އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ބޭންކް އޮފް މޯލްޑިވްސްއާ އެކު 10 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެހީގެ ދަށުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އެ ފަންޑިން ހަމަޖެހިފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށާއި ވިޔަފާރީގެ އެކި ދާއިރާތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.
އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަބްދުލްހާމިދު އަލްހަލީފާ ވިދާޅުވީ ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ.
އޯޕެކް ފަންޑުގެ ލޯނަކީ ވޯލްޑް ބޭންކް މެންބަރެއް ކަމަށްވާ އައިއެފްސީ އިން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ ބައެކެވެ.
ރީޖަނަލް ޑައިރެކްޓާ ފޯ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ގްރޫޕް ފޯ އައިއެފްސީ އޭޝިއާ އެންޑް ޕެސިފިކް ރޯޒީ ޚައްނާ ވިދާޅުވީ ޕާޓްނާ އިދާރާތަކާއެކު ދުނިޔޭގެ އެކިކަންކޮޅުތަކަށް ބޭނުންވާ ފައިނޭންސިން ހޯދާއިދިނުމުގައި އައިއެފްސީ އިން އިސް ދައުރެއް އަދާކުރަމުންދާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރާ ބޭންކު ކަމަށާއި އޯޕެކުން ދިން ލޯނާއެކު ފަތުރުވެރިކަމުގެ ދާއިރާ އާއި އެ ދާއިރާ އާއި ގުޅުން ހުރި ސިނާއަތްތަކަށް ބޭނުންވާ ފައިސާ ދޫކުރަމުންދާނެ ކަމަށެވެ.