މި ދުވަސްވަރު ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގެ އެކި ސަރަހައްދުގައިވެސް ފެތުރެމުން ދާއިރު ބަލި ކޮންޓްރޯލް ކުރުމަށް ކުޅުދުއްފުށީގައި ފެސިލިޓީއެއް ނެތުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ޔާސިރު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޔާސިރު ވިދާޅުވީ މިފަދަ މޫސުން ގޯސް، ކަނޑު ގަދަ ދުވަސްވަރެއްގައި ރާއްޖޭގެ އިތުރުގައި ތިބި އެންމެހާ ރައްޔިތުން ކޮވިޑްގައި ނޫންކަމަށް ވިޔަސް އެކި ހިދުމަތްތައް ދަތުރު ކުރަން ޖެހެނީ ކުޅުއްފުއްޓަށް ކަމަށާއި އެހެންކަމުން އެތަނުގައި ފެސިލިޓީއެއް ނެތުމުގެ ސަަބަބުން ހާއްސަކޮށް އުތުރުގެ ރައްޔިތުން ދަތިތަކާއި ކުރިމަތި ލާންޖެހޭކަމަށެވެ.
މީގެ އިތުރު ޔާސިރު ވަނީ ކުޅުދުއްފުށީގައި ކޮވިޑްގެ ތެރޭފައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކަަށް ފްރޮންޓްލައިންގައި އެލަވެންސް ވެސް ނުލިބޭކަން ފާހަގަކޮށްފައެވެ.
"އަޅުގަނޑުމެންގެ ސިއްހީ ހިދުމަތްތެރިން އިންތިހާއަށް ބުރަ މަސައްކަތް އެބަ ކުރައްވާ، ހަމައެއާއެކު ފްރޮންޓްލައިން އެލަވެންސްގެ ގޮތުގައި އެބޭފުޅުންނަށް އެލަވެންސެއް އެބަ ދެމުން ދޭ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަތޮޅު ތެރޭގައިވެސް މި މަސައްކަތް ހަމަ ފެށުނީންސުރެ ކުރަމުންދާ ރައްޔިތުންތަކެއް، އަދި ހާއްސަކޮށް ހެލްތް ސެކްޓާގެ މުވައްޒަފުންތަކެއް އެބަތިބި. މިއަދާ ހިސާބަށް އައިއިރު އަޅުގަނޑުމެން ކުޅުދުއްފުށީގައި މަސައްކަތްކުރަމުން އައި އެއްވެސް ސިއްހީ ހިދުމަތްތެރިއަކަށް މި އެލަވެންސް ލިބިފައި ނުވާކަން އަޅުގަނޑު ފާހަގަކޮށްލަން" ޔާސިރު ވިދާޅުވި އެވެ.
މީގެ އިތުރުން ޔާސިރު ވިދާޅުވީ ރާއްޖޭގެ ކޮވިޑްގެ ހާލަތުގައި ސަރުކަރިން އަޅާފައިވާ ފިޔަވާޅުތަކާއި ކުރެވިފައިވާ މަސައްކަތްތަކަކީ އުފަލާއެކު ބަލައިގަންނަ މަސައްކަތްތަކެއް ކަމަށާއި މި ޕެންޑެމިކްގެ ތެރޭގައި ދިވެހި ސަރުކާރުން ލުއިތައް ހޯއްދަވައި ދެއްވުމަށް އެތަކެއް މަސައްކަތްތަކެއް ކުރައްވަމުން ދާކަން ޔާސިރު ފާހަގަކުރެއްވި އެވެ.
އެގޮތުން ފަރުވާ ދިނުމަށް އެތަކެއް ފެސިލިޓީތަކެއް ގާއިމް ކުރެވިއްޖެ ކަމަށާއި އިގްތިސޯދު ހަލުވި ކުރުމަށްވެސް އެތައް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ފެސިލިޓީއެއް ގާއިމްވެފައި ނެތުމުގެ ސަބަބުން މެންބަރު ޔާސިރު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ކުޅުުދުއްފުށީ ހޮސްޕިޓަަލަކީ މާލެ ފިޔަވާ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދުމަށް އަންނަ ހޮސްޕިޓަލެވެ. އަދި މިއީ އަތޮޅުތެރޭގައި އެންމެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަ ރަށްތަކުގެ ތެރެއިން އެއް ރަށެވެ.