ގިނަ މީހުންނަށް ހީވެފައި އޮންނާނީ ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑި އޮންނަނީ ސައުދީ ރަސްގެފާނު ނުވަތަ ސައުދީ ޝާހީ އާއިލާގެ އަތުގައި ކަމަށެވެ. ނަމަވެސް ގެފުޅުގެ ތަޅުދަނޑި އޮންނައީ އަލް ޝައިބާ އާއިލާގެ އަތުގައެވެ. މިހާރު އުފެދޭނެ ސުވާލަކީ ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑި ސައުދީ ސަރުކާރުގެ ބެލުމުގެ ދަށުގައި ނޯވެ އެ ތަޅުދަނޑި އަލް ޝައިބާ އާއިލާގެ އަތުގައި އޮންނަ ސަބަބަކީ ކޮބާބައެވެ.
ހިޖުރައިން 8 ވަނަ އަހަރު މުސްލިމުން މައްކާ ފަތަޙަ ކުރުމަށްފަހު، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއަށް ވަޑައިގެން ކައުބަތުﷲ ގެފުޅަށް ވަޑައިގެންނެވިއެވެ. ނަމަވެސް ގެފުޅު ހުރީ ތަޅުލައިފައެވެ. ދެން އެތަނުގައި ތިބި މީހުން އެމަންޒަރު ފެނިގެން ބުންޏެވެ. ގެފުޅުގެ ތަޅުދަނޑި ވީ އުސްމާން އިބްނި ތަލްހާ އަތުގައެވެ.
އެހިނދު އުސްމާން އިބްނި ޠަލްހާ އަތުން ތަޅުދަނޑި ގެނައުމައް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަލީގެފާނަށް ދެންނެވިއެވެ. އެއިރު އުސްމާން އިބްނި ޠަލްހާ ހުރީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންނަ ހަބަރު ލިބިގެން ގެފުޅު ތަޅުލުމަށްފަހު ތަޅުދަނޑި ހިފައިގެން ގެފުޅު މައްޗަށް އަރައި ފިލައިގެންނެވެ. ދެން އަލީގެފާނު އުސްމާން އިބްނި ޠަލްހާ ކައިރިއަށް ގޮސް ބުންޏެވެ “މިހިރި ފެންނަނީ ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެފުޅުގެ ތަޅުދަނޑި ބޭނުންވެގެން ހުންނަވާތަނެވެ.” ނަމަވެސް އުސްމާން އިބްނި ޠަލްހާ ބުންޏެވެ.
"އަހަރެން ތިއީ ރަސޫލެއްކަމައް ގަބޫލުކުރާނަމަ މީގެ އެތައް ވަގުތެއްކުރިން ތި ދޮރު ހުޅުވައިފީމުއެވެ." ދެން އުސްމާން އިބްނި ޠަލްހާ ގެފުޅު ހުޅުވުމަށް ދެކޮޅު ހެދުމުން އަލީގެފާނު އުސްމާން އިބްނި ޠަލްހާ އަތުން ގަދަކަމުން ގެފުޅުގެ ތަޅުދަނޑި އަތުލައިގެން ގެންގޮސް ރަސޫލާއަށް ގެފުޅު ހުޅުވައި ދެއްވެވި އެވެ.
އެއައްފަހު ރަސޫލާ ގެފުޅަށް ވަދެވަޑައިގެން ދެ ރަކުއަތުގެ ނަމާދެއް ކުރެއްވެވިއެވެ. އޭރު ރަސޫލާގެ ބޮޑުބޭބެ އައްބާސް އިބްނި އަބްދުލް މުއްޠަލިބްވެސް އެތާ ހުންނެވިއެވެ. އަދި ވިދާޅުވިއެވެ، “ޔާ ރަސޫލައްﷲ، ރަސޫލާއަށް އެނގިވަޑައިގަންނަވާތަ އަހަރެން، އަހަރެންގެ އާއިލާ އަކީ ހާޖީންނަށް ފެން ގެނެސްދިނުމުގެ ޒިންމާ އުފުލާ މީހުންނެވެ. އަދި އެބައިމީހުންގެ ކަރުހިއްކުން ދުރުކޮށްދޭ މީހުންނީމެވެ. އެހެންވީމަ އަހަރެންނަށް ތި ތަޅުދަނޑި ހަވާލުކޮށްފިޔާ އަހަރެމެންނަށް ދެ ޝަރަފެއް އޮންނާނެއެވެ. އެއީ ހާޖީންނަށް ފެން ގެނެސްދިނުމާއި ގެފުޅު ހުޅުވާލެއްޕުމެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެފުޅު ތެރޭ ހުންނަވަނިކޮށް ޖިބްރީލްގެފާނު ވަޑައިގެން އަންނަނިވި އާޔަތް ބާވާއެއްވެވި އެވެ
إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَٰنَٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓۗ إِنَّ ٱللَّهَ كَانَ سَمِيعًۢا بَصِيرًا
4:58
ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ.! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.
އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތެދުވެވަޑައިގެން އަލީގެފާނަށް ތަޅުދަނޑި ދެއްވަވާ އުސްމާން އިބްނި ތަލްހާއަށް އެ ރައްދުކުރެއްވުމަށް އަމުރުކުރެއްވި އެވެ. އަދި އުސްމާން އިބްނި ޠަލްހާގެ އަރިހުން މާފަށް އެދުމަށްވެސް އެންގި އެވެ.
އަލީގެފާނު އުސްމާން އިބްނި ޠަލްހާއަށް ތަޅުދަނޑި ހަވާލުކުރެއްވި އެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވި ފަދައިން އޭނާގެ ކިބައިން ތަޅުދަނޑި އަތުލި ގޮތާމެދު މާފަށްވެސް އެދުނެވެ.
އުސްމާން އިބްނި ޠަލްހާ ހައިރާންވެ ދެންނެވިއެވެ. “އޭ އަލީއެވެ، މީގެ އިރުކޮޅެއް ކުރިން ކަލޭ ހުރީ އަހަރެންނަށް ވަރަށް ހަރުކަށިކޮންނެވެ. މިހާރު އެހާ މައިތިރިވެ ރީތިކޮށް ތި ވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ. އަލީގެފާނު ޖަވާބުދިނެވެ. އޭ އުސްމާނެވެ. މާތް ﷲ ކަލެއާ ބެހޭގޮތުން ގުރުއާނުން އާޔަތެއް ބާވާލައްވައިފި އެވެ. އަދި އަމާނާތްތައް އޭގެ ހައްގު ވެރިންނަށް އަދާކުރުމަށް ﷲ އަމުރު ކުރައްވަތެވެ.
އެވަގުތު އުސްމާން އިބްނި ޠަލްހާ ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްވިއެވެ. އަދި ޖިބްރީލްގެފާނު އިތުރު ވަހީ އައިގެން އެވަގުތު ރަސޫލާ އަރިހަށް ވަޑައިގެން ވަހީކުރެއްވި އެވެ. “އޭ ރަސޫލުﷲ އެވެ، އުސްމާން އިބްނި ޠަލްހާ އަށް ގޮސް ހަބަރުދޭށެވެ. ގިޔާމަތާ ހަމައަށް ދާންދެން ގެފުޅުގެ ތަޅުދަނޑި އޮންނާނީ އުސްމާން އިބްނި ޠަލްހާގެ އާއިލާގެ އަތުގައެވެ.
މި ވަގުތާ ހަމައައްވެސް ގެފުޅުގެ ތަޅުދަނޑި އޮންނަނީ އުސްމާން އިބްނި ޠަލްހާގެ އާއިލާގެ އަތުގައެވެ