ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ޓޫރިޒަމް ކުރިއަރާފައި ނުވާ ފަސް އަތޮޅަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، ގަވާއިދަށް ބަދަލުގެނެސް، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ގޮތަށް، ލުއިތަކާއެކު ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ފަތުރުވެރިކަން ކުޑަކޮށް ތަރައްގީވެފައިވާ 5 އަތޮޅުކަމުގައިވާ، ހއ. ހދ. ށ. ތ. އަދި ލ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކާ އިންވެސްޓަރުން ޝައުގުވެރިވާނެފަދަ ލުއިތައް ދިނުމަށްޓަކާ ލޭންޑް އިކުއިޒިޝަން ކޯސްޓާއި އިމްޕޯޓް ޑިއުޓީއިން ހާއްސަ ލުއިތަކެއް ދިނުމަށް ކަމާބެހޭ ގަވާއިދަށް ބަދަލުގެނެސް މިމަހު ހުޅުވާލާނެ ކަމަށެވެ.
"5 އަތޮޅަށް އެކަނި ސަސްސެޓް ކްލޯސްއެއް ލާފައި ހުޅުވާލުމަށް، އެކިއުޒިޝަން ކޯސްޓަށް ލުއިތަކެއް ލާނެ، އިމްޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީއަށް ލުއިތަކެއް ދޭނެ، މިއާ އެކު މި އަތޮޅުތަކަށް އިންވެސްޓުކުރާނެ ފަރާތްތަށް ލިބިގެންދާނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ވަކި މުއްދަތަކަށް ކަމަށާއި އަދި މުއްދަތު ހަމަވުމުން އާއްމު އަގުތަކަށް އެ އަތޮޅުތަކުންވެސް ޓެކްސް ފައިސާ ނަގާނެ ކަމަށެވެ.