މޯލްޑިވްސް އިންޑްލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) އިން "އިންކަމް ޓެކްސް އެވެއަރނަސް ޕްރޮގްރާމް" ކުރިން ގެންދިއުމަށް ނިންމައިފި އެވެ. މި ޕްރޮގްރާމަކީ އާމްދަނީން ނަގާ ޓެކުހަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މާޗު މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ ވިޔަފާރިތަކާއި، ސްކޫލްތަކަށާއި އާމްދަނީލިބޭ އެންމެހައި ފަރާތްތަކަށް ކަމަށް މިރާއިން މައުލޫމާތު ދެއެވެ.
ކޮވިޑާއި ގުޅިގެން މި ޕްރޮގްރާމް މި ޕްރޮގްރާމް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދިއަ ނަމަވެސް ހާލަތަށް ބަލައި މީރާގެ ބްރާންޗްތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރައްވައިގެން ނުވަތަ މީރާގެ އީމެއިލް mira.gov.mv@1415 އަށް އީމެއިލްކުރައްވައިގެން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނަން ނޯޓްކުރުމުގެ ފުރުސަތު މީރާއިން ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން ފާއިތުވި އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީތެރިވެދިނުމަށް މާޗް މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ހާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދަން މީރާ އިން ވަނީ ނިންމާފައެވެ.
އަދި ފާއިތުވި އަހަރު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިހްތިޔާރުކޮށްފައިވާ ފަރާތްތަކުން 2020 ވަނަ އަހަރަށް އެފަރާތުން ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާނަމަ އެ ފުރުސަތުވެސް މީރާއިން ވަނީ ހުޅުވާލާފައެވެ.