އެމެރިކާގެ ރައީސް ޖޯ ބައިޑެން ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްއަށް ސިޓީއެއް ފޮނުއްވައިފި އެވެ. މި ސިޓީއަކީ ސަރަހައްދީ މަސްލަހަތާއި، މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭ ސިޓީއެއް ކަމަށް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ބައިޑެން ސަރުކާރާ ހަވާލުވެ އެޕްރީލް މަހު ވަނީ ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ހިފަހައްޓާފައި ހުރި ފައިސާގެ އެހީވެސް ދޫކޮށްލައިފައެވެ. ޓްރަމްޕުގެ ވެރިކަމުގައި ފަލަސްތީނަށް އެމެރިކާ އިން އެއްވެސް އެހީއެއް ނުދިނުމަށް ނިންމާފައިވާ ނިންމުން ވެސް ބައިޑެން ވަނީ ބަދަލުކޮށްފައެވެ.
ބައިޑެން މިއަދު ހެނދުނު ރައީސް އައްބާސްއަށް ފޮނުއްވި ސިޓީ މީޑިއާތަަކަށް ހާމަ ކޮށްފައެއް ނުވެއެވެ.
އިސްރާއިލުން ވަނީ މިއަދު ހެނދުނު ވެސް ފަލަސްތީނަށް ހަމަލާތަކެއް ދީފައެވެ. ބައިޑެންގެ ސިޓީ ރައީސް އައްބާސްއަށް ލިބިވަޑައިގަތީ އިސްރާއިލުގެ ހަމަލާތަކުން ގައުމުގައި ހުޅުރޯވެގެން އުޅެނިކޮށް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އިސްރާއިލުން ޣައްޒާއަށް ބޮން އެޅުމުގެ ސަބަބުން ޣައްޒާގެ 28 މީހުން ޝަހީދުވެ، 152 މީހުންނަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމާސް ޖަމާއަތުން އިސްރާއިލަށް މިހާރު ރޮކެޓް ހަމަލާތައް ދެމުން ގެންދާތީ އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ބުނެފައިވަނީ ހަމާސް ޖަމާއަތާއި ދެކޮޅަށް ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށާއި މި ހަނގުރާމަ އަކަށް ނިމުމެއް ނުގެންނާނެކަމަށެވެ.
އިސްރާއިލު ސިފައިންގެ ހަމަލާތައް ފަލަސްތީނަށާއި ޣައްޒާއަށް އަމާޒުވަމުން ދަނީ ނަތަންޔާހުގެ ނުބައި ނުލަފާ ރޭވުމުގެ ދަށުންނެވެ.