twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: މަސްތުވާތަކެއްޗާއި ރީހެބް

Feb 18, 2021

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ރީހެބަށް ފޮނުވާ ފަރާތްތައް ފަރުވާގެ ޕްރޮގްރާމް ފުރިހަމަނުކޮށްފިނަމަ ދެންވާނީ ކިހިނެއްތޯއެވެ؟ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފިނަމަ، އެއްވެސް ޖަލު ޙުކުމެއް ނައިސް ހިނގައިދާނެތޯއެވެ؟ މިއީ މަސްތުވާތަކެތިން ދުރުހެލިވާން ބޭނުންވާ ކޮންމެ މީހަކާއި، އެމީހެއްގެ ޢާއިލާ އަދި ގާތްތިމާގެ މީހުން އެނގެން ބޭނުންވާނެ ކަންކަމެވެ. އެހެންކަމުން މިކަމަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ؟

ޑްރަގް ކޯޓުން ކަށަވަރުކުރާނެ ކަންކަން

ދައުލަތުން ޑްރަގްކޯޓުގެ އިޚްތިޞާޞް ހިނގާ ފަރާތެއްގެ ދަޢުވާ އެކޯޓަށް ހުށަހަޅައިފިނަމަ، އެމީހަކީ އެކޯޓުގެ އިޚްތިޞާޞް ހިނގާ މީހެއްކަމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްތޯ ކޯޓުން ކަށަވަރުކުރާނެއެވެ. އަދި އެމީހަކީ، އެމީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ޑްރަގް ކޯޓުގެ އެންގުމަށް ހަދާ އެސެސްމެންޓް (އިންޑިކޭޓިވް އެސެސްމެންޓް) ހެދުމަށާއި، ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއްތޯ ކޯޓުން ކަށަވަރުކުރާނެއެވެ.

ދަޢުވާ އުފުލިފައިވާ މީހަކީ މިޝަރުތުތައް ފުރިހަމަވާ، ނަމަވެސް ކުރިން ދެންނެވިދިޔަ އިންޑިކޭޓިވް އެސެސްމެންޓް ހެދުމަށާއި، ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްނުވާ މީހެއްނަމަ، އެމީހެއްގެ މައްސަލަ ޑްރަގް ކޯޓަކުން ކުރިއަކަށް ނުގެންދާނެއެވެ. އަދި ރީހެބަށް ދިއުމުގެ ފުރުޞަތެއް އެމީހަކަށް ނުލިބޭނެއެވެ.

އިންޑިކޭޓިވް އެސެސްމެންޓް ހެދުން

ދަޢުވާ އުފުލިފައިވާ މީހަކީ މިޝަރުތުތައް ފުރިހަމަވާ އަދި އިންޑިކޭޓިވް އެސެސްމެންޓް ހެދުމަށާއި، ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ މީހަކުނަމަ، އެމީހެއްގެ މައްސަލަ ޑްރަގް ކޯޓުން ކުރިއަށް ގެންދިއުމަށް ނިންމާ، އިންޑިކޭޓިވް އެސެސްމެންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީއަށް ކޯޓުން އަމުރުކުރާނެއެވެ. އަދި މިފަދައިން އަމުރުކޮށްފިނަމަ، އިންޑިކޭޓިވް އެސެސްމެންޓް ކޯޓަށް ހުށަހަޅަންދެން ދަޢުވާ ލިބޭ ފަރާތް، ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައި ބަންދުކުރުމަށް ނުވަތަ ކަފާލާތުގެ އުޞޫލުން ނުވަތަ ޝަރުޠުތަކަކާއެކު ދޫކޮށްލުމަށްވެސް ކޯޓުން އަމުރުކުރާނެއެވެ.

ފަރުވާގެ ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވުން

ދަޢުވާ އުފުލިފައިވާ ފަރާތް ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާނީ، އިންޑިކޭޓިވް އެސެސްމެންޓްގައި އޭނާ ބައިވެރިވާންޖެހޭކަމަށް ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމްގައި ޢަމަލީގޮތުން ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމުގެ ކުޅެދުންތެރިކަން ހުރި މީހެއް ކަމުގައިވާނަމައެވެ. މިސާލަކަށް، ސިކުނޑިއަށް ކުރިމަތިވެފައިވާ އުނިކަމެއް ނުވަތަ ބައްޔެއްގެ ސަބަބުން ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ކުޅެދުންތެރިކަން ނެތްކަމަށް އިންޑިކޭޓިވް އެސެސްމެންޓްގައި ފާހަގަކޮށްފައިވާނަމަ، ފަރުވާގެ ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ މީހެއް ކަމުގައި ނުބެލެވޭނެއެވެ.

ފުރަތަމަ ޙުކުމް

ދަޢުވާލިބޭ ފަރާތަކީ ފަރުވާގެ ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ މީހެއްނަމަ، އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ އަޑުއަހައި، އޭނާ ކުށަށް އިޢުތިރާފްވާކަން ކަށަވަރުކުރުމަށްފަހު އެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ޙުކުމްކޮށް، އޭނާގެ މައްޗަށް ކޯޓުން އަދަބު ކަނޑައަޅާނެއެވެ. މި ޙުކުމަކީ ފުރަތަމަ ޙުކުމެވެ. އަދި މި ފުރަތަމަ ޙުކުމާއެކު، އެ ޙުކުމް ތަންފީޛުނުކޮށް ހިފެހެއްޓުމުގެ އަމުރެއްވެސް (ރިހެބިލިޓޭޝަން އަމުރު) ކޯޓުން ކުރާނެއެވެ. ފުރަތަމަ ޙުކުމަކީ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފިނަމަ މަޢާފްކުރެވޭނެ އަދި ފުރިހަމަނުކޮށްފިނަމަ އިޢާދަވާނެ ޙުކުމެކެވެ.

ރިހެބިލިޓޭޝަން އަމުރު

ފަރުވާގެ ޕްރޮގްރާމްގެ ދުވަސްވަރު އަމުރު ރައްދުވާ ފަރާތް ޢަމަލުކުރަންޖެހޭ ޝަރުޠުތަކާއި، ފަރުވާގެ ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު ރިހެބިލިޓޭޝަން އަމުރުގައި ހިމެނިގެންވާނެއެވެ. ރިހެބިލިޓޭޝަން އަމުރުގައި ބަޔާންކުރާގޮތާއި އެއްގޮތަށް އަމުރު ރައްދުވާ ފަރާތުން ފަރުވާ ޕްރޮގްރާމް ކުރިއަށް ނުގެންދާނަމަ، ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އެން.ޑީ.އޭ އިން ނުވަތަ ފަރުވާ ހޯދަމުންދާ ފަރާތް ބަލަހައްޓާ މަރުކަޒުން ނުވަތަ ފަރުވާ ހޯދަމުންދާ ފަރާތުންވެސް ކޯޓުގައި އެދެވިދާނެއެވެ. މިޙާލަތުގައި ކޯޓުން ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އަމުރުކުރާނެއެވެ. އަދި މިޙާލަތުގައި ފުރަތަމަ ޙުކުމް އިޢާދަވާނެއެވެ.

ފަހުގެ ޙުކުމް

ފަރުވާ ހޯދާ ފަރާތުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފިނަމަ، ރިހެބިލިޓޭޝަން އަމުރު ނިމުމަކަށްގެނެސް ފުރަތަމަ ޙުކުމް ބާޠިލުކޮށް ފަހުގެ ޙުކުމްކޮށް ނުވަތަ ފަހުގެ ޙުކުމްކުރުން ލަސްކޮށް ނުވަތަ ޝަރުޠުތަކަކާއެކު ނުވަތަ ޝަރުޠެއްނެތިވެސް، ދޫކޮށްލުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

ނިންމުން

މަސްތުވާތަކެތީގެ މައްސަލައަކީ ޖިނާއީ މައްސަލައެއްގެ އިތުރަށް، އެކަމުން އިޖުތިމާޢީ އެތައް މައްސަލަތަކެއް އުފަންވާ މައްސަލައެކެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކުރެވޭނީ، އެފަރާތްތަކަށް ލިބެންޖެހޭ ފަރުވާ ލިބިގެންނެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355