ފަތުރުވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގައި އެންމެ ގިނަ ބަޔަކު މަސައްކަތްކުރާ އެއް ދާއިރާއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބެންޖެހޭ ސަރވިސް ޗާރޖް ނުލިބޭ ވާހަކައަކީ ގިނައިން އަޑުއިވޭ ވާހަކައެކެވެ. ހަމަ މިގޮތަށް، ރިސޯޓުތަކުން ސަރވިސް ޗާރޖް ދިނުމުގައި މަކަރުހަދާކަމުގެ ޝަކުވާއަކީވެސް ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. ވީމާ ސަރވިސް ޗާރޖް ދިނުމުގައި ޤާނޫނުގައި އޮތްގޮތަށް ބަލާލަމާތޯއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓްތަކާއި، ޓްރާންސިޓް އަދި ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަރގްރޭޓެޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުންނާއި، އެފަދަ ތަންތަނުގައި ޤާއިމުކޮށްފައިވާ ޑައިވިންގ ސްކޫލްތަކާއި ސެންޓަރުތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، އެކްސްކަރޝަން ހަރަކާތްތަކާއި، ކެފޭ، ރެސްޓޯރަންޓް ކެންޓީންފަދަ ތަންތަނުންވެސް، ސަރވިސް ޗާރޖްގެ ގޮތުގައި ފޯރުކޮށްދޭ ކޮންމެ ޚިދުމަތެއްގެ އަގުގެ 10% އަށްވުރެ މަދުނޫން އަދަދަކުން ސަރވިސް ޗާރޖް ނެގުން ޤާނޫނު ލާޒިމުކުރެއެވެ. އަދި ޚިދުމަތެއް ފޯރުކޮށްދިނުމަށް 'އައުޓްސޯސް' ކޮށްގެން، އެހެން ވިޔަފާރިއެއް މެދުވެރިވެގެންދޭ ޚިދުމަތުންވެސް ސަރވިސް ޗާރޖް ނެގުން ލާޒިމެވެ.
ނަމަވެސް، މި ޚިދުމަތްތައް ފޯރުކޮށްދޭ މުވައްޒަފުންނަށް ޚިދުމަތްދޭން ޚާއްޞަކުރެވިފައިވާ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަ ފަދަ ތަންތަނުންދޭ ޚިދުމަތުންނާއި، އެފަދަ ތަންތަނުން ވިއްކާ މުދަލުން ސަރވިސް ޗާރޖް ނެގުން ލާޒިމެއްނޫނެވެ.
ކޮންމެ އުޞޫލެއްގެ ދަށުން ނުވަތަ ކޮންމެ ގޮތަކަށް ޚިދުމަތުގެ އަގު ޚިދުމަތް ލިބުނު ފަރާތުން ދެއްކި ކަމުގައިވިޔަސް، ޚިދުމަތުގެ ސަރވިސް ޗާރޖް ލިބުނު ވަގުތު ކަމުގައި ބަލާނީ، ޚިދުމަތް ލިބިގަންނަ ފަރާތަށް ޚިދުމަތް ލިބުނު ވަގުތަށެވެ. އެއް ވިޔަފާރިއެއްގެ ދަށުން ހިންގާ ވަކިވަކި ވިޔަފާރިތަކުން ނަގާ ސަރވިސް ޗާރޖުގެ ފައިސާ ހިސާބުކޮށް ބަހަންވާނީ އެއްކޮށެވެ.
ނަމަވެސް، ވަޒީފާދޭ ފަރާތުން ވަކިވަކި ތަންތަނުގައި ހިންގާ ވިޔަފާރިން ނަގާ ސަރވިސް ޗާރޖާއި އަދި އައުޓްސޯސް ކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ހިންގާ ވިޔަފާރިއަކުން ނަގާ ސަރވިސް ޗާރޖް، އެއްކޮށް ހިސާބުކޮށް ބަހައިގެން ނުވާނެއެވެ. ސަރވިސް ޗާރޖް ބަހާއިރު ބަހަންވާނީ، އެ ޚިދުމަތެއް ދިނުމުގައި ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވާ ހުރިހާ މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތިއެވެ.
ސަރވިސް ޗާރޖުގެ ފައިސާއިން ދުވާލަކަށްޖެހޭ މިންވަރު ހިސާބުކުރާނީ، ކޮންމެ މަހަކުވެސް ސަރވިސް ޗާރޖުގެ ގޮތުގައި ބަހަން ލާޒިމުވާ ޖުމްލަ ފައިސާ، އެމަހެއްގައި އެތަނެއްގެ ހުރިހާ މުވައްޒަފުން މަސައްކަތްކުރި ޖުމްލަ ދުވަސްތަކުން ގެއްލައިގެންނެވެ. ސަރވިސް ޗާރޖުގެ ގޮތުގައި މުވައްޒަފަކަށް ޙައްޤުވާ މިންވަރު ކަނޑައެޅުމަށް ސަރވިސް ޗާރޖުގެ ފައިސާއިން ދުވާލަކަށް ޖެހުނު މިންވަރާއި، ކޮންމެ މަހަކުވެސް އެ މުވައްޒަފަކު ވަޒީފާ އަދާކުރި ދުވަސްތަކުގެ އަދަދާއި ގުނަކުރުމުން ލިބޭނެއެވެ. މިފަދައިން މުވައްޒަފު ޚިދުމަތްކުރި ދުވަސްތައް އަދަދުކުރުމުގައި، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުސާރަ ލިބޭގޮތަށް މުވައްޒަފަށް ޙައްޤުވާ އެކިއެކި ޗުއްޓީ ދުވަސްތައް ހިމެނޭނެއެވެ. މާނައަކީ، ޤާނޫނުން މުވައްޒަފަށް ޙައްޤުވާ ޗުއްޓީއެއްގައި ހުރުމަކުން އަދި އޮފް ދުވަހުގައި މަސައްކަތަށް ނުނިކުތުމަކުން، ސަރވިސް ޗާރޖުން އުންޏެއް ނުކުރެވޭނެއެވެ. ފާއިތުވެދިޔަ މަހު ސަރވިސް ޗާރޖުގެ ގޮތުގައި ލިބުނު ފައިސާ، ހިނގަމުންދާ މަސް ނިމުމުގެކުރިން މުވައްޒަފުންނަށް ދިނުން ޤާނޫނު ލާޒިމުކުރެއެވެ.
ސަރވިސް ޗާރޖު ނަގާ އެއްވެސް ފަރާތަކުން ޤާނޫނާ ޤަވައިދާ އެއްގޮތަށް ސަރވިސް ޗާރޖު ނުދޭނަމަ، އެވިޔަފާރިއެއްގެ ކުޑަބޮޑުމިނަށް ބަލާ 100،000ރ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ލެބަރ ރިލޭޝަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ސަރވިސް ޗާރޖާ ބެހޭގޮތުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބެލެހެއްޓުމަށް ޤާނޫނުން އަންގާ މަޢުލޫމާތު ބަލަހައްޓަމުން ނުދާނަމަ ނުވަތަ އެފަދަ ފަރާތެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން އަންގާގޮތެއްގެ މަތިން އެއިދާރާގައި ރަޖިސްޓްރީވެފައިނުވާނަމަ، ފުރަތަމަ ފަހަރު 10,000ރ އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 50,000ރ އިން ޖޫރިމަނާކުރުމުގެ ބާރުވެސް އެ އޮތޯރިޓީއަށް ލިބިގެންވެއެވެ. ހަމައެހެންމެ، އިސްވެދެންނެވުނު މަޢުލޫމާތުތައް އެ އޮތޯރިޓީއަށާއި މީރާއަށް ޤާނޫނާއި ޤަވައިދާ އެއްގޮތަށް ހުށަނާޅާނަމަ، ފުރަތަމަ ފަހަރު 25,000ރ އަށްވުރެ ބޮޑުނޫން އަދަދަކުން އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 50,000ރ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށްފާނެއެވެ.
ސަރވިސް ޗާރޖު ލިބުމުގެ ޙައްޤަކީ، ސަރވިސް ޗާރޖު ނަގާ ޚިދުމަތްތައް ފޯރުކޮށްދިމުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ޙައްޤެކެވެ. ވީމާ، ވަޒީފާދޭ ފަރާތުން ސަރވިސް ޗާރޖު ނުދޭނަމަ ނުވަތަ ދިން ނަމަވެސް ސަރވިސްޗާރޖަށް މަކަރުހަދާނަމަ، އެކަން ކަމާބެހޭ ފަރާތުގެ ސަމާލުކަމަށް ގެނައުމަކީ މުހިއްމު ކަމެކެވެ.
އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު