އަމިއްލަ ބާރުގައި ލީގު ހޯދަން ލިބިފައި އޮތް ފުރުސަތު ރެއާލް މެޑްރިޑަށް ގެއްލިއްޖެ އެވެ. ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އާ ވާދަކޮށްކުޅުނު މެޗުން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލީގުގެ އެއްވަނަ އަށް އެރުމަށް އޮތް ފުރުސަތު ގެއްލިފައި މިވަނީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވުމުންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ސެވިއްޔާއަށް ލީޑް ނަގައިދިނީ މެޗުގެ 22 ވަނަ މިނެޓްގައި ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ފެނާންޑޯ އެވެ. ރެއާލް އިން ވަނީ ދެވަނަ ހާފުގައި މެޗުގެ 67 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މި ލަނޑު ރެއާލްއަށް ކާމިޔާބު ކޮށްދީފައިވަނީ އެސެންސިއޯ އެވެ. ސެވިއްޔާ އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގި ލަނޑު މެޗު ނިމެން 12 މިނެޓަށްވެފައި ވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބާސެލޯނާގެ ކުރީގެ ފޯވާޑް އިވަން ރަކިޓިޗެވެ. ރެއާލުން މެޗުން އެއްވަރު ކުރީ އިތުރު ވަގުތުގައި 93 ވަނަ މިނެޓްގައި އެޑެން ހަޒާޑް ޖެހި ގޯލުންނެވެ.
ރޭގެ ނަތީޖާއާއެކު ތަށި ދިފާއުކުރުމުގެ ފުރުސަތު ރެއާލް އަށް ހަނިވި އިރު ސެވިއްޔާއަށް ލިީގު ހޯދުމަށް އޮތް ފުރުސަތު ގާތްގަނޑަކަށް ބަންދުވީ އެވެ. ރޭގެ ނަތީޖާއާ އެކު ރެއާލް ވަނީ ޓޭބަލްގެ ދެވަނަ އަށް އަރައިފަ އެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ އާއި ރެއާލް އާއި ދެމެދު މިހާރު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ލީގުގައި ބާކީ ގިނަ ޓީމުތަކަށް ދެން އޮތީ ތިން މެޗެވެ.