twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ކައިވެނި ފަސްޚުކުރުމަކީ ކޮބާ؟

Nov 11, 2021

ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ ތެރެއިން އެކަކު ނަމަވެސް ކައިވެނި ރޫޅާލަން ބޭނުންވެއްޖެ ޙާލަތެއްގައި، ވަރިކުރަނީއެވެ. ނުވަތަ ވަރިވަނީއެވެ. ވަރީގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން، ވަރިކުރާ ނުވަތަ ވަރިއަށް އެދޭ ސަބަބުތަކަށް ރިޢާޔަތްކޮށް، އަދި ދެމަފިރިންކުރެ ކޮންމެ މީހަކުވެސް ބޭނުންވާގޮތަށް ރިޢާޔަތްކޮށް، ފިރިމީހާއަށް ވަރިކުރުމަށް ޤާޟީ ހުއްދަ ދެނީއެވެ. މިއީ ޢާންމު ޙާލަތެކެވެ. ނަމަވެސް، ބައެއް ޙާލަތްތަކަކީ، ޤާޟީ ފިރިމީހާއަށް އަނބިމީހާ ވަރިކުރުމަށް އެންގުމަކާނުލައި، ޤާޟީ އަމިއްލައަށް އެދެމަފިރިންގެ ކައިވެނި ރޫޅާލާ ޙާލަތްތަކެކެވެ. މިފަދައިން، ކައިވެނި ރޫޅާލާ އެއްގޮތަކީ ކައިވެނި ފަސްޚުކުރުމެވެ.

ފަސްޚުކުރުން

ކައިވެނި ފަސްޚުކުރުމުގެ މާނައަކީ، އެދެމީހުން ކޮށްފައިވާ ކައިވެނި ނިގުޅައިލުމެވެ. ކައިވެނީގެ އަޤްދު ކެންސަލްކޮށްލުމެވެ. ކޮށްފައިވާ ކައިވެންޏެއް ފަސްޚުކުރެވޭނީ، ޝަރީޢަތުން ޤާޟީ ފަސްޚުކޮށްދިނުމުންނެވެ.

ފަސްޚުކުރުމާއި ވަރީގެ އެއް ތަފާތަކީ، ކައިވެންޏެއް ފަސްޚުކޮށްދީފިނަމަ ރުޖޫއަކުރުމުގެ ބާރެއް ފިރިހެންމީހާއަށް ލިބިގެނެއް ނުވެއެވެ. އެދެމީހުން އަލުން ގުޅެން ބޭނުންވާކަމުގައިވާނަމަ ޖެހޭނީ، އަލުން އައު ކައިވެންޏެއް ކުރާށެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެންވެސް، ދެމަފިރިން ވަރިވެދާނެއެވެ. ނަމަވެސް، ކައިވެންޏެއް ފަސްޚުކުރެވޭނީ، ކައިވެނި ފަސްޚުކުރުމަށް ހުއްދަކުރާ ސަބަބެއް މެދުވެރިވެފައިވާނަމައެވެ.

ފިރިމީހާ ގެއްލިގެން ނުވަތަ ވީނުވީ ތަނެއް ނޭނގިގެން ކައިވެނި ފަސްޚުކުރުން

ކައިވެނި ފަސްޚުކޮށްދޭނީ، ވަކި ސަބަބުތަކެއް މެދުވެރިވެގެން ވަރިވުމަށް އަނބިމީހާ ކޯޓަށް މައްސަލަ ހުށަހަޅާފައިވާނަމައެވެ. މިގޮތުން، ފިރިމީހާ ގެއްލިގެން ނުވަތަ ވީނުވީ ތަނެއް ނޭނގި، ފިރިމީހާގެ އެއްވެސް ޚަބަރެއް ނުވާތާ އަހަރަކަށްވުރެ ގިނަދުވަސް ވޭތުވެގެން ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހަޅާ، އެކަން ސާބިތުވެއްޖެނަމަ ކައިވެނި ފަސްޚުކޮށްދޭނެއެވެ. މިފަދައިން ކައިވެނި ފަސްޚުކުރުމަށްފަހު އަންހެނާ އެހެންމީހަކާ އިންނަފަހުން ގެއްލުނު ފިރިހެނާ ފެނިއްޖެނަމަ އެމީހާއާ ކައިވެނިކުރުމަށް، ފަހުން އިން ފިރިމީހާގެ ކިބައިން ވަރިވުން ނުވަތަ އެކައިވެނި މަތީގައި ހުރުމުގެ އިޚްތިޔާރު އެއަންހެނާއަށް ލިބިގެންވެއެވެ.

ރާއްޖެއިން ބޭރަށްގޮސް ތިބޭ މީހުންގެ އަނބިން ވަރިވުމަށް އެދޭ މައްސަލަތަކުގައި ފަސްޚުކޮށްދިނުން

ރާއްޖެއިން ބޭރަށްގޮސް ތިބޭމީހުންގެ ތެރެއިން އަނބިމީހާއާ އަޅާނުލާ އަދި ޚަރަދުނުދީ އުޅޭތާ 6 މަހަށްވުރެ ގިނަދުވަސްވެއްޖެކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެކައިވެނި ފަސްޚުކުރެވިދާނެއެވެ. ހަމައެހެންމެ، ފިރިމިހާ ބޭރަށްގޮސް، ފިރިމީހާ އުޅޭ އެޑްރެސް ނޭނގޭގޮތަށް 6 މަސްދުވަހަށްވުރެ ގިނަދުވަސްވެއްޖެނަމަވެސް، ކައިވެނި ފަސްޚުކުރެވިދާނެއެވެ. މިފަދަ މައްސަލަތަކުގައި، ފިރިމީހާ ވީ ރާއްޖެއިން ބޭރުގައިތޯ ނުވަތަ ނޫންތޯ މޯލްޑިވްސް އިމިގްރޭޝަން މެދުވެރިކޮށް ޝަރީޢަތުން ޔަޤީންކުރާނެއެވެ.

ޚަރަދުނުދީގެން ކައިވެނި ފަސްޚުކުރުން

ޚަރަދުނުދީގެން ކައިވެނި ފަސްޚުކުރުމަށް ކޯޓަށް ހުށަހެޅޭނީ މަދުވެގެން ދެފަހަރު ޚަރަދުނުދީގެން މައްސަލަ ކޯޓަށް ހުށަހަޅައި، އެމައްސަލަތައް ނިމިފައިވާނަމައެވެ. އެގޮތުން، ފިރިމީހާ، އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުނުކޮށްގެން ވިދިވިދިގެން 3 މަސްވެގެން، ޚަރަދު ހޯދުމަށް އަނބިމީހާ ކޯޓަށް ދެފަހަރަށް ހުށަހެޅުމުންވެސް އަދި ޚަރަދުދިނުމަށް ކޯޓުން ފިރިމީހާއަށް އެންގުމުންވެސް، ފިރިމީހާ ޚަރަދުނުދޭ ޙާލަތުގައި ކައިވެނި ފަސްޚުކޮށްދޭނެއެވެ.

ޖިންސީ ނުކުޅެދުންތެރިކަމުގެ ސަބަބުން ކައިވެނި ފަސްޚުކުރުން

ކައިވެނިކުރިއިރު ފިރިމީހާއަކީ ޖިންސީގޮތުން ނުކުޅެދިގެންވާ މީހެއްކަން ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ހެކި ލިބިފައިވާނަމަވެސް، ކައިވެނި ފަސްޚުކޮށްދޭނެއެވެ. ފިރިމީހާގެ ޖިންސީ ނުކުޅެދުންތެރިކަމެއް ހުރިކަން ޝަރީޢަތަށް ސާބިތުވާނީ، ފިރިމީހާ އެކަމަށް ޝަރީޢަތުގައި މަޖިލީހުގައި އިޢުތިރާފްވުމުންނެވެ. ނުވަތަ ފިރިމީހާއަކީ ޖިންސީ ނުކުޅެދުންތެރިކަމެއްހުރި މީހެއްކަމަށް އަންގައިދޭ ޑޮކްޓަރީ ލިޔެކިޔުންތަކުންނެވެ. ޖިންސީ ނުކުޅެދުންތެރިކަމެއް ހުރިކަން ސާބިތުވިނަމަވެސް، އެކަމަށް ފަރުވާކުރުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ކޯޓުން ދޭންވާނެއެވެ. އެމުއްދަތުގައި ފަރުވާ ހޯދައި ރަނގަޅުވެފައިވާކަން ޑޮކްޓަރީ ލިޔެކިޔުންތަކުން ސާބިތުކޮށްދީފިނަމަ، ކައިވެނި ފަސްޚެއްނުކޮށްދޭނެއެވެ. ނަމަވެސް އެމުއްދަތުގައި ރަނގަޅުނުވެއްޖެނަމަ، އަނބިމީހާ އެދޭފަދައިން ކައިވެނި ފަސްޚުކޮށްދޭނެއެވެ.

ދުނިޔެއިން މޮޔަވެފައިހުރުން ނުވަތަ ބައްޔެއްގެ ސަބަބުން ކައިވެނި ފަސްޚުކުރުން

ފިރިމީހާ، ދުނިޔެއިން މޮޔަވެފައި ހުންނަތާ 2 އަހަރުވެފައިވާ ނަމަވެސް، ކައިވެނި ފަސްޚުކުރުމަށް އެދެވިދާނެއެވެ. މީގެއިތުރުން، ފިރިމީހާއަކީ ފަރުވާއެއް ހޯދިފައިނުވާ، ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމުގައިވާނަމަ، އަނބިމީހާއަށް ކައިވެނި ފަސްޚުކުރުމަށް ކޯޓުގައި އެދެވިދާނެއެވެ. އިސްވެ ބަޔާންވެދިޔަ ކަންތައްތަކުގެ އިތުރުން އިސްލާމީ ޝަރީޢަތުގައި ކައިވެނި ފަސްޚުކުރުން ހުއްދަކުރާ އެއްވެސް ސަބަބެއް މެދުވެރިވެފައިވާނަމަވެސް، ކައިވެނި ފަސްޚުކުރުމަށް އެދެވިދާނެއެވެ.

އިސްވެދިޔަ އެއްވެސް ކަމެއް އަނބިމީހާގެ ކިބައިގައިހުރިނަމަ، ފިރިމީހާއަށް އެއަންހެނަކު ވަރިކުރެވިދާނެއެވެ. ނަމަވެސް، އަނބިމީހާއަކީ ވަރިކުރުމުގެ ބާރު ލިބިގެންވާ މީހަކަށް ނުވާތީ، މިޙާލަތުގައި އަންހެނާއަށް އޮތީ ކައިވެނި ފަސްޚުކުރުމަށް އެދެމުގެ ފުރުޞަތެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު
އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355