ށ ކަނޑިތީމަކީ މިހާރު ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންގެ ބަކެޓް ލިސްޓުގައި އިންނާނެ ރަށެކެވެ. ރަށުގެ ރިތީކަމާއި އެއްވަރަކަށް އެ ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަމާއި މެހެމާނުންނަށް ދޭ މެހެމާންދާރީ އަކީ އެ ރަށަށް ދެވޭ ލޯބި އިތުރުވާ ކަމެކެވެ. ރަށުތެރެއިންވެސް އެހެން ރަށްރަށާއި އަޅާބަލާއިރު އެތައް ތަފާތުތަކެއް ފެނިގެންދާނެއެވެ.
މުޅި ރަށަކީ ބޯގަންވިލާގެ ބަގީޗާއެކެވެ. އެކި ކުލަކުލައިގެން ބޯގަންވިލާ ބަލާލަންވެސް ވަރަށް ހިތްގައިމު މަންޒަރެކެވެ. ލޯކަލް ގެސްޓްހައުސް ހިންގާ މި ރަށަކީ ރަށުން ބޭރުން ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު ޒިޔާރަތް ކުރަމުންދާ ރަށެކެވެ.
ރަށުގެ ރީތިކަމަށް ދާދިފަހުން އިތުރުވި ބޮޅަކީ އެރަށާއި ގުޅިފައިވާ ކުޑަ ރަށެއްކަމަށް ވާ ކުޑަދޫ ކައިރީގައި ހުޅުވި ބުންބަރެވެ. ޓްރީހައުސް ގެ ސިފައަކަށް ހަދާފައިވާ މިތަނުގެ މައްޗަށް އެރުމުން ވަށައިގެންދާ ރީތި ގުދުރަތީ މާހައުލު ފެނިގެންދެއެވެ. ކުޑަދޫ ސަރަހައްދަކީ އެރަށަށް ޒިޔާރަތްކުރާ ގިނަ ފަރާތަކެއްގެ މެދުގައި އެންމެ މަގުބޫލް އެއް ސަރަހައްދެވެ.
މިތަން ހެދުމަށް އިސްކޮށް އުޅުނު މުހައްމަދު އިޝާން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މިއީ ރަށުގެ މަސައްކަތްތެރިންނާއި ޒުވާނުން އިސްނަގައިގެން ރަށުގެ ވިޔަފާރިވެރިން ގެ ބޮޑު އެހީއަކާއެކު ހަދާފައިވާ ތަނެއްކަމަށެވެ. އިޝާން ބުނީ އެތަން ހެދުމުގެ މަގުސަދަކީ ރަށުގެ ޒީނަތްތެރިކަން އިތުރުކުރުމާއި ރަށަށް އަންނަ ފަރާތްތަކަށާއި ރަށުގެ ރައްޔިތުންގެ ހިތްހަމަޖައްސާލުމަށް ތިބޭނެ މާހައުލެއް ގާއިމްކުރުން ކަމަށެވެ.
އެރަށަކީ ހަމައެކަނި ގެސްޓަހައުސް ހިންގާ ރަށެއް ނޫނެވެ. އެރަށަކީ މުޅި އުތުރުގައިވެސް އެންމެ ފުޅާދާއިރާގައި ސްޕީޑް ލޯންޗު އޮޕަރޭޓްކުރާ ރަށެވެ. އެރަށުގައި ހަތަރު ގުރޫޕަކުން ފުޅާ ދާއިރާއެއްގައި މިސަރަހައްދުގައި، ހދ އަދި ށ އަތޮޅުގެ ހުރިހާ ރަށަކަށްހެން ކޮންމެ ދުވަހަކުވެސް ލޯންޗު އޮޕަރޭޓްކުރެ އެވެ. 10 މީހުންގެ ޖާގައިގެ ލޯންޗުން ފެށިގެން 60 މީހުންގެ ޖާގައިގެ ލޯންޗުވެސްތައް ހިމެނެ އެވެ.
ދަތުރުފަތުރު ފަސޭހަވުމަކީވެސް އެރަށް މަގުބޫލުވި ސަބަބެކެވެ. މި ލޯންޗު ދަތުރުތައް ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކުޅުދުއްފުއްޓަށް ދަތުރުކުރެ އެވެ. ކުޅުދުއްފުށިން ފުރަނީ މެންދުރުފަހު 3:00 ޖަހާއިރު އެވެ. އެހެންވުމުން އޮފީސްތަކުގައި އުޅޭ ފަރާތްތަކަށްވެސް ދަތުރު ދިޔުމަށް ފަސޭހަވެ އެވެ. ވީކެންޑްތަކުގައިވެސް ދަތުރުކޮށްލެވެ އެވެ. މިފަހުން ކުޅުދުއްފުށިންވެސް އެންމެ ގިނަ ބަޔަކު ދަތުރުދާ އެންމެ މަންޒިލަކަށް ވެފައިވަނީ ކަނޑިތީމެވެ.
ނަލަ ދޮންވެލި ބީޗާއި ގުދުރަތީ ފެހިކަމާއެކު ރަށާ ގުޅިފައިވާ ކުޑަދޫ އަކީވެސް ރަށަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބައެކެވެ. ފަސޭހައިން ކެއުން ހަމަޖައްސާލުމަށް ރަނގަޅު ފެންވަރުގެ ރެސްޓޯރެންޓްތައްވެސް ހުރެ އެވެ. އަދި އެރަށު މީހުންގެ މެހެމާންދާރީއަކީ އެންމެ ފާހަގަކޮށްލެވޭ ކަމެވެ.