twitterviber whatsapp telegramfacebookyoutube instagram
1st May 2024

ލިވަޕޫލަށް ދިމާވި ވަރުގެ އަނިޔާގެ މައްސަލަ ކުރިމަތިވިނަމަ ސިޓީއަށް ތަށި ނުހޯދުނީސް: ކްލޮޕް

ޢަލީ ރަމީޒް
May 22, 2021

މި ސީޒަންގައި ލިވަޕޫލަށް ދިމާވި ވަރުގެ އަނިޔާގެ މައްސަލަތަކެއް މެންޗެސްޓަ ސިޓީއަށް ކުރިމަތިވި ނަމަ ސިޓީއަށް ލީގު ކާމިޔާބު ނުކުރެވުނީސް ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފި އެވެ.

މި ސީޒަނުގެ ކުރީކޮޅު ލިވަޕޫލްގެ އެންމެ އިތުބާރު ދެ ޑިފެންޑަރުން ކަމަށްވާ ނެދަލޭންޑސްގެ ވާޖިލް ވެން ޑައިކާއި އިނގިރޭސި ވިލާތުގެ ޖޮއެ ގޯމޭޒް އަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގުން އަދިވެސް އެ ކުޅުންތެރިން ތިބީ ކުޅުމާ ދުރުގަ އެވެ. ވެންޑައިކްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާ މިވަނީ ދެން އަންނަ މުބާރާތް ތަކަށް ތައްޔާރުވުމަށް ކުޅުމައި ދުރަށް ޖެހިލާފައެވެ.

މީގެ އިތުރުން ޑިފެންޑަރު ޖޮއެލް މަޓިޕް އާއި މިޑްފީލްޑަރުން ކަމަށްވާ ބްރެޒިލްގެ ފަބީނިއޯގެ އިތުރުން ކެޕްޓަން ޖޯޑަން ހެންޑަސަން އަދި މި ސީޒަންގައި ލިވަޕޫލާ އަލަށް ގުޅުނު ޕޯޗްގަލްގެ ފޯވާޑް ޑިއޮގޯ ޖޯޓާއަށްވެސް ވަނީ އަނިޔާގެ ސަބަބުން ސީޒަންގެ ބޮޑު ބައެއް ގެއްލިފަ އެވެ.“

“ސިޓީ ކިތަންމެ މޮޅަސް ޑިފެންސް ލައިންގެ މެދަށް ކުޅޭ ތިން ކުޅުންތެރިންނަށް އަނިޔާވެގެން ސީޒަންގެ ބޮޑު ބައެއް ގެއްލުނު ނަމަ ލީގު ނުހޯދުނީސް. ޔުނައިޓެޑަށްވެސް ނުކުރެވުނީސް. އަހަރެމެން ލީގަށް ވަރަށް ވާދަކުރިން. އެކަމަކު ހަގީގަތް ގަބޫލުކޮށްފަ އަހަރެމެން ބެލީ ހާލަތުގެ ގޮތުން ހޯދެން އޮތް އެންމެ ރަނގަޅު ނަތީޖާއެއް ހޯދަން“ 2019 ވަނަ އަހަރު ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކްލޮޕް ބުންޏެވެ.

“އަހަރެމެންނަށް މިހާ ހިސާބަކަށް ނާދެވުނީސް އަހަރެމެންގެ ކުޅުންތެރިންގެ ފަރާތުން މިވަރުގެ ސާބިތުކަމެއް ނުފެނުނު ނަމަ. އުނދަގޫ ހާލަތްތަކެއް ތަޖުރިބާކުރަން ޖެހުމަކީ މީހާގެ ވަރުގަދަކަން އިތުރުކޮށްދޭ ކަމެއް. އަހަރެމެންނަށް ދިމާވާ އުނދަގޫ ހާލަތަކުގައި ވެށް އަހަރެމެން އެކަކު އަނެކަކަށް އިނގިލި ދިށްކޮށެއް ނުހަދަން.އަހަރެމެން މީ އެކަތިގަނޑެއް.” 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗް ކަމުގެ މަގާމާ ހަވާލުވި ކްލޮޕް ބުންޏެވެ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ވަރަށް ފަހަކާ ޖެހެންދެން ޓޭބަލްގެ އެއްވަނައިގައި ލިވަޕޫލް އޮތް ނަމަވެސް އެ ޓީމަށް ފުލުފުލުގައި ކުރިމަތިވި އަނިޔާގެ ގިނަ މައްސަލަތަކުގެ ސަބަބުން ފަހުން ޓޭބަލްގެ ވަރަށް ފަހަތަށް ލިވަޕޫލް ސޮއްސާލި އެވެ. އެކަމަކު ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު ނުވަ މެޗުން ހޯދި ހަތް މޮޅާއެކު އެ ޓީމް މިހާރު އޮތީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ވަރަށް ގާތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355