twitterviber whatsapp telegramfacebookyoutube instagram
18th April 2024

ރާއްޖެއިން ގާޒާއަށް އެހީވުމަށް ތައްޔާރު ވަމުންދިޔަ ވެއާހައުސް ކައިރިއަށް ބޮމުގެ ހަމަލާއެއް

ޢަލީ ރަމީޒް
May 16, 2021

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އިން ކުރިއަަށް ގެންދާ "ލޯތްބާއިއެކު" ކެމްޕޭނުގެ އެހީ ބަހަން ތައްޔާރުވަމުން ދިޔަ ވެއާ ހައުސް އެއްގެ ކައިރިއަށް އިސްރޭލްގެ ހަމަލާއެއް ވަނީ އަމާޒުވެފައެވެ.

އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު، މުހައްމަދު އަލީ "ސަން" އަށް ހަވާލާދީ ވިދާޅުވެފައިވަނީ، އައިއޭސީގެ ހަތަރު ޕާޓްނާ އެންޖީއޯއެއް ގާަޒާގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭަގައި ދުނިޔޭގެ 17 ހިސާބަކަށް މި ކެމްޕެއިނުން އެހީ ފޯރު ކޮށްދީފައިވާއިރު މި ވަގުތު ގާަޒާ ގައި ހިނގާ ހަމަނުޖެހުމުގައި ހާލުގައި ޖެހޭ މީހުންަށް އެހީވުމަށް އިމާޖެންސީ ރިލީފް އޮޕަރޭޝަނެއްގެ ގޮތުގައި ކެމްޕެއިން ވަނީ ފުޅާކޮށްފަ އެވެ.

ވެއާ ހައުސްގެ ކައިރިއަށް ބޮމެއް ވައްޓާލީ އެ މަސައްކަތުގެ ދަށުން ދިވެހީންގެ އެހީގައި 200 އާއިލާއަކަށް ފުޑް ޕެކޭޖާއި ހޮޓް މީލްސް ބެހުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް "ސަން" އާއި ހަވާލާދީ މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ.

ނޯރތް ގަޒާ ގައި ގިނަބައެއްގެ ގެދޮރު ގެއްލުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ސްކޫލްތަކުގައެވެ. އެމީހުންނަށް ކާއެއްޗެހި ފޯރުކޮށްދިނުމަށް ކާއެއްޗެހި ޕެކިންކުރަމުން ދިޔަ ޓެންޓް ކައިރިޔަށް ބޮން އެޅިއިރު މުހައްމަދު އަލީ ހުރީ ވަޓްސް އެޕް އިން އެމީހުންނާ ވިޑިއޯ ކޯލް ކޮށްގެންނެވެ.

"ސްކޫލްތައް ކޮވިޑާ ހެދީމަ ބަންދު އެހެންވީމަ އެމީހުން ގޮސް ތިބީ ސްކޫލްތަކަށް ވަދެ. އެތަނުގައި ކައްކާ ކެވޭނެ ގޮތެއް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން މަސައްކަތަށް މަޑު ޖެހުމެއް އައި ނަމަވެސް، މިހާރު ކާއެއްޗެހި ބެހުމުގެ މަސައްކަތަށް ވޮލަންޓިއާ ޓީމުތައް އެ ސްކޫލުގައި ތިބި މީހުންނަށް ހޮޓް މީލްސް ފޯރުކޮށްދިނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މުހައްމަދު އަލީ ވިދާޅުވީ ފުޑް ޕެކޭޖުގައި، ކޮންމެ އާއިލާއަކަށް އެއް މަސް ދުވަހު ކެވޭނެ އެއްޗެހި ހުންނާނެ ކަމަށެވެ. ގާޒާގައި ފުޑް ޕެކޭޖުތައް ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތަކުން ބުނީ، ފުޑް ޕެކޭޖުގައި ފަސް ކިލޯ ހަނޑުލާއި، ފަސް ކިލޯ ފުށް، ފަސް ކިލޯ ހަކުރު، ތިން ލީޓަރު ތެޔޮ، ޓޮމާޓޯ، ސައި އަދި ޖޭމްގެ އިތުރުން ވެސް ޒަރޫރީ ކާބޯތަކެތި ހުންނާނެ ކަމަށެވެ.

މުހައްމަދު އަލީ ވިދާޅުވީ ގާޒާގެ ހާލަތު މިވަގުތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، އެހީގެ މަސައްކަތުގައި އުޅެވެނީ ވަރަށް ބޮޑަށް ހިތްވަރުގަދަ ވެގެން ކަމަށެވެ.

ލޯތްބާއެކު ކެމްޕެއިން މެދުވެރިކޮށް، ފަލަސްތީނުގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިވެވޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ އެކައުންޓް ނަންބަރަކީ: 7770000026259 (ރުފިޔާ އެކައުންޓް)

ހޮޓްލައިން: 9122121

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355