twitterviber whatsapp telegramfacebookyoutube instagram
11th May 2021

ބައެއް ސަރަހައްދުތަކުގެ ކަރަންޓް ދަށްވާ މައްސަލާގައި މަކުނުދޫ ރައްޔިތުން އިހުތިޖާޖަށް

ޚަދީޖާ އާދަމް
Apr 28, 2021
1

މަކުނުދޫގެ ބައެއް ހިސާބުތަކަށް ކަރަންޓު ނުލިބޭ މައްސަލަ ބޮޑުވެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖްކޮށްފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެރަށުގެ ރައްޔިތަކު ބުނީ ކަރަންޓްގެ މައްސަލަ ދިމާވާތާ 2 އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި އެހެން ނަމަވެސް ރޯދަމަހާ ދިމާކޮށް މި މައްސަލަ އިތުރަށް ބޮޑުވެފައިވާ ކަމަށެވެ.

ރޯދަމަހު ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމާއެކު ބަހެއް ގޭގޭގައި ފެންވަރާލެވޭ ވަރުވެސް ނުވާކަމަށް އޭނާ ބުންޏެވެ. މި މައްސަލަ ބޮޑަށް ދިމާވެފައިވަނީ އެރަށުގެ ހުޅަނގު އުތުރު ސަރަހައްދަށް ކަމަށާއި އެކަން އެހެން މެދުވެރިވަނީ އެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދޭން އަޅާފައިވާ ކޭބަލްތައް ހިމަވުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް އެ ސަރަހައްދުގައިވާ ގޭބީސީތަކަށް ކަރަންޓް ފޯރުކޮށް ނުދެވޭތީ ކަމަށެވެ.

"އަޅުގަނޑުމެންގޭގެ ހާލަތަކީވެސް ފަންކާ އެނބުރީލާފަ ހުއްޓިލާފަ މިހެން ދަނީ. މަތިން ކަރަންޓް ބޭނުންކުރާ ތަކެތި އެއްގޮތަކަށްވެސް ބޭނުމެއް ނުުކުރޭ. މިއަށްވުރެ ހާލަތު ދަށް ގޭގެވެސް އެބަހުރި ޒަރޫރީ ބޭނުންތައް ނުފުއްދޭ" އޭނާ ބުންޏެވެ.

ރެއާއި އޭގެ ކުރިން ރޭވެސް އިންޖީނުގޭގެ ސަރަހައްދުގައި އިހްތިޖާޖްކޮށްފައި ވެއެވެ. އެކި ފަހަރުތަމަތިން އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި ކޮންމެ ފަހަރަކުވެސް މައްސަލަ ހައްލު ކޮށްދޭނެ ކަމަށް އެބޭފުޅުން ވިދާޅުވިނަމަވެސް މިހާތަނަށްވެސް އެކަށީގެވާ ހައްލެއް ލިބިފައިވާ ނުވާކަން އޭނާ ފާހަގަ ކުރިއެވެ.

އިހްތިޖާޖުކުރި ފުރަތަމަ ރޭ އިންޖީނުގެ ހިންގުމާއި ހަވާލުވެހުރި ފަރާތާ ބައްދަލުވާގޮތް ނުވިކަމަށާއި އެރޭ ރައްޔިތުންނަށް ޖަވާބުދާރީވީ އެބޭފުޅާގެ ދަށުން މަސައްކަތްކުރާ ފަރާތްކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އެދުނީ އާދިއްތަ ދުވަހު އިންޖީނުގޭ ވެރިފަރާތާ ބައްދަލުކޮށްލަން. ބައެއް ގޭތަކުގެ ބޭފުޅުން އެކޮޅަށްގޮސް ރީތިކޮށް ސުލްހައިގައި ބައްދަލުކޮށްލަން ބުނީމަ އެބޭފުޅާ ބުނީ ގަޑިއެއް ހަމަޖައްސާފަ ގުޅާނަމޭ. އެހެންނަމަވެސް އެފުރުސަތެއްވެސް ނުލިބުނު. އިހްތިޖާޖަށްގޮސް އަޅުގަނޑުމެން އެދުނިން ސުލްހައިގަ އަޅުގަނޑުމެންނަށް ޖަވާބުދާރީ ވުމަށް. އިންޖީނު ގޭގައި މަސައްކަތް ގޮސް އޮތް ހިސާބު ހާމަކޮށްދިނުމަށް. އެހެންނަމަވެސް އެރޭ 1:30 ހިސާބަށް ދިޔައިރުވެސް ޖަވާބުދާރީ ނުވޭ. އަޅުގަނޑުމެން ވިދާޅުވިން އެމްޑީ ނެތިއްޔާ ދެންވެސް ހުންނާނެ ނޫންތޯއޭ ބޭފުޅެއް. އެބޭފުޅާ ޖަވާބުދާރި ވާށޭ. އަޅުގަނޑުމެން ޕޮލިހުންނާވެސް ގުޅައިގެން އެބޭފުޅާ އެތަނަށް ހާޒިރުވެ މާލޭ އޮފީހުގެ ބޭފުޅުންނާއި ގުޅައިގެން ވިދާޅުވީ 1 މަސް ދުވަސްތެރޭ ޓްރާންސްފޯމަރުތައް ބަހައްޓާ ކޭބަލް ފަލަކުރުމުގެ އަމަލި މަސައްކަތް ފައްޓަވައި ދެއްވާނެ ކަމަށް" އޭނާ ބުންޏެވެ.

އެކަން ލިއުމަކުން ރައްޔިތުންނާއި ހަވާލުކުރަން އެދުނު ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިނަމަވެސް މިހާތަނަށް ލިއުން ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ. އަދި މިވަގުތު ރައްޔިތުނަށް ޖަވާބުދާރީވި ފަރާތްހުރީ ސަސްޕެންޑް ކޮށްފަކަމަށާއި އޭނާ ސަސްޕެންޑް ކުރީ ރައްޔިތުންނަށް ޖަވާބުދާރީ ވެެގެންކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭކަމަށެވެ.

ކޭއޯއަށް މައުލޫމާތު ދެމުން މަކުނުދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ވާފިއު ވިދާޅުވީ މިދިޔަ ރޯދަމަހުވެސް މި މައްސަލާގައި އިހްތިޖާޖުކުރި ކަމަށާއި އޭގެ އަހަރެއް ފަހުން އަނެއްކާވެސް އިހްތިޖާޖަށް ރައްޔިތުން ނުކުންނަން ޖެހުނީ އެކަމަށް އެއްވެސް ހައްލެއް ނުލިބުނުން ކަމަށެވެ.

ވާފިއު ވިދާޅުވީ ކަރަންޓް މައްސަލަ ޖެހޭ ހިސާބަކީ ރަށުގެ ސްކޫލުވެސް ހުންނަ ހިސާބުކަމުން ދަރިވަރުންނަށްވެސް އެކަމުން ވަރަށް ބޮޑެތި އުނދަގޫތަކާއި ގެއްލުންތައްވަމުން ދާކަމަށެވެ. އެ ހިސާބުގައި 80 އެއްހާ ގޯތި ހުރިއިރު ރަނގަޅަށް ކަރަންޓް ނުލިބުމުގެ ސަބަބުން އިލެކްޓްރޯނިކް ސާމާނުތަކަށްވެސް ހަލާކުވަމުން ދާތީ މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ވާފިއު ފާހަގަ ކުރެއްވި އެވެ.

ރޭގެ އިހްތިޖާޖުގައި 3 މަސްތެރޭގައި ޓްރާންސްފޯމަރ ބަހައްޓައިގެން ކަރަންޓު މައްސަލަ ދިމާވާ ސަރަހައްްދަށް އެކަން ހައްލުކޮށްދެއްވާނެ ކަމަށް އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރިފަރާތުން ވިދާޅުވި ކަމަށާއި، ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތުގެ ތެރޭގައި އެސަރަހައްދުގެ ކަރަންޓު ކޭބަލްވެސް ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވާފިއު ވިދާޅުވި އެވެ.

ރަށައް އިތުރު ޖަނަރޭޓަރެއްވެސް ގެނެސްފައި އެބަ ހުރިކަމަށާއި ނަމަވެސް އިތުރު ޖަނަރޭޓާރަކުން މި މައްސަލަ ހައްލު ނުވާނެ ކަން ފާހަގަކޮށް ވާފިއު ވިދާޅުވީ މިހާރުވެސް ކޭބަލްތައް ބަދަލުކޮށްފިނަމަ މުޅި ރަށަށް ކަރަންޓް ފޯރުކޮށްދެވޭނެ މިންވަރަށް އިންޖީނު ގޭގައި ޖަނަރޭޓާރު އެބަހުރި ކަމަށެވެ.

ކޭއޯއަށް މައުލޫމާތު ދިން އެރަށުގެ ރައްޔިތުމީހާ ބުނީ އެމްޑީއާ ބައްދަލުކޮށް ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ލިއުމުން ހުށައަޅަން ރޭގައިވެސް އެދުނު ކަމަށާއި ނަމަވެސް ލިއުން ނުލިބޭކަމަށެވެ. އެެހެންކަމުން މިހާރު ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ހުށައަޅަން ތައްޔާރުވަމުން ދާކަމަށް އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355