ބާސެލޯނާގެ ޓީމުގައި ހިމަނަން ބޭނުން ނުވެގެން އެތުލެޓިކޯ މެޑްރިޑަށް ވިއްކާލި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ލީގު ކަށަވަރުކޮށްދިން ލަނޑުޖަހައި އޭނާގެ ފެންވަރު ހުރިކަން ބާސެލޯނާއަށް ސާބިތުކޮށްދީފި އެވެ.
ރޭ ސްޕެނިޝް ލީގުގެ އެންމެ ފަހުމެޗުގައި ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅެ 1-2 އިން އެތުލެޓިކޯ މޮޅުވެ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރި އިރު މެޗުގެ ނަތީޖާ އެތުލެޓިކޯ ކޮޅަށް އަނބުރާލި ލަނޑު ސުއަރޭޒް ކާމިޔާބުކުރީ މެޗުގެ 67 ވަނަ މިނެޓްގަ އެވެ.
2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބާސެލޯނާއިން އެތުލެޓިކޯ މެޑްރިޑަށް ސުއަރޭޒް ދޫކޮށްލުން ވީ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަކަށެވެ. ބާސެލޯނާ އިން އޭރު ބުނެފައިވަނީ ސުއަރޭޒް ދޫކޮށްލީ އެ ޓީމުގެ ކޯޗް ރޮނާލްޑް ކޫމަންގެ ޕްލޭންގައި އޭނާ ނެތުމުގެ ސަބަބުން ބާކީވާ ކުޅުންތެރިއަކަށް ވާތީ އެވެ. އެއާއެކު އތުލެޓިކޯ އިން ދުށީ އެއީ އެ ޓީމަށް ލިބުނު ޖަވާހިރެއްގެ ގޮތުގަ އެވެ.
މުޅި ސީޒަންގައިވެސް ސުއަރޭޒް އައީ އެކަން ސާބިތުކޮށްދެމުންނެވެ. ރޭ އެތުލެޓިކޯ އަށް ލީގު ކާމިޔާބުކޮށްދިން މުހިއްމު ލަނޑާއެކު ސުއަރޭޒް ވަނީ މި ސީޒަންގައި އެތުލެޓިކޯ އަށް 21 ގޯލް ކާމިޔާބުކޮށްދީފަ އެވެ.
“މީގެ އެއް އަހަރު ކުރިން އަހަރެން ތަޖުރިބާކުރީ އުނދަގޫ ހާލަތެއް. އެމީހުން އަހަރެން އަންޑައެސްޓިމޭޓްކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް.” މެޗަށް ފަހު ރޮވިފައި ހުރެ ވާހަކަ ދައްކަމުން ސުއަރޭޒް ބުންޏެވެ.
“އަހަރެންގެ ކުޅުމުން އަހަރެންގެ އަސްލު ފެންވަރު ސާބިތުކޮށްދޭން އަހަރެންނަށް ދޮރު ހުޅުވާލަ ދަނީ އެތުލެޓިކޯ މެޑްރިޑުން. މިކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. ” ސުއަރޭޒް ބުންޏެވެ.
ބާސެލޯނާގައި ވީ ހަ އަހަރު ދުވަސް ތެރޭގައި 196 ގޯލް ކާމިޔާބު ކޮށްދިން ސުއަރެޒް މިދިޔަ ސީޒަން ނިމުމުން އެ ކްލަބާ ވަކިވާންޖެހުން ވެގެން ދިޔައީ ގިނަ ބަޔަކަށް ސިހުން ލިބުން ކަމެއްގެ ގޮތުގައެވެ.
ސުއަރޭޒް ބާސާ އިން ދޫކޮށްލި މައްސަލައިގައި ވާހަކަދައްކަމުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ މީގެ ކުރިން ބުނެފައިވަނީ ސުއަރޭޒް އާ ދޭތެރޭ ބާސެލޯނާ އިން ކަންކޮށްފައިވަނީ އެންމެ ރަގަޅަށް ނޫންކަމަށެވެ.