. އަދި މިފަދައިން ހަވާލުވާ އެއްޗަކީ ޤާނޫނާއި ޚިލާފު އެއްޗެއް ކަމުގައިވާނަމަ، އެ އެއްޗަކާ ހަވާލުވެގެން ކަސްޓަމްސް އަށް އަންނަ މީހަކު އެ އެއްޗެއްގެ ޒިންމާ އުފުލަންޖެހޭނެއެވެ. ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރަށްގެންދާ އެއްޗެއް ބަލާފާސްކުރާއިރު، ބަލާފާސްކުރާނީ އެ އެއްޗެއްގެ ވެރިފަރާތް ނުވަތަ އެ އެއްޗަކާ ހަވާލުވެހުރި ފަރާތެއްގެ ޙާޟިރުގައެވެ. އަދި އެއްޗަކާބެހޭ ފުރިހަމަ މަޢުލޫމާތު، އެ އެއްޗަކާ ހަވާލުވެގެންހުރި ފަރާތަކުން ކަސްޓަމްސް އަށް ކަށަވަރުކޮށްދޭންޖެހެއެވެ. މީގެ އިތުރުން، ބަލާފާސްކުރުމުގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވުމާއެކު، ކަސްޓަމްސް އިން ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދީ، ދެއްކުމަށް އެދެފި އެއްޗެއް ނުވަތަ ލިޔުމެއް ދައްކަންވާނެއެވެ. އަދި މިފަދައިން ނުދެއްކުމަކީ ކުށެކެވެ.

ގެއްލުމުގެ ބަދަލުދިނުން

ކަސްޓަމްސް އިން މުދާ ބަލާފާސްކުރުމުގައި ޢަމަލުކުރަންވާނީ އެ އެއްޗަކަށް ވީހާވެސް ގެއްލުން ކުޑަވާނެގޮތެއްގެ މަތިންނެވެ. ކަނޑައެޅިގެން އެއްޗަކަށް ގެއްލުމެއްދިނުމުގެ ނިޔަތުގައި ގެއްލުމެއްދީފިނަމަ އޭގެ ބަދަލު ކަސްޓަމްސް އިން އެފަރާތަކަށް ދޭންޖެހެއެވެ. އަދި މިފަދައިން ބަދަލުގެ ގޮތުގައި ކަސްޓަމްސް އިން ދިނުމަށް ކަނޑައަޅާ މިންވަރާމެދު އެ އެއްޗެއްގެ ވެރިފަރާތުން ހިތްހަމަނުޖެހޭނަމަ، އެމައްސަލަ ކޯޓަށް ހުށަހެޅިދާނެއެވެ. ނަމަވެސް، އެއްޗެއް ހަލާކުކޮށްލައިގެން ބަލާފާސްކުރުމުގެ ތެރޭގައި ޤާނޫނާ ޚިލާފު އެއްޗެއް ފެނިއްޖެނަމަ، ހަލާކުވި އެއްޗެއްގެ ބަދަލު ކަސްޓަމްސް އިން ދޭކަށްނުޖެހޭނެއެވެ.

ހަށިގަނޑާއި ފޭރާމުގެ އެތެރެ ބަލާފާސްކުރުން

މީހެއްގެ ހަށިގަނޑު ނުވަތަ މީހަކު ލައިގެން ހުންނަ ފޭރާމުގެ އެތެރެއިން ބަލާފާސްކުރަންވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ކަނޑައަޅާފައިވާ އެކަށީގެންވާ ތަނެއްގައި، އެމީހަކާ އެއް ޖިންސުގެ މީހެކެވެ. މީހެއްގެ ހަށިގަނޑު ނުވަތަ މީހަކު ލައިގެން ހުންނަ ފޭރާމުގެ އެތެރެއިން ބަލާފާސްކުރުމަށް ޚާއްޞަކުރެވިފައިވާ ވަކިތަނެއް ނެތްނަމަ، އެކަމަށް ކަސްޓަމްސް އިން ކަނޑައަޅާފައިވާ އެކަށީގެންވާ ތަނެއްގައި ބަލާފާސްކުރެވިދާނެއެވެ. މިފަދައިން ބަލާފާސްކުރުމަށް ކަނޑައެޅޭ ތަނަކީ، ބަލާފާސްކުރެވޭ މީހާގެ ޙައްޤުތައް ވީހާވެސް ބޮޑަށް ރައްކާތެރިކުރެވޭފަދަ ތަނަކަށް ވާންވާނެއެވެ. އުމުރުން 18 އަހަރުނުފުރޭ ކުއްޖަކު ބަލާފާސްކުރަންވާނީ، އެކުއްޖެއްގެ ބެލެނިވެރިއެއް ނުވަތަ އެކުއްޖަކާ ހަވާލުވެގެންހުރި މީހެއްގެ ހާޟިރުގައެވެ. އެފަދަ ފަރާތެއް ނެތްނަމަ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ދައުލަތުގެ ފަންނީ މީހެއްގެ ހާޟިރުގައެވެ.

ބަލާފާސްކުރެވޭ މީހަކަށް ގަސްދުގައި އެއްވެސް އަނިޔާއެއްކޮށްގެން ނުވާނެއެވެ. ނަމަވެސް، ކަސްޓަމްސް އިން ބަލަންޖެހޭ ބެލުންތަކަށް އިޢުތިރާޟްކުރާ މީހުންގެ ހަށިގަނޑާއި ފޮށިތަންމަތި އެކަށީގެންވާ ބާރުގެ ބޭނުންކޮށްގެން ބަލާފާސްކުރުމުގައި، ގަސްދަކާނުލާ ބަލާފާސްކުރެވޭމީހާއަށް ލިބޭ އަނިޔާއަށް ކަސްޓަމްސް އިން ޒިންމާއެއްނުވާނެއެވެ. ޤާނޫނާއި ޚިލާފު އެއްޗެއް، މީހެއްގެ އެތެރެހަށީގައި ނުވަތަ ހަށިގަނޑުގެ ބައެއްގެ ތެރޭގައި ފޮރުވާފައިވާކަމަށް ޝައްކުކުރެވޭނަމަ، އެގުނަވަނެއް ބަލާފާސްކުރަންވާނީ ރާއްޖޭގައި ޞިއްޙީ ފަރުވާދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ހުއްދަދީފައިވާ މީހެކެވެ.

ބަލާފާސްކުރުމަކީ ކަސްޓަމްސް އަށް ލިބިގެންވާ ބާރެއްކަމުން، ބަލާފާސްކުރުމަށް ކަސްޓަމްސް އިން ނިންމައިފިނަމަ އެންމެ ބުއްދިވެރިގޮތަކީ، އެކަމަށް އެއްބާރުލުން ދިނުމެވެ. ބަލާފާސްކުރުމަށް ކަސްޓަމްސް އަށް ލިބިގެންވާ ބާރާއި އިޚްތިޔާރު ބޭނުންކުރުމުގައިވެސް، އިންސާފުވެރިކޮށް ޢަމަލުކުރުމަކީ މުހިއްމުކަމެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355