twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުރިނބީ، ކުޑަ އާބާދީއަކުން ފަލަސްތީނަށް ބޮޑު އަދަދެއް

އަބްދުލް ވާހިދު ޙަސަން
Jun 3, 2021
1

ހައްދުފަހަނަ އެޅި އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި ވިރާނާކޮށްލާފައިވާ ފަލަސްތީނަށް އެހީވުމަށް މުޅި ރާއްޖެ ވަނީ އަތުގުލާފަ އެވެ. އެބަޔަކަށް ވީ ވަރަކުން އެ ރައްޔިތުންނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ހދ ކުރިނބީގައިވެސް ވަނީ ފަންޑްރައިޒިންގ ހަރަކާތެއް ކުރިއަށްގެންގޮސްފަ އެވެ. ކޮވިޑްގެ މިދަތި ދުވަސްތަކުގައިވެސް ކުރިނބީ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯތްބާއި ކުލުނެވެ. ދިއްކޮށްލީ ދީލަތިކަމުގެ އަތެވެ.

800 އެއްހާ މީހުންގެ އާބާދީގެ އޮންނަ އެރަށުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 160،500 ރުފިޔާ އާއި 260 ޑޮލަރު އެއްކޮށް، ހަދިޔާކޮށްފަ އެވެ. މިއީ ގާތްގަނޑަށް އެރަށުގެ ކޮންމެ ބޮލަކަށް 200 ރުފިޔާއަށްވުރެ ބޮޑު، ދީލަތި އެހީއެކެވެ.

ކުރިނބީ ކައުންސިލްގެ ރައީސް އަބުދުﷲ އަސްލަމް ވިދާޅުވީ، މިއީ ކުރިނބީގެ ހުރިހާ ރައްޔިތުން ގުޅިގެން ކުރިއަށްގެންދިޔަ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ. މިއީ ކައުންސިލުން އިސްނަގައިގެން ރަށުގައި ހުރިހާ މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތަކާއެކު ކުރިއަށްގެންދިޔަ ހަރަކާތެވެ.

ކޮންމެ އިދާރާއަކުން ދެ މީހަކު ހިމަނައި މިކަމަށް ހާއްސަކޮށް ވަކި ޓީމެއް ނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވާސިލްވާނެގޮތަކަށް ވައިބާ ގުރޫޕެއް ހަދާފައިވެ އެވެ.

އަދި ރަށުން ބޭރުގައި އުޅޭ ފަރާތްތަކުން ރުފިޔާ ފޮނުވޭނެހެން ފައިސާ ޖަމާކުރަން ހާއްސަ އެކައުންޓް ނަމްބަރެއް ހިމަނައި އެ ގުރޫޕަށް އަޅައި އެކަން ކުރަމުން ގޮސްފައިވަނީ ވަރަށް ރަނގަޅަށް ކޯޑިނޭޓްކުރެވި އަދި މޮނިޓަރިގ ކުރެވިގެންކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

6 ދުވަހަށް ކުރިއަށްގެންދިޔަ މިހަރަކާތަކީ ފަލަސްތީނު ފަންޑަށް މިހާ ބޮޑު އަދަދެއް ރަށަކުން އެއްކުރިކަން އެނގުނު ފުރަތަމަ ފަހަރެވެ. މި ފައިސާ މިއަދު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕައިން (އައިއޭސީ) ގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355