twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވެކްސިން ފުރިހަމަކުރާ ޓޫރިސްޓުންނަށް ޕީސީއާރް ޓެސްޓު ނުހަދަ ރާއްޖެ އާދެވޭނެ

ޚަދީޖާ އާދަމް
Apr 17, 2021

ކޮވިޑް19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ޓޫރިސްޓުންނަށް ޕީސީއާރް ނެގެޓިވް ރިޒަލްޓް ނެތި ރާއްޖެ އެތެރެވެވޭ ގޮތަށް، ލުއި ދީފި އެވެ.

ކޮވިޑް އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަދަލުގެންނަން ވަނީ ނިންމައިފަ އެވެ. މި ފިޔަވަޅުތަކާއެކު ރާއްޖެއަށް ދަތުރުކުރަން ފަސޭހަވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނީ ފަަތުރުވެރީން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ޑޭކެއާ ސެންޓާރުތަކާއި ސްކޫލްތައް އަދި ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާ އޮންނަންވާނެ އެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް އެންގުމުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ދީ ނިމުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ޖަހައިދިނުމުގެ ހިދުމަތާއެކު ވެކްސިން ޓޫރިޒަމް ފަށަން މަސައްކަތް ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355