twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ގަންނަ ފަރާތުގެ ޙައްޤު - ވިއްކާ ފަރާތުގެ ޒިންމާ

Apr 8, 2021

ގަންނަން ބޭނުންވާ މުދަލުގެ އަގު ފެންނަން ހުރޭތޯއެވެ؟ ނުވަތަ ވިއްކި މުދަލަކީ ހަލާކުވެފައިވާ މުދަލެއްތޯއެވެ؟ މުދަލެއް ގަތުމުގައި ގަންނަ ފަރާތުގެ ޙައްޤުތަކާއި ހަމައެހެންމެ، މުދާ ވިއްކާ ފަރާތުން މުދާ ވިއްކުމުގައި އަދާކުރަންޖެހޭ ޒިންމާތަކެއްވެސް ޤާނޫނުގައި ބަޔާންކުރެވިގެން ގޮސްފައިވެއެވެ. ނަމަވެސް މި ޙައްޤުތަކާއި ޒިންމާތަކަކީ، ފަހަރުގައި އަޅުގަނޑުމެންނަށް ނޭނގި ހުރެދާނެ ކަންތައްތަކަކަށް ވެދާނެއެވެ. އެހެންކަމުން މުދަލެއް ގަންނަ ފަރާތާއި އަދި ވިއްކާ ފަރާތުގެ ޙައްޤުތަކަށް ބަލާލަމާތޯއެވެ؟

ގަންނަ ފަރާތުގެ ޙައްޤުތައް

މުދާ ގަންނަ ފަރާތަށް ގަންނަ މުދަލާއި ގުޅިގެން ޙައްޤުތަކެއް ލިބިދީފައިވެއެވެ. އެގޮތުން ގަންނަ ފަރާތުން ގަތް މުދާ ވިއްކާއިރު، އެ މުދަލަކީ އޭގައި ކޮންމެހެން ހުންނަޖެހޭ ޝަރުޠުތަކަށް ނުފެތޭ މުދަލެއްކަމުގައިވާނަމަ، އެކަށީގެންވާ މުއްދަތެއްގައި އެ މުދާ އަނބުރާ ވިއްކާ ފަރާތަށް ރައްދުކުރުމުގެ ޙައްޤު މުދާ ގަންނަ ފަރާތަށް ލިބިގެންވެއެވެ. އެހެންނޫންނަމަ، އެ މުދަލެއް ގަތުމަށް ދިން އަގު ނުވަތަ އެ މުދަލުގެ ބަދަލުގައި ހަމަ އޭގެ މުދަލެއް ލިބިގަތުމުގެ ޙައްޤު ނުވަތަ މުދަލުން ބައެއް ރައްދުކުރުމުގެ ޙައްޤު، މުދާ ގަންނަ ފަރާތަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މުދާ ގަތް ފަރާތުން އެ މުދަލުގެ އަސްލު ގެއްލޭގޮތަށް އެ މުދަލުގެ ބަޔަކަށް ނުވަތަ މުޅި މުދަލަށް ބަދަލެއް ގެނެސްފައިވާނަމަ، އެމުދާ އަނބުރާ ރައްދެއް ނުކުރެވޭނެއެވެ.

ހަމައެހެންމެ، މުދަލަކީ ހަލާކުވެފައިވާ މުދަލެއްނަމަ ނުވަތަ އެ މުދަލަކީ ފުރިހަމައަށް ބޭނުން ނުކުރެވޭ ގޮތަކަށްހުރި މުދަލެއްނަމަ، އެ މުދަލެއް ގަންނަ ފަރާތަކަށް، އެ މުދަލެއް ގަތުމުގެ ކުރިން އެކަން އެނގުމުގެ ޙައްޤު ލިބިގެންވެއެވެ. މީގެ އިތުރުން، ގަންނަ މުދަލަކީ ހަލާކުވެފައިނުވާ އަދި އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ މުދަލެއްކަން ދެނެގަތުމަށްޓަކައި، ޓެސްޓުކުރެވޭ ބާވަތުގެ މުދަލެއްނަމަ ވިއްކާ ފަރާތުގެ ހާޒިރުގައި އެ މުދަލެއް ޓެސްޓުކުރުމުގެ ޙައްޤު، މުދާ ގަންނަ ފަރާތަށް ލިބިގެންވެއެވެ.

އަދި ހަމައެހެންމެ، ގަންނަ މުދަލުގައި ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަ ނުވާތީ ނުވަތަ ވިއްކާ ފަރާތުން ޤާނޫނީގޮތުން އެފަރާތަށް ލާޒިމްކުރެވިފައިވާ ކަމަކާއި ޚިލާފުވުމުގެ ސަބަބުން ގަންނަ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް، ކޮންސިއުމަރ އޮމްބަޑްސްމަނަށް ނުވަތަ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤުވެސް ގަންނަ ފަރާތަށް ލިބިގެންވެއެވެ.

ވިއްކާ ފަރާތުގެ ޒިންމާތައް

މުދާ ގަންނަ ފަރާތަށް ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ވިއްކާ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް ވެއެވެ. އެގޮތުން އެމުދަލެއްގައި، އެމުދަލެއް އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚް ފަދަ މަޢުލޫމާތުތައް ފެންނަން ހުރިކަން ކަށަވަރުކުރުމަކީ، ވިއްކާ ފަރާތުގެ ޒިންމާއެކެވެ. ހަމައެހެންމެ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިސްތިސްނާކުރާ މުދަލެއް ފިޔަވައި އެހެން މުދަލެއް ވަކިން ވިއްކާނަމަ ނުވަތަ ގަނޑުކޮށް ވިއްކާނަމަ، އެ މުދަލެއް ވިއްކާ އަގު މުދަލުގައި ނުވަތަ މުދާ ގަންނަ މީހުންނަށް ފެންނަގޮތަށް އެތަނެއްގައި ލިޔެފައި ބެހެއްޓުމަކީ، ވިއްކާ ފަރާތުގެ ޒިންމާއެކެވެ.

މީގެ އިތުރުން، މުދަލެއް ވިއްކިކަމުގެ ރަސީދެއް ހޯދުމަށް ގަންނަ ފަރާތަކުން އެދިއްޖެނަމަ މުދަލުގެ ނަމާއި، އަދަދާއި، ބާވަތާއި، އަގު އަދި މުދާ ވިއްކި ފަރާތުގެ ނަމާއި، އެޑްރެހާއި އަދި ވިއްކި ތާރީޚް ހިމެނޭ ރަސީދެއް މުދާ ގަންނަ ފަރާތަށް ދިނުމަކީ، މުދާ ވިއްކާ ފަރާތުގެ ޒިންމާއެކެވެ. އަދި ވިއްކާ މުދަލަކީ، ބޭނުންކުރުމުގެ މުއްދަތު ހަމަވެފައިނުވާ ނުވަތަ ހަލާކުވެ ނުވަތަ ނުބައިވުމުގެ ސަބަބުން ބޭނުންކުރުމަށް އެކަށީގެންވާ ތަކެތި ކަން ކަށަވަރުކުރުމަކީވެސް، ވިއްކާ ފަރާތުގެ ޒިންމާއެކެވެ.

ކުރުން މަނާ ކަންކަން

މުދާ ވިއްކާ ފަރާތުން މުދާ ވިއްކުމުގައި ވަކި ފަރާތެއް ނަހަމަގޮތުގައި ތަފާތުކޮށްގެން ނުވާނެއެވެ. ހަމައެހެންމެ، މުދަލެއް މާކެޓްކުރުން ނުވަތަ މުދަލެއް ފޯރުކޮށްދިނުންފަދަ ކަންކަމުގައި، މުދާ ވިއްކާ ފަރާތުން ބާރުގެ ބޭނުންކުރުން ނުވަތަ ގަދަކަމުން ނުވަތަ އިންޞާފުވެރިނޫން ވިޔަފާރީގެ އުކުޅުތައް ބޭނުންކުރުން ނުވަތަ އެނޫންވެސް އެކަށީގެންނުވާ ޢަމަލެއް ކޮށްގެންނުވާނެއެވެ.

މީގެއިތުރުން މުދަލެއް ގަންނަމީހާ، އެ މުދަލަކާއެކު އެހެން މުދަލެއް ގަތުން ޝަރުޠުކޮށް ނުވަތަ އެ މުދަލެއް ގަތުމަށްޓަކައި އެ މުދަލެއްގެ އަގު ދިނުމުގެ އިތުރަށް އެހެންކަމެއް ކުރުމަށް ޝަރުޠުކޮށް، މުދާ ވިއްކައިގެން ނުވާނެއެވެ. އަދި މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެ ނުވަތަ ނުބައިވުމުގެ ސަބަބުން ބޭނުންކުރުމަށް އެކަށީގެންނުވާ ތަކެތި ވިއްކާގެން އަދި ވިއްކަން ބަހައްޓައިގެން ނުވާނެއެވެ.

ނިންމުން

ރާއްޖޭގެ ޤާނޫނުން މުދާ ގަނެވިއްކުމުގައި ފޯރުކޮށްދީފައިވާ ޙައްޤުތަކާއި ރައްކާތެރިކަން، އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭނީ، އެ ޙައްޤުތަކާއި ރައްކާތެރިކަމަކީ ކޮބާކަން އެނގިގެންނެވެ. އަދި މިއީ ވިޔަފާރިކޮށް އުޅުމުގައި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށް މުހިއްމު ކަމެކެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355