twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ލިބިގެންނުވާ ޙައްޤުތައް

May 20, 2021

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ކޮންމެ މީހަކަށްވެސް އެތައް ޙައްޤުތަކެއް ލިބިގެންވެއެވެ. އެހެންނަމަވެސް، ކުޑަކުއްޖަކަށް ޖިންސީ ގޮތުން އަނިޔާއެއް ނުވަތަ ގޯނާއެއްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހާގެ ޙައްޤުތަކަށްވުރެ، ކުޑަކުއްޖާގެ ޙައްޤުތައް އިސްވެގެންވެއެވެ. އެހެނީ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ކޮންމެ ކުއްޖަކީވެސް ޖިންސީ ގޮތުން އެކުއްޖެއްގެ ނާޖާއިޒު ބޭނުންހިފުމާއި، އެކުއްޖަކަށް ޖިންސީ ގޯނާކުރުމުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެކެވެ.

އެހެންކަމުން، ކުޑަކުއްޖަކާމެދު މިފަދަ ޢަމަލެއް ހިންގާ ފަރާތަކަށާއި، ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ފަރާތްތަކަށް ލިބިގެންވާ ބައެއް ޙައްޤުތައް ވަކި މިންވަރަކަށް ހިފެހެއްޓިގެންވެއެވެ.

ހިފެހެއްޓިގެންވާ ޙައްޤުތައް

ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކު، އެމީހާ ހިމެނޭ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި ނުވަތަ ކޯޓަށް ހާޟިރުނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލާފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، ޝަރީޢަތުން ޙުކުމްކުރުމުގެކުރިން މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވީނަމަވެސް، ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ނުވަތަ އަނިޔާގެ ކުރިކަމުގައި ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން، ބަންދުގައި ބަހައްޓައިދިނުމަށް ދަޢުލަތުން އެދިއްޖެ ޙާލަތުގައި ބެހެއްޓިދާނެއެވެ. ތަޙްޤީޤު މަރުޙަލާގައި އަދި ޝަރީޢަތުގެ މަރުޙަލާގައި ބަންދުން ސަލާމަތްވުމުގެ ޙައްޤު މިފަދަ ފަރާތްތަކަށް ވަނީ ހިފެހެއްޓިފައެވެ.

ހަމައެހެންމެ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ފަރާތްތަކަށް ލިބިގެންވާ، އެމީހަކީ ކާކުކަން އަންގައިދިނުމުގެ ޙައްޤު ފިޔަވައި އިތުރު މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤު، ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ނުވަތަ އަނިޔާއެއް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތަކަށް އެއްވެސް މިންވަރަކަށް ލިބިގެނެއްނުވެއެވެ. މީގެ އިތުރުން، މިފަދަ ކުށެއްގެ ބަންދުގައި ހުންނަ މީހާގެ މައްޗަށް ކަފާލާތުގެ އުސޫލެއްވެސް ނުހިނގާނެއެވެ.

ބަންދުންގައި ބެހެއްޓުމުގެ އަމުރަކަށް އެދުން

ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ކޮމިޝަނަރ އޮފް ޕޮލިސްއަށް، އެދެވިދާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީއެންމެއަވަސް ފުރުސަތެއްގެ ތެރޭގައި އެފަދަ އަމުރަކަށް އެދި، ކޯޓަށް މައްސަލަ ހުށަހަޅަންވާނެއެވެ.

ޙައްޤުތައް ހިފެހެއްޓުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން

އެފަރާތެއްގެ ޙައްޤުތައް ހިފެހެއްޓުމުގައި އެ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ ޒާތާއި، ބާވަތާއި، ހިފެހެއްޓުމުގެ ބޭނުމާއި، މުހިއްމުކަންފަދަ ކަންކަމަށް ކޯޓުން ރިޢާޔަތްކުރާނެއެވެ. އަދި އެ ޙައްޤެއް ހިފަހައްޓާފައިވަނީ، ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިންކަމާއި އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމުގެ ޒިންމާއަކީ، ދަޢުލަތުގެ ނުވަތަ އެ ޙައްޤެއް ހިފެހެއްޓި ފަރާތުގެ ޒިންމާއެކެވެ.

ހަމައެހެންމެ، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީއަތުގެ މަރުޙަލާގައި ބަންދުގައި މީހަކު ދެމެހެއްޓުމަށް ހުށަހަޅާ މައްސަލައެއްގައި އަމުރެއްކުރުމުގެ ކުރިން، ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާ ކޮށްފައިއިވާ ކުށާއި، ކުއްޖާގެ ޙާލަތާއި، އުމުރާއި، އެމީހެއްގެ ކުށުގެ ރިކޯޑާއި، ކުށް ތަކުރާރު ކޮށްފާނެ ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭ ނިސްބަތާއި، ހެއްކާއި، ޤަރީނާފަދަ ކަންކަމަށް ކޯޓުން ރިޢާޔަތް ކުރަންވާނެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ނުވަތަ އަނިޔާއެއް ކުރާ މީހާއަށް ލިބިގެންވާ ޙައްޤުތައް ހިފެހެއްޓިގެންދަނީ، އެ މައްސަލައިގައި ހިމެނޭ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި އަދި މައްސަލައިގެ ތަޙްޤީޤު ނުފޫޒުން އެއްކިބާވެ ކުރިއަށްގެންގޮސް، ދެފަރާތަށްވެސް އިންސާފުވެރި އަދި ހަމަހަމަ އުޞޫލެއްގެ ދަށުން މައްސަލަ ނިންމުމަށެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355