ށ ކަނޑިތީމުގައި ޕިކްނިކް އޭރިއާއެއް ތަރައްގީއެއް ހުޅުވައިފި އެވެ. އެރަށު ބޮޑު ފަސްގަނޑުގައި ތަރައްގީ ކުރި މި ޕިކްނިކް އޭރިއަކީ ގިނަ ބަޔަކު މޫދަށް އެރިލައި ހިތްހަމަޖައްސާލަން މިހާރުވެސް ބޭނުންކުރާ ސަރަހައްދެކެވެ.
އެރަށު ކައުންސިލުން މިލިއަނެއްހާ ރުފިޔާ ހޭދަކޮށްގެން ތަރައްގީކުރި މި ހިތްގައިމު ޕިކްނިކް އޭރިއާ ވެގެންދާނީ އެރަށުގެ ރީތިކަމަށް އިތުރު ފުރިހަމައަށް ގެނެސްދޭނެ ތަނަކަށެވެ.
ކައުންސިލްގެ ރައީސް އަހްސަން ވިދާޅުވިގޮތުގައި މި ޕިކްނިކް އޭރިއާގެ ސަބަބުން ރަށު ފަތުރުވެރިކަމަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި އަދި ރަށުގެ ރައްޔިތުންނާއި މެހެމާނުންނަށް މުނިފޫހިފިލުވުމުގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
ކަނޑިތީމަކީ މިހާރުވެސް ގިނަ ބަޔަކު ދަތުރުގޮސް ހިތްހަމަޖައްސާލަން ދާން މަންޒިލެކެވެ.
މި ގުދުރަތީ ރީތިކަން ނުގެއްލޭނެ ފަދައިން ތަރައްގީކުރި މި ޕިކްނިކް އޭރީއާގައި ބާބަކިއު ހެދުމަށާއި މަސްކެނޑުމަށް އަދި ހިތްހަމަޖައްސާލަން ހަޓްތައް ގާއިމުކޮށްފައިވެ އެވެ. މި ޕިކްނިކް އޭރިއާ އާންމުކޮށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހު ބޭއްވި ކައުންސިލުން ރައްޔިތުންނަށް ދެއްވި މާހެފުމަކުންނެވެ.
ނަލަ ދޮންވެލި ބީޗާއި ގުދުރަތީ ފެހިކަމާއެކު ރަށާ ގުޅިފައިވާ ކުޑަދޫ އަކީވެސް ރަށަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބައެކެވެ. ފަސޭހައިން ކެއުން ހަމަޖައްސާލުމަށް ރަނގަޅު ފެންވަރުގެ ރެސްޓޯރެންޓްތައްވެސް ހުރެ އެވެ. އަދި އެރަށު މީހުންގެ މެހެމާންދާރީއަކީ އެންމެ ފާހަގަކޮށްލެވޭ ކަމެވެ.
މީގެ އިތުރުން ފަރުތަކާއި، އަދި ތާރީހީ ތަންތަނުން މުއްސަނދި ރަށެކެވެ. ބޯގަންވިލާ ފުރިފައިވާ މިރަށުގައި މިހާރުވެސް ބުންބަރާއި ނިކަމަތި ފަދަ ތަންތަނަކީ އެރަށް ޒިޔާރާތްކުރާ މީހުންގެ މަގުބޫލް މަންޒިލުތަކެވެ. މި ޕިކްނިކް އޭރިއާ ތަރައްގީކުރުމާއެކު ރަށުގެ އެ ގުދުރަތީ ރީތިކަން އިތުރަށް ފާހަގަކޮށްދޭނެ ތަނަކަށް ވެގެންދާނެއެވެ.