twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: މަސްތުވާތަކެތިން ޕެޑްލްކުރުމާއި ޓްރެފިކްކުރުމަކީ ކޮބާ؟

Oct 21, 2021
1

ބައެއް ފަހަރަށް މީހެއްގެ އަތުން ފެންނަ މަސްތުވާތަކެތީގެ ބާވަތަށް އަދި މިންވަރަށް ބިނާކޮށް، އެމީހެއްގެ މައްޗަށް ޓްރެފިކްކުރުމުގެ ނުވަތަ ޕެޑްލްކުރުމުގެ ތުޙުމަތު ކުރެވިގެންދެއެވެ. އާންމުންގެ ތެރޭގައި މަސްތުވާތަކެތި ޕެޑްލްކުރުމާ އަދި ޓްރެފިކް ކުރުމުގައިވާ ތަފާތުތަކާއި ގުޅޭގޮތުން، ކުށްހީތަކެއް ވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މި ތަފާތުތައް ދެނެގަތުމަށްޓަކައި، ރާއްޖޭގެ ޤާނޫނުގައި މިކުށްތައް މާނަކޮށްފައިވާ ގޮތަށް ބަލާލަމާތޯއެވެ.

މަސްތުވާތަކެތިން މުޢާމަލާތްކުރުން

މަސްތުވާތަކެތިން މުޢާމަލާތްކުރުން ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ވިއްކުމާއި، ދިނުމާއި، ވިޔަފާރި ކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި، އެއްބަސްވުންވެސް ހިމެނޭގޮތުންނެވެ.

މަސްތުވާތަކެތި ޕެޑްލް ކުރުން

ޕެޑްލް ކުރުމަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާ މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި މަސްތުވާތަކެތިން މުޢާމަލާތް ކުރުމަށެވެ. އެހެންކަމުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، މަސްތުވާތަކެތިން މުޢާމަލާތްކޮށްފިނަމަ، އޭނާއަކީ ޕެޑްލަރެއް ކަމުގައި ބެލެވޭނެއެވެ. އެގޮތުން، އަތުލައިގަނެވޭ މަސްތުވާތަކެތީގެ ބާވަތާއި މިންވަރަށް ބަލައި، އެމީހަކީ މަސްތުވާތަކެތި ޕެޑްލްކުރާ މީހެއްގެ ގޮތުގައި ބެލެވިގެންދާނެއެވެ. މިސާލަކަށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، ޑައިމޯފިން ހުރީ 2 ގްރާމް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވީނަމަވެސް، ޓްރެފިކްކުރުން ކަމަށް ބެލޭނެ ކަންކަމުގެ ތެރެއިން 2 ކަމެއް އެމީހެއްގެ ކިބައިން ސާބިތުވެއްޖެނަމަ، އެމީހަކުގެ އަތުގައި އެއެއްޗެއް ހުރީ ޕެޑްލް ކުރުމަށްކަމުގައި ބެލޭނެއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުން

ޓްރެފިކް ކުރުމަކީ، މަސްތުވާތަކެތިން މުޢާމަލާތުކުރާ ޕެޑްލަރަކަށްނުވާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މުޢާމަލާތް ކުރުމެވެ. ނުވަތަ މަސްތުވާތަކެތިން މުޢާމަލާތުކުރާ ޕެޑްލްކުރާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން 2 ކަމެއް ފުރިހަމަވާ ގޮތަށް، މަސްތުވާތަކެތިން މުޢާމަލާތް ކުރުމެވެ. އެގޮތުން، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ މަސްތުވާއެއްޗެއް ދިވެހިރާއްޖެއިން ބޭރުކުރުން ނުވަތަ އެކަންކުރާ ރާއްޖެއިން ބޭރު ބަޔަކާ ގުޅިގެން މަސައްކަތްކުރާކަމުގައިވާނަމަ، ޓްރެފިކްކުރުން ކަމުގައި ބެލޭނެއެވެ. ނުވަތަ ޓްރެފިކްކުރާ މީހަކީ ދާއިމީ ސިފައެއްގައި މަސްތުވާތަކެތި ބަޔަކަށް ފޯރުކޮށްދެމުންގެންދާ ފަރާތަކަށްވުން ނުވަތަ ދާއިމީ ސިފައެއްގައި އޭނާގެ އަތުން މަސްތުވާތަކެތި ބަޔަކު ހޯދަމުންދިއުން ނުވަތަ ވަކި ތަރުތީބުތަކެއްގެ މަތިން ރޭވިގެންކުރާ ކަމެއްގެ ގޮތުގައި މަސްތުވާތަކެތި ފޯރުކޮށްދެމުން ދާކަމުގައިވާނަމަވެސް، އެމީހަކީ ޓްރެފިކްކުރާ މީހެއްކަމުގައި ބެލޭނެއެވެ.

ހަމައެހެންމެ، އެމީހެއްގެ އާންމު ދިރިއުޅުމުގެ ޙާލަތަށް ބަލާއިރު، އެ ޙާލަތާ އަޅާކިޔޭ މިންވަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނުވަތަ މުދާ އޭނާގެ އަތުގައި ހުރުމާއެކު، އެ ލިބުނު ގޮތެއް ބަޔާންކޮށްދޭން ނޭނގޭކަމުގައިވާނަމަ، އެމީހަކީ މަސްތުވާތަކެތި ޓްރެފިކްކޮށްގެން ފައިސާ ހޯދާ މީހެއްކަމުގައި ބެލޭނެއެވެ. ނުވަތަ މަސްތުވާތަކެތި ވިއްކުމުގެ ނިޔަތުގައި ފައިސާގެ މުޢާމަލާތެއް ކޮށްފައިވާކަން ސާބިތުވާނަމަވެސް، އެއީ ޓްރެފިކް ކުރުންކަމުގައި ބެލޭނެއެވެ. އަދި ހަމައެހެންމެ، އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި އުފުލުން ނުވަތަ ފޮނުވުން ނުވަތަ ގެންދިޔުން ނުވަތަ އެއިން ކަމެއް ކުރުވުމާއި ނުވަތަ މަސްތުވާތަކެތި ވިއްކުމަށްޓަކައި އެކި ފެންވަރުގައި، އެކި މިންވަރަށް، އެކި ގޮތަށް މަސްތުވާތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގެ ވަސީލަތްތައް އޭނާގެ ކޮންޓްރޯލްގެ ދަށުގައި ހުންނަކަމުގައިވާނަމަ، ނުވަތަ މަސްތުވާތަކެތި ތައްޔާރުކުރުން ނުވަތަ އުފެއްދުން ނުވަތަ މަސްތުވާތަކެތި ލިބޭނެ ގަހެއް އިންދުން ނުވަތަ އެފަދަ ގަހެއް ހެއްދުން ނުވަތަ ހައްދައި ބޮޑުކުރާނަމަ، އެމީހަކީ މަސްތުވާތަކެތިން ޓްރެފިކްކުރާ މީހެއްގެ ގޮތުގައި ބެލޭނެއެވެ. ނުވަތަ، ގޭންގް އަކަށް އެހީތެރިވެފައިވާނަމަ ނުވަތަ ގޭންގް އަކުން އެމީހަކަށް އެހީތެރިވެފައިވާނަމަވެސް، މަސްތުވާތަކެތިން ޓްރެފިކްކުރާ މީހެއްގެ ގޮތުގައި ބެލޭނެއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ބާވަތާއި މިންވަރަށް ބަލައި ޓްރެފިކްކުރާ މީހެއް ކަމަށް ބެލެވޭ މިންވަރު ކަމަށް ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި އަތުގައި ހުރެއްޖެނަމަ އެމީހަކީ، މަސްތުވާތަކެތިން ޓްރެފިކްކުރާ މީހެއްކަމުއި ބެލޭނެއެވެ. މިސާލަކަށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 14 (ސާދަ) ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

އަދަބު

މަސްތުވާތަކެތީގެ ބާވަތާއި މިންވަރަށް ބަލައި މަސްތުވާތަކެތި ޕެޑްލްކުރާ މީހުންނާއި ޓްރެފިކްކުރާ މީހުންނަށް ކަނޑައެޅިފައިވާ އަދަބުތައް ބެހިގެންގޮސްފައިވައެވެ. އެގޮތުން، އުމުރަށް ޖަލަށްލުމާއެކު 100,000.00ރ (އެއްލައްކަ ރުފިޔާ) އިން ފެށިގެން 10,000,000.00ރ (ދިހަމިލިއަން ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުން ފެށިގެން 3 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމާއެކު، 10,000.00ރ (ދިހަހާސް ރުފިޔާ) އިން ފެށިގެން 150,000.00ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ ދޭތެރޭގެ އަދަބުތަކެއް ކަނޑައެޅިގެން ގޮސްފައިވެއެވެ.

މަސްތުވާތަކެތިން މުޢާމަލާތް ކުރާކަން ނުވަތަ އެފަދަ މަންޒަރެއް ފެންނަކަމުގައިވާނަމަ، އެކަން ފުލުހުންނަށް ރިޕޯޓްކޮށް، ފަރުދީ ޒިންމާ އަދާކުރަމާތޯއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން
އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިނަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355