އިންޑިޔާގެ ހިލޭ އެހީގެ ދަށުން ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ގާއިމްކުރި ސެން ޔުނިޓް މައްސަކަތް ނިންމާ އެތަން ސްކޫލާ ހަވާލުކޮށްފި އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސް ވިދާޅުވީ އިންކްލޫސިވް އެޑިއުކޭޝަން ނުވަތަ ސާމިލްކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން އެ ސްކޫލުގައި އެފަދަ ކުދިންނަށް ކިޔަވައި ދެމުން އަންނަނީ އެހެން ދަރިވަރުންނާއި އެކުކަމަށެވެ.
އެހެން ދަރިވަރުންނާ އެކު ކިޔަވައި ދިން ނަމަވެސް އެފަދަ ދަރިވަރުން ޓީޗަރުންނާ އެކު ވަން އޮން ވަން ކްލާސްތަނެއް ނަގަމުން ގެންދާ ކަމަށާއި ސެން ޔުނިޓް ގާއިމު ކުރުމުގެ ކުރިން އެ ގަޑިތައް ނަގައިދިނުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ތަނުގެ ދަތިކަންކަމަށް ނާސިހާ ވިދާޅުވި އެވެ.
ސެން ޔުނިޓްގެ ސަބަބުން ވަން އޮން ވަން ކްލާސްތަށް ނަގަދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށާއި ދަރިވަރުންނާ ޓީޗަރުންވެސް ހިތްހަމަޖެހޭ މާހައުލެއްގައި ކިޔަވައިދިނުމަށް މަގުފަހިވެގެން ދާނެކަމަށެވެ.
މީގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެންނައިރު އެތަކެތިވެސް އެއީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ސްކޫލަށް ފޯރުކޮށްދޭ ތަކެއްޗެވެ. އަދި މި އެހީގައި ދަރިވަރުންނަށް ފަސޭހަ ވާނެހެން ވޯކްވޭ ހެދިގެން ދާނެ ކަމަށާ ޓީޗަރުންވެސް ޓްރެއިން ކުރެވިގެން ދާނެ ކަމަށް ނާސިހާ ވިދާޅުވި އެވެ.
މިވަގުތު އެ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ 24 ދަރިވަރަކު ތައުލީމް ހާސިލް ކުރަމުން ގެންދެއެވެ. ސެންޔުނިޓުގައި ކިޔަވައި ދިނުމަށް ކޯނާސްތައް ވަކިކޮށްފައިވާ ބޮޑުހޯލެއް ހިމެނޭއިރު، ސްޓާފް ރޫމެއްގެ އިތުރުން ދަރިވަރުންނާއި ޓީޗަރުން ބޭނުން ކުރަން ދެ ފާހާނާ ގާއިމް ކޮށްފައި ވެއެވެ.