ޕޮލެންޑްގެ މިޖެސްކީ ސްޓޭޑިއަމްގައި ނުވަ ހާހަށް ވުރެށް ގިނަ ސަޕޯޓަރުން ކުރިމަތީ ކުޅުނު ޔޫރަޕާ ލީގުގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައި ވިލެރިއެލް ޔޫރަޕާ ލީގުގެ ތަށި އުފުލާލައިފި އެވެ.
ރޭގެ މެޗް ފެށިގެން 19 ވަނަ މިނެޓްގައި ފައިނަލުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ވިލެރިއާލްގެ ޖެރާޑް މޮރޭނޯ އެވެ. ޔުނައިޓެޑަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ފޯވާރޑް ކަވާނީ ކާމިޔާބު ކޮށްދީފައިވާއިރު 90 މިނެޓް ކުޅެ އެއްވަރުވެގެން ކުޅުނު އިތުރު ވަގުތުގައި ދެ ޓީމަށްވެސް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ.
މި ފައިނަލަކީ ޔޫރަޕް މުބާރާތެއްގެ ފައިނަލުގައި ފެނިގެންދިޔަ އެންމެ ދިގު ޕެނަލްޓީ ޝޫޓްއައުޓް އެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ކޮންމެ ޓީމަކުންވެސް 11 ޕެނަލްޓީ ޖަހާފައިވާއިރު ފަހު ޕެނަލްޓީ އާ ހަމައަށް އައިއިރު އޭގެ ކުރިން ދެ ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއްވެސް އޮތީ ކާމިޔާބުކޮށްފަ އެވެ. ވިޔަރެއާލުން ޖެހި ފަހު ޕެނަލްޓީ އެ ޓީމްގެ ގޯލްކީޕަރު ރުލީ ކާމިޔާބުކުރި އިރު ޔުނައިޓެޑްގެ ފަހު ޕެނަލްޓީ ޖެހި ޑޭވިޑް ޑެ ހެއާ އަށްވީ ނާކާމިޔާބެވެ.
ޑޭވިޑް ޑަ ހެއާގެ ޕެނެލްޓީ ނާކާމިޔާބު ވުމާއެކު ވިލަރެއާލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕާ ލީގުގެ ތަށި ވިލެރިއެލް ވަނީ ރޭ އުފުލާލާފައެވެ.
މިއަކީ 2017 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރި ފަހުން ޔުނައިޓެޑް މުބާރާތެއްގެ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ރޭގެ ފައިނަލް މެޗް ޔުނައިޓެޑަށް ގެއްލުމާއެކު ޖެހިޖެހިގެން ހަތަރު ސީޒަން ހުސް އަތާ ނިންމާލަން ޔުނައިޓެޑަށް ވަނީ ޖެހިފަ އެވެ.