twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުމުންދޫ ތަރައްގީގެ ތަސައްވަރު، ރައްޔިތުން މާލީ ފުދުންތެރިކަން ހޯދައިދީ އަބުރުވެރި ދިރިއުޅުމެއް ފަހިކޮށްދިނުން

އަބްދުލް ވާހިދު ޙަސަން
Apr 3, 2021
2

ތަސައްވަރެއް ނެތްތަނެއްގައި ކުރިމަގެއް ބިނައެއް ނުކުރެވޭނެކަމަށާއި ތަސައްވަރެއް އެކުލަވާލައި އެއަށް މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ؛ މިއީ ކުމުންދޫ ކައުންސިލްގެ ރައީސް އެ ކައުންސިލުން ތައްޔާރުކުރި ދުރު ރާސްތާގެ ތަރައްގީ ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަން ފަށަމުން ވިދާޅުވި ޖުމްލަ އެވެ.

ކުމުންދޫ އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް ކައުންސިލުން އިސްވެ އޮވެ ފަށާފައިމިވާ މަސައްކަތް ކުރިއަށްގެންދަން ބޭނުންވާ ގޮތް ރައްޔިތުންނަށް ހިއްސާކުރީ ދުރު ރާސްތާގެ ތަރައްގީގެ ޕްލޭނަކާ އެކު އެވެ. އެ ޕްލޭންގެ މައިގަނޑު މަގުސަދަކީ އިގްތިސޯދީގޮތުން ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމެވެ.

ރަށަށް އާރޯކަމާއި ފާގަތިކަން ގެނެސްދޭނެ އުންމީދީ ވާހަކަތަކެއް ތަރައްގީގެ ޕްލޭންގައި ހިމަނާފައިވާއިރު މި ޕްލޭން ވަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލެވިފަ އެވެ. އެއީ އިގްތިސޯދީ ފުދުންތެރިކަން، ތިމާވެއްޓާއި ރައްޓެހި ފެހިފެހި ވެއްޓެއް ގާއިމުކުރުން، ރަށު ފަތުރުވެރިކަމާއި މެޑިކަލް ޓޫރިޒަމާއި ރަށުގެ ހުރިހާ ރައްޔިތުން ޝާމިލުވާ ދެމެހެއްޓެނިވި ދިރިއުޅުމެއް ގާއިމުކުރުމެވެ.

ކުމުންދޫ ކައުންސިލުން ވިލަރެސްކޮށް ފަރުމާކުރެވިފައިވާ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަކީ ރައްޔިތުން ކުރެވޭ މުހިންމު މަސައްކަތެއް އެގޮތުން ގެސްޓް ހައުސް ވިޔަފާރިއަށާއި ޝޮޕިންގ މޯލް އެޅުމަށް އަދި ކެފޭ ރެސްޓޯރަންޓް އެޅުމަށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރިއަށް އަދި މެޑިކަލް ޓޫރިޒަމަށް ބިންދޫކުރެވިގެންދާނެ އެވެ.

މި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއު ގެ މައި މަގުސަދަކީ ކުމުންދޫގެ ރަށްވެހިންނަށް މާލީ ފުދުންތެރިކަން ލިއްބައިދީ އަބުރުވެރި ދިރިއުޅުމެއް ފަހިކޮށްދިނުމެވެ. އަދި ކުމުންދޫގެ ތިމާވެށި ރައްކާތެރިކޮށް ވަށައިގެންވާ ގުދުރަތީ ފެހި ނަލަކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށްޓަކާ ތިމާވެށި ފުރިހަމަކަން ބަލަހައްޓާ ކުރިމަގުގައި ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަކީ ކުމުންދޫ ކައުންސިލްގެ ލަނޑުދަނޑިއެއްކަމަށް ޕްލޭންގައި ހިމަނާފަވެ އެވެ.

ދުރު ރާސްތާގެ ތަރައްގީގެ މި ޕްލޭންގައި ކުމުންދޫގެ ފެންފަށަލަ އާއި ވާރޭފެން ރައްކާކުރުމާއެކު ރަށުގައި އުފެދޭ ފެން ހިނދާ ދަނޑުވެރިކަމަށް ފެން ލިބޭނެ އިންތިޒާމު ހަމަޖެހޭނެ އެވެ. އަދި އަތިރިމައްޗާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ރަށް ވަށައި ތޮށިލައި ޖިއޯ ބޭގްސް ބެހެއްޓި ފެހި ނަލަ ތިމާވެއްޓެއް، ގާއިމުވެފައިވާ ރަށަކަށްވާނެ ކަމަށެވެ.

ރަށަށް އިގްތިސޯދީ ފުދުންތެރިކަން ގެނައުމަށްޓަކާއި ރަށު ފަތުރުވެރިކަން ތައާރަފުކުރެވި ޖަޒީރާވަންތަ ޗާލު ހިތްގައިމު ވެއްޓެއް ލިބިފައިވާ ކަނޑޫފާތަކާއި ކުޅިތައް އަދި އަތިރިމަތިތައް ރާއްޖޭގެ އަދި ބައިނަލްއަގްވާލީ ފަތުރުވެރިނަށް ބޭނުންވާނެ ވަސީލަތްތަކާއެކު ގެސްޓް ހައުސް އާއި ހޯމްސްޓޭ ވިޔަފާރި ތައާރަފުކުރެވޭނެ ކަމަށެވެ.

"ފަތްޕިލާވެލީގެ ބޭސް ވެރިކަމާއި އަޔުރުވެދިކް މެޑިކަލް ކްލިނިކްގެ ހިދުމަތް ފެށި މެޑިކަލް ޓޫރިޒަމަށް ރަށް ފަހިވެގެންދާނެ. މިކަންކަމުން ރަށްވެހިގެ ޖީބަށް ވަންނަ ނަފާ އިތުރުވެ ހިތްހަމަޖެހޭ ދިރިއުޅުމަކަށް ދޮރުތައް ހުޅުވާލެވިގެންދާނެ." ކުމުންދޫ ދުރު ރާސްތާގެ ތަރައްގީގެ ޕްލޭންގައިވެ އެވެ.

ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް ކާމިޔާބުކަމާއެކު ވިޔަފާރި ކުރިއެރުމުގެ ތަނަވަސްވެ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅޭ ރައްޔިތުންތަކެއް ބިނާކުރުމަށް ގޯތިތެރޭގައި ތަރުކާރީ މޭވާ ހެއްދުމަށް އިތުރުން ހުރިހާ ރައްޔިތުން ޝާމިލުވާނެހެން ރައްޔިތުންގެ ދަނޑެއް ގާއިމުކުރުމާއި ދަނޑުވެރިކަމަށް ހާއްސަ ދަނޑުތައް ހެދިގެންދާނެ އެވެ. މިކަން ކުރާނީ އެކަމާ ގުޅުން ހުރި މާހިރުން ލައްވައި ތަމްރީނު ދެވިގެންކަމަށް ޕްލޭންގައިވެ އެވެ.

ޕްލޭންގައި އިތުރަށް ހިމަނާފައިވަނީ ރަށު ކައުންސިލުން ވަރުގަދަ ޒުވާން ޖީލެއް ބިނާކުރުމަށް ކުމުންދޫގައި ކުޅިވަރު އެކުވެނިތަކެއް ގާއިމުކުރެވޭނެ ކަމަށާއި މި މަރުކަޒުތަކުގައި ވޯޓަރ ސްޕޯޓްސް އާއި ޑައިވިންގވެސް ހިމެނޭގޮތަށް ތަފާތު ކުޅިވަރުތަކުގެ ތަމްރީންތައް ހިނގާނެ ކަމަށެވެ. އަދި އަދި ގައުމީ ފެންވަރުގެ ފުޓްބޯޅަ އެކަޑަމީއެއް ގާއިމުކުރަންވެސް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުން އުންމީދުކުރާ އާ އިގްތިސޯދީ ރަށްވެހި ތަރައްގީ ރަށަށް ލިބިގެންދާނެކަމަށެވެ. އެގޮތުން ރަށްވެހި ޕާރކެއް އަދި ވޯޓަރ ތީމް ޕާރކެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

ކުމުންދޫގައި ރޯހައުސްތަކެއް ބިނާކުރުމަކީ އެރަށުގެ ދިގު ރާސްތާ ޕްލޭންގައި މުހިންމު ބައެއް ކަމަށާއި މި ރޯހައުސްތަކަކީ ރެޑީމޭޑް ރީފެބްރިކޭޑެޓް ފަސޭހަކަމާއެކު ރާވާ ގެތަކަކަށްވާނެ ކަމަށެވެ. މީގެ ބޭނުމަކީ ވީހާވެސް ބޮޑަށް ކޮންކްރިޓް ޖަންގަލި އުސޫލު ވީހާވެސް ނުގެންގުޅެ، ޖީބަށް ލުއި ދިރިއުޅެން ތަނަވަސް އަދި ތިމާވެއްޓާއި ރަށްޓެހި ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް އެ ޕްލޭންގައިވެ އެވެ.

މި ޕްލޭން އިފްތިތާހުކުރުމަށް އަންގާރަ ދުވަހު އެރަށު ސްޓޭޖް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގިނަ ރައްޔިތުންތަކެއް ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355