twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިމާމު އަޙްމަދު ބިން ޙަންބަލް އާއި ރޮށި ފިހާ މީހާގެ ވާހަކަ

ހ.މ
Apr 18, 2021
3

އިމާމު އަޙްމަދު ބިން ޙަންބަލް އަކީ އިސްލާމީ އުންމަތް ދުށް އެންމެ ވަރުގަދަ އެއް ޢިލްމުވެރިޔާއެވެ. ޙަންބަލީ މަޒުހަބު ނިސްބަތްވެ ވަޑައިގަންނަވަނީ އިމާމު އަޙްމަދަށެވެ.

އިމާމް އަޙްމަދު ބިން ޙަންބަލް ޢިލްމު އުނގެނުމަށް ކުރެއްވި ގިނަ ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ. މުސްކުޅި އުމުރުފުޅު ގައެވެ. ޝާމްކަރައިގެ ދިމިޝްޤަށެވެ. އެއީ އެރަށުގައި ހުންނެވި ޢިލްމުވެރި ބޭކަލެއް ކައިރިއަށް ދިއުމަށެވެ. އެކަލޭގެފާނު ދުވަހަކުވެސް ނުދެކޭ ބޭކަލެއް ކައިރިއަށެވެ. ހަމައެކަނި އެނގެނީ އެ ޢިލްމުވެރިޔާގެ ނަމެވެ. ރަށަށް އާދެވުނުއިރު އިރު އޮއްސި މަޣްރިބު ވަގުތު ފަހަނައަޅާ ދަނީއެވެ. މިސްކިތަކަށް އަރައިވަޑައިގެން ސާފުވެލައި މިސްކިތުގައި އިޝާ ނަމާދު ޖަމާޢަތުގައި ކޮށް ނިމިގެން ވަރުބަލި ފިލުވާލުމަށް މީހުންނަށް އުނދަގޫ ނުވާނެހެން މިސްކިތުގެ އެއްފަރާތުގައި އޮށޯވެލިއެވެ.

އެމިސްކިތަކީ ރޭގަނޑު ވަކި އިރެއްގެ ފަހުން ބަންދުކުރާ މިސްކިތެއް ކަމުން ނަމާދުކޮށް ނިމުމުން މިސްކިތް ބަލަހައްޓާ މީހާ އެކަލޭގެފާނު އެތަނުން ދިޔުމަށް ދެންނެވިއެވެ. މިސްކިތް ބަލަހައްޓާ މީހާއަށް އެއީ މުސްލިމުންގެ އިމާމު، އިމާމު އަޙްމަދު ކަމެއް ނޭނގެއެވެ. އިމާމު އަޙްމަދު އޭނާއަށް ދެންނެވިއެވެ. އަހަރެން މިއައީ ވަރަށް ދިގު ދަތުރެއް ކޮށްފައެވެ. އަހަރެން މިރަށުން ދާނޭ ވަކިތަނެއް ނެތެވެ. އަހަރެން މިސްކިތުގައި މަޑުކޮށްލުން ކިހިނެއް ވާނެތޯއެވެ؟ ނަމަވެސް އެކަލޭގެފާނު ކޮށްޕަމުން މިސްކިތުން ބޭރު ކޮށްލިއެވެ. ދެންވެސް އެކަލޭގެފާނު ދާނޭ ވަކިތަނެއް ނެތުމުން މިސްކިތުގެ ގޯތި ތެރޭގައި އޮށޯވެ ވަޑައިގަތެވެ. އެހިނދު މިސްކިތް ބަލަހައްޓާ މީހާ އައިސް އެކަލޭގެފާނުގެ ދެފާގައި ހިފައި ދަމާފައިކަލަހަ ގޮތަކަށް މިސްކިތުގެ ގޯތި ތެރެއިންވެސް ބޭރުކޮށްލިއެވެ.

އެމަންޒަރު ބަލަން ދުރުގައި ރޮށި ފިހާ މީހަކު ހުއްޓެވެ. އެމީހާ އެކަލޭގެފާނުގެ މައްޗަށް ޙަމްދަރުދީވެ އެކަލޭގެފާނު ގެންދެވިއެވެ. ރޮށި ފިހާ މީހާއަށްވެސް އެކަލޭގެފާނަކީ މުސްލިމުންގެ އިމާމު، އިމާމު އަޙްމަދު ބިން ޙަންބަލް ކަމެއް ނޭނގެއެވެ. އެކަލޭގެފާނު އެ ރޮށި ފިހާ މީހާއާއެކު ހޭދަކުރި ވަގުތުތަކުގައި ހާއްސަކަމެއް ފާހަގަކުރެވުނެވެ. ހުއްޓުމެއްނެތި ޒިކުރު ކުރަމުންދާތަނެވެ. މަސައްކަތް ކުރަމުންދާ ވަގުތުގައިވެސް މެއެވެ. ދެން އެކަލޭގެފާނު އޭނާ ކުރެން އެއްސެވިއެވެ. ތިބާ ތިޔަ ކުރާ ޒިކުރުކުރުމުން އެއްވެސް ހާއްސަކަމެއް ލިބޭ ހެއްޔެވެ. އޭނާ ދެންނެވި އެވެ. އާދޭހެވެ. ތިމަން މިހާތަނަށް ކުރި އެއްވެސް ދުޢާއެއް އިޖާބަ ނުކުރައްވައެއް ނުދެއެވެ. އެންމެ ދުޢާއެއް މެނުވީއެވެ. އެދުޢާވެސް އިޖާބަ ކުރައްވާނޭކަމަށް އުއްމީދު ކުރައްވަމުއެވެ.

އެކަލޭގެފާނުގެ ޝައުގުވެރިކަން އިހުނަށް ބޮޑުވެ އެއްސެވިއެވެ. އިޖާބަ ނުކުރައްވަނީ ކޮން ދުޢާއެއްތޯއެވެ؟ ރޮށި ފިހާ މީހާ ބުންޏެވެ. ތިމަންނަ މުއުމިނުންގެ އިމާމު، އިމާމު އަޙްމަދު ބިން ޙަންބަލް އާ ބައްދަލުވެވޭތޯ އެދި ކުރި ދުޢާއެވެ. އެހިނދު އެކަލޭގެފާނުގެ ލޮލުން ކަރުނަ ފޫދުނެވެ. އަދި ދެންނެވިއެވެ. އިމާމު އަޙްމަދު ބިން ޙަންބަލް އަކީ އަހަރެންނެވެ.

ވިސްނާ ފިކުރު ކޮށްލާށެވެ. ޒިކުރު ކުރުމުގެ މާތްކަމާ ކަންކަމަށް އެދި ޚާލިޤު ވަންތަ ﷲއަށް ދެންނެވުމުގެ މުހިންމުކަން މިހާދިސާއިން ވަރަށް ފުރިހަމައަށް ލިބިދެއެވެ. މުސްލިމުންގެ އިމާމު އަޙްމަދު ބިން ޙަންބަލް އާ ބައްދަލުވުމަށް އެދި ދުޢާ ދެންނެވުމުން، އޭނާގެ ދުޢާ އިޖާބަ ކުރެއްވިގޮތް ނިކަން ދެކިބަލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355