މިއީ އޭރު ވެސް މި ރަށަށް އެކަށީގެންވާ ރޯހައުސްތަކެއް ނޫނެވެ. އެކަމަކު ރައީސް ނަޝީދުގެ ވެރިކަމުގައި ހަދަން ފެށި މި ހައުންސިން ޕްރޮގުރާމުގެ ތެރެއިން ކުޅުދުއްފުށީ ތިން ސަރަހައްދެއްގައި ރޯހައުސްތަކެއް އިމާރާތްކޮށް، ދެ ސަރަހައްދެއްގައި މިހާރު އަންނަނީ މީހުން ދިރިއުޅެމުންނެވެ. ވެލިގަނޑު ސަރަހައްދުގައި ހުރި 100 ހައުންސިންގ ޔުނިޓްގެ މަސައްކަތް ހުއްޓިފަ ހުންނަތާ އެތަކެއް އަހަރެއްވީ އެވެ.
ރާއްޖޭގައި ވަކިން އެއްރަށެއްގެ ގޮތުގައި އޮންނަ އެންމެ ގިނަ ބަޔަކު ދިރިއުޅޭ ކުޅުދުއްފުއްޓަކީ ޒަމާނުންސުރެ ބޯހިޔާވަހިކަމަށް ޖެހިފަ އޮތް ރަށެވެ. އެހެންވެ މިރަށަށް މުހިންމު ވާނީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެންގުޅޭ ޕްލޭނެވެ. ކޭއޯއަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހައުންސިން ޔުނިޓްތަކަކީ ރަށަށް އެއްވެސް ވަރަކަށް އެކަށީގެންނުވާ ރޯހައުސްތަކެއް ކަމަށެވެ.
ބިމުގެ ބޮޑުބައެއް އިސްރާފުވާގޮތަށް، ވަރަށް އާދައިގެ ގޮތަކަށް އިމާރާތްކުރި މި ރޯހައުސްތަކަކީ އެއްވެސް އިރެއްގައި ލަތީފްއަށްވެސް ކަމުދިޔަ ހައުންސިންތަކެއް ނޫނެވެ.
ބިމުގެ ޖާގައިގެ މައްސަލަ އިންތިހާއަށް އޮތުމާއެކު ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް ޕްލޭން ހަދައި ވަކި ރަށަށް އެންމެ އެކަށީގެންވާ ހައުންސިން މަޝްރޫއުއެއް ހިންގުމަކީ މިހާރު ކައުންސިލަށް ވާދަކުރައްވާ ބައެއް ކެނޑިޑޭޓުންގެވެސް ބޭނުންވާ ކަމެކެވެ. މިހާރު އިމާރާތްކޮށްފައިވާ ރޯހައުސްތަކަކީ ބިމުގެ ޖާގައިގެ ބޮޑުބައެއް އިސްރާފުވާގޮތަށް ވަރަށް ފެންވަރު ދަށްކޮށް، އާދައިގެ ފަރުމާއަކަށް އިމާރާތްކޮށްފައިވާ ހައުންސިންތަކެކެވެ. އޭގެ މައްސަލަތައް ކުރިމަތިވާން ފަށާނީ ދިރިއުޅެން ފަށާތާ އަހަރެއްހާ ދުވަސްވުމުންކަމަށް އެތަނުގައި އުޅޭ ފަރާތްތަކުންވެސް ގަބޫލުކުރެ އެވެ.
އެ ރޯހައުސްތަކަކީ އެކަށީގެންނުވާ ރޯހައުސްތަކެއް ކަމަށް ވިދާޅުވަނީ ހަމައެކަނި ކައުންސިލްގެ ރައީސެއް އެކަންޏެއް ނޫނެވެ. އެ ވާހަކަ އެންމެންވެސް ދައްކަ އެވެ. ކުރީގެ ހައުންސިން މިނިސްޓަރު އާތިފާ ޝަކޫރު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ކައުންސިލުން ވަނީ ވެލިގަނޑު ސަރަހައްދުގައި އިމާރާތްކޮށް ހުއްޓިފައި ހުރި ހައުންސިން ޔުނިޓްތައް ތަޅާލުމަށްފަހު އެތަނުގައި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަކަށް ފެންވަރު ރަނގަޅު އުސް އިމާރާތްތަކެއް އެޅުމަށް އެދުނެވެ. އެކަމަކު އެ ދުވަހުވެސް އެކަމަނާ އެކަމަށް ދެކޮޅޫ ހެއްދެވި އެވެ. ވިދާޅުވީ، އެ ރޯހައުސްތަކުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ބަޖެޓްކުރެވިފައިވާ ވާހަކަ އެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ސަރުކާރުގެ ކޯލިޝަނަށް ތާއިދުކުރައްވާ ކެނޑިޑޭޓެއް ވިދާޅުވީ، ސަރުކާރުން ބޭނުންވާހާ ގޮތަށް ކަންކަން ކުރިއަށްގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ސަރުކާރާއި ވާހަކަ ދައްކައިގެން އެކަށީގެންވާ ހައްލު ހޯދައިދޭނެ ކަމަށެވެ.
އަންނަ ކައުންސިލަށްވެސް އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވާނީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުންކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ހިތްހަމަޖެހިލައިގެން އުޅެވޭނެ ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދޭނެ ކަމަށެވެ.
ކުޅުދުއްފުށީގައިވެސް ބޯހިޔާވަހިކަން ބޭނުންވާ ގާތްގަނޑަށް 2000 އަށްވުރެ ގިނަ މީހުން އުޅޭނެކަމަށް ލަފާކުރެވޭއިރު މިހުރިހާ ރައްޔިތުންގެވެސް އުންމީދަކީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ އެކަށީގެންވާ ރަނގަޅު ބޯހިޔާވަހިކަމަކަށެވެ. ރައްޔިތުންގެ އުންމީދަކީ އެއީ އެވެ. ރައްޔިތުން އެދުމަށް ފުރަގަސްދީ މިހާރުވެސް އިމާރާތްކޮށްފައިވާ ރޯހައުސްތައް ފަދަ އާދައިގެ އިމާރާތްތަކެއް އަޅާނަމަ އެއީ މިބޮޑު އާބާދީގެ ރައްޔިތުންނަށް ކުރާ މަލާމާތަކަށް ނޫނީ ނުވާނެކަން ޔަގީނެވެ.