twitterviber whatsapp telegramfacebookyoutube instagram
27th July 2024

ނޭކުރެންދޫ އިތުރު ބަޔަކު ޕޮޒިޓިވްވެ އަދަދު 73 އަކަށް

އަބްދުލް ވާހިދު ޙަސަން
Jun 6, 2021

ހދ ނޭކުރެންދޫ އިން އިތުރު 13 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 73 އަކަށް އަރައިފި އެވެ. އެރަށުން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހު 24 ވަނަ ދުވަހު އެވެ. އެ ފަހަރު ޕޮޒިޓިވްވެފައިވަނީ ރޭންޑަމް ސާމްޕަލެކެވެ.

އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްއިރު އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ދަތުރުކުރާ ދެ ބޯޓެއްގައި މަސައްކަތްކުރާ ބައެއް މީހުން ހިމެނެ އެވެ.

އެރަށު ކައުންސިލްގެ ރައީސް އަލީ ސިރާޖު ވިދާޅުވީ، ނޭކުރެންދޫއަށް ބަލި ފެތުރުނު ގޮތެއް އަދި މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ހައި ރިކްސް މީހުން ހިމެނުނަސް ބަލި ޖެހުނު މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެރަށުގެ ހާލަތު ބެލުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އަދި ޓާސްކް ފޯސް ހިންގުމާއި ހަވާލުވެ ހުންނެވި އަލީ އާދަމް ވިދާޅުވީ މިހާރުވެސް ފެންނަމުންދަނީ ކުރީގެ ކްލަސްޓާއިން ޕޮޒިޓިވްވެފައިވާ ފަރާތަށް ކަމަށެވެ.

ފުރަތަމަ ދުވަހުން ފެށިގެން އެޅި ފިޔަވަޅުތަކާއެކު ބަލި ފެތުރުން ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި މިހާރު ޕޮޒިޓިވްވަމުންދަނީ ކުރިން ކޮންޓެކްޓްވެފައި ތިބި މީހުން ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް އެފަދަ ޕޮޒިޓިވް ކޭސްތައް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ ފެންނަ ކޭސްތަކަކީ ފަހުން ބަޔަކާއި ކޮންޓެކްޓްވެގެން ފެންނަ ކޭސްތަކެއް ނޫން." އަލީ ވިދާޅުވި އެވެ.

ނޭކުރެންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު ފިހާރަތަކުން ދެމުން ގެންދިޔަ ޑެލިވަރީގެ ހިދުމަތްވެސް މިހާރު ދެމުން ގެންދަނީ ފުލުހުންކަމަށާއި އެގޮތުން ކޮންމެ ގެއަކަށްވެސް ދުވާލަކު 3 ފަހަރު ޑެލިވަރީގެ ހިދުމަތް ދެމުން ގެންދާނެކަމަށެވެ.

މީގެ އިތުރުން ރަށަށް މުދާ ހިފައިގެން އަންނަ ބޯޓުން މުދާ ބަނދަރަށް ބޭލުމުން އެތަކެތި ޑިސްއިންފެކްޓް ކުރުމާށްފަހު މުދާތައް ޑެލިވަރީކޮށްދެނީވެސް ފުލުހުންކަމަށް އަލީ ވިދާޅުވި އެވެ.

އޭނާވަނީ މިފަދަ ދަނޑިވަޅެއްގައި އެރަށުގެ މުވައްސަސާތަކުންނާއި ރައްޔިތުން ޓާސްކްފޯސްއަށް ދެމުން ގެންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355