twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކަވާނީ ޔުނައިޓެޑާއެކު އިތުރު އެއް އަހަރު ދުވަހުގެ އެއްބަސްވުމަކަށް

ޢަލީ ރަމީޒް
May 11, 2021

މެންޗެސްޓަރ ޔުނައިޓެޑްގައި ހޭދަވި ކުރު މުއްދަތުގެ ތެރޭގައި ކްލަބްގެ އިތުރުން ކްލަބާއި ގުޅުންހުރި ހުރިހާ ކަމަކަށް ހިތްޖެހިއްޖެ ކަމަށް އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ބުނެފި އެވެ. މިދިޔަ އޮކްޓޯބަރު މަހު ޔުނައިޓެޑާ ގުޅުނު އުމުރުން 34 އަހަރުގެ ޕީއެސްޖީގެ ކުރީގެ ފޯވާރޑް މިހެން ބުނެފައިވަނީ ޔުނައިޓެޑާއިއެކު އޭނާ ހަދައިފައިވާ ކޮންޓްރެކްޓްގެ މުއްދަތު 2022 އާ ހަމައަށް އިތުރުކުރުމަށް އެއްބަސްވެ ސޮއިކުރުމަށްފަހު އެވެ.

ޕީއެސްޖީގައި ނޭމާ ގެ ހިޔަނީގެ ފަހަތުގައި ކުޅެމުން އައި ކަވާނީ ޔުނައިޓެޑް އަށް ބަދަލުވި ފަހުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންވެ. ޔުނައިޓެޑްގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި އޭނާ ވަނީ އަށް ގޯލު ކާމިޔާބު ކޮށްފައެވެ.

“ޔުނައިޓެޑްގެ ކުޅުންތެރިންގެ އިތުރުން ކްލަބްގެ އެހެނިހެން ސްޓާފުންނާއި އަހަރެންނާއި ދެމެދު ވަނީ ވަރަށް ހާއްސަ ގުޅުމެއް އުފެދިފަ.” ކަވާނީ ބުނެފައިވެ އެވެ.

“އެމީހުން އަންނަނީ އަހަރެން މި ޓީމަށް ހިތްޖެއްސުމަށްޓަކައި ކޮންމެ ދުވަހަކުހެން މަސައްކަތްކުރަމުން. އަހަރެމެން އެކުއެކީގައި މަސައްކަތް ކޮށްފިއްޔާ ވަރަށް ބޮޑެތި ކާމިޔާބީ ތަކެއް ލިބޭނެ” ކަވާނީ ބުނެފައިވެ އެވެ.

އިޓަލީގެ ނަޕޯލީން ވިދާލި ކަވާނީ ހިލޭ ޓްރާންސްފާ އެއްގައި ޔުނައިޓެޑަށް ބަދަލުވި ފަހުން މިހާތަނަށް ވަނީ 15 ގޯލް ޔުނައިޓެޑަށް ކާމިޔާބުކޮށްދީފަ އެވެ. ކަވާނީގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ ޕީއެސްޖީގަ އެވެ. ޕީއެސްޖީ އަށް އޭނާ ކުޅުނު 301 މެޗުގައި ކަވާނީ ވަނީ 200 ގޯލް ކާމިޔާބުކޮށްފަ އެވެ. ކަވާނީ ޕީއެސްޖީ ދޫކޮށްލީ އެ ޓީމުގެ ތަރި ބްރެޒިލްގެ ނޭމާއާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

ކަވާނީ ޔުނައިޓެޑްގައި މަޑުކުރަން އެެއްބަސްވުމުން ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ބުނެފައިވަނީ ޔުނައިޓެޑްގައި ކަވާނީ މަޑުކުރާނެ ކަމަށް އަބަދުވެސް އުއްމީދުކުރި ކަމަށެވެ.

“ކަވާނީ ޔުނައިޓެޑަށް ސޮއިކުރި އިރުވެސް އަހަރެން ބުނިން އޭނަ އައުމުން ކްލަބަށް އިތުރު ހަތްވަރަކާއި ބާރު ލިބޭނެ އޭ. އަދި ޓީމުގެ ލީޑަޝިޕް ވަރުގަދަވެގެންދާނެއޭ. އޭނަ އަންނަނީ އަހަރެން އުއްމީދުކުރި ވަރަށްވުރެވެސް ރަނގަޅު ކުޅުމެއް ދަނޑުމަތީގައި ދައްކަމުން.” ސޯލްޝެއާ ބުންޏެވެ.

“ފަރިތަކުރުންތައް ނިންމާފަ ޓްރެއިނިންގް ގްރައުންޑުން އެންމެ ފަހުން ނުކުންނަ މީހާއަކީ ކަވާނީ. މި ކަމުން ވެސް ކަވާނީ މި ކްލަބް އާއި އެކު ކުރިޔައް ދާން ބޭނުންވާ ވަރު ދޭހަވޭ. އޭނަ އަންނަނީ ޓީމުގަ ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް ރަނގަޅު ނަމޫނާއެއް ދައްކަމުން. އަހަރެން އަބަދުވެސް ބޭނުންވި ކަވާނީ މި ކްލަބްގައި މަޑުކުރަން. އަދި ސަޕޯޓަރުން އޭނާއަށްދެނީ ކިހާވަރެއްގެ އިހުތިރާމަކާ ލޯތްބެއްކަން ދެކިލަން. މިވަގުތު އަދި ސަޕޯޓަރުންނަށް ދަނޑަށް ވަދެ އެކަން ދައްކާލަން ފުރުސަތު ނުލިބުނަސް އުއްމީދުކުރަނީ އެ ފުރުސަތު އަދި ލިބޭނެކަމަށް.” ސޯލްޝެއާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355