twitterviber whatsapp telegramfacebookyoutube instagram
30th April 2024

މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނިންމައި، މިއަހަރު ބޭނުންކުރަން ފެށޭނެ: ރައީސް

Feb 26, 2024

މަކުނުދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ނިންމައި، އެއާޕޯޓު ބޭނުންކުރަން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ހދ.މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު، މަކުނުދޫ ވައިގެ ބަނދަރު ނިމޭނެ ދުވަހާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ފެށިފައި އޮތް އެއާޕޯޓުގެ މަސައްކަތަކީ ވަރަށް އިސްކަމެއްދޭ މަސައްކަތެއް ކަމަށެވެ.

މަކުނުދޫ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިމަސައްކަތް ބިގްފިޝް މޯލްޑިވްސްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަހަރު ދުވަހުން ނިންމުމަށް ހަވާލުކުރި މިމަޝްރޫއުގެ ދަށުން 43 ހެކްޓަރުގެ ބިން ހިއްކުމަށް އޭރުވަނީ ނިންމާފައެވެ. މިމަސައްކަތް ބިގްފިޝްއާއި ހަވާލުކޮށްފައިވަނީ 16 މިލިއަން ޑޮލަރަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަކުނުދޫ އެއާޕޯޓު މަޝްރޫއަކީ ސަރުކާރުން މިހާރުކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު މަސައްކަތެއްކަމަށެވެ. އަދި އެމަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މަކުނުދޫއަކީ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް. އެހެން ރަށްތަކާއި ހިލާފަށް ދަތުރުފަތުރުވެސް ކުރަން ދަތި ރަށެއް. މިހާރު ފެށިފައި އޮތް އެއާޕޯޓުގެ މަސައްކަތަކީ ވަރަށް އިސްކަމެއްދޭ މަސައްކަތެއް. ރައްޔިތުން އެދޭގޮތަށް މަޝްރޫއު ބައްޓަންކޮށްގެން ކުރިއަށްގެންދާނީ. މިއަހަރު ނިމެންވާއިރަށް އެއާޕޯޓުގެ މަސައްކަތް ނިންމޭ އޭގެ ފަސޭހަ ލިބިގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ރައީސް ވިދާޅުވިއެވެ.

އުތުރުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާވަނީ މަކުނުދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށްދެއްވާނެކަންވެސް އިއުލާންކުރައްވާފައެވެ. މިގޮތުން 1500 މީޓަރަށް ތަރައްގީކުރަމުންދިޔަ މަކުނުދޫ އެއާޕޯޓުގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355