މި ރޯދަމަހު އެންމެ ގިނައިން ބަދިގޭގައި ބޭނުން ކުރެވޭނެ އެކައްޗަކީ ޕާނެއެވެ. އަހަރެމެން އާންމުކޮށް ބޭނުން ކުރާ ވީޓް ބްރެޑަށް ވުރެ އޯޓް ބްރެޑް ސިއްހަތަށްވެސް މާ ފައިދާވާނެ އެވެ. އަދި މިއީ ތައްޔާރުކޮށްލަން ވެސް ވަރަށް ފަސޭހަ އެއްޗެކެވެ.
އޯޓް ފްލޯރ ގަންނަ ނުލިބޭނަމަ މިއީ ގޭގައިވެސް ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ. އެގޮތުން އޯޓް ބްލެންޑަރަކަށް އަޅައިގެން ހިމުންކޮށްލެވޭނެއެވެ.
ފުރަތަމަ 175 ސެލްސިއަސްގައި އަވަން ހޫނު ކުރަން ޖައްސާލާށެވެ. އެއަށްފަހު ތައްޓަކަށް އޯޓް ފްލޯރ، ބޭކިން ޕައުޑާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ލޮނުކޮޅުވެސް އެއްކޮށްލާށެވެ. ލޮނު އަޅަން ބޭނުން ނުވާނަމަ އޯޓް ފްލޯރއާއި ބޭކިން ޕައުޑާ އެއްކޮށްލުމަށްފަހު ޔޯގަޓްކޮޅު އެއްކޮށްލާށެވެ. ޔޯގަޓްކޮޅު ތައްޓަށް އަޅަމުންދާއިރު މަޑުމަޑުން އެއްކުރަމުން ގެންދަން ވާނެއެވެ. މާމުތް އަޅަން ބޭނުންނަމަ ޔޯގަޓާއެކު މާމުތް އެޅިދާނެއެވެ.
ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ފާން ފިހަން ބޭނުން ކުރާ ތައްޓަކަށް ފުއްގަނޑު ލާށެވެ. ފުށްގަނޑުލުމުގެ ކުރިން ޕާން ފިހާ ތަށީގައި ފުއްގަނޑު ތަތްނުލަވާނެހެން ބޭކިން ޕޭޕާ އެޅުން ނުވަތަ ތެޔޮކޮޅެއް ހާކާލުން މުހިއްމެވެ. އަވަން ގަޑިޖައްސާނީ 40-45 މިނެޓާ ދެމެދު ގަޑިއަކަށެވެ.
މި ޕާން ސޭންޑްވިޗް ނުވަތަ ރޯސް ޕާން ފަދަ ތަކެތި ހެދުމަށެވެސް ބޭނުން ކުރެވިދާނެއެވެ.