twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޭކުރެންދޫގެ ރައްޔިތުންނަށް އަމިއްލަ ފަރާތަކުން ބޮޑު އެހީއެއް

ޚަދީޖާ އާދަމް
Jun 8, 2021
2

ކޮވިޑް ކޭސްތަކެއް ފެނި ހދ ނޭކުރެންދޫ މޮނީޓަރިންގެ ހާލަތުގައި އޮންނަތާ ގާތްގަނޑަކަށް 14 ދުވަސް ވެފައިވާއިރު މިވަގުތު ހދ އަތޮޅުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ރަށަކީވެސް ނޭކުރެންދޫ އެވެ.

ކޮމިއުނިޓީ ސްޕްރެޑެއްކަމަށް ނިންމާ ބޭރަށް ނުކުމެ އުޅުން މަނާކޮށް އެރަށުގައި މިދިޔަ މަހު 29 ވަނަ ދުވަހުން ފެށިގެން އަންނަނީ ކާފިއު ހިންގަމުންނެވެ. މިފަދަ ވަގުތެއްގައި އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ރޯ މަސް މިވަނީ އަމިއްލަ ފަރާތަކުން ހަދިޔާކޮށްފައެވެ.

އެރަށު ކައުންސިލްގެ ރައީސް އަލީ ސިރާޖު ކޭއޯއަށް ވިދާޅުވީ މިފަދަ ދަތި ވަގުތެއްގައި އެރަށު ނޫރަންވިލާ، އިބްރާހިމް ޝަފީގު (ސައްޕެ) ހަދިޔާ ކުރިތަކެއްޗަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

އެގޮތުން އޭނާވަނީ 562 ކިލޯގެ ރޯމަސް، 50 ބަސްތާ ހަނޑޫ، 50 ބަސްތާ ހަކުރު އަދި 50 ބަސްތާ ފުށް ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. އަދި މިތަކެތި ރައްޔިތުންނަށް ބެހުމަށްޓަކައި ބޭނުންވާ ކޮތަޅުވެސް ހަދިޔާކޮށްފައި ވެއެވެ.

ސިރާޖު ވިދާޅުވީ މިތަކެތި ރަށަށް ލިބުނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި ރަށައް އެތަކެތި ފޮނުވާދީފައި ވަނީވެސް ސައްޕެގެ އަމިއްލަ ހަރަދުގައި ކަމަށެވެ. ޕޮލިހާއި ޓާސްކްފޯސް އަދި ކައުންސިލްގައި މަސައްކަތްކުރާ ފިރިހެން އިދާރީ މުވައްޒަފުންގެ އެހީގައި އިއްޔެ އެތަކެތި ރައްޔިތުންނަށް ބަހާފައިވާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ. އެގޮތުން ރަށުގެ ރައްޔިތުންގެ އިތުރުން އެރަށުގައި ދިރިއުޅޭ ބިދޭސީންގެ ގޭތަކަށްވެސް މިތަކެތި ވަނީ ހަދިޔާކޮށްފައެވެ. އެރަށުގައި މީހުން ދިރިއުޅޭ ގޭބީސީގެ އަދަދަކީ 173 އެވެ.

ސިރާޖު ވިދާޅުވީ ލަފާކުރެވޭގޮތުގައި ހަދިޔާކުރި ތަކެތީގެ އަގު ސާޅީސްހާހާއި ފަންސާސް ރުފިޔާއަށް އަރާނެކަމަށެވެ. އެހެންކަމުން މިއީ ވަރަށް ބޮޑުއެހީއެއްކަން ފާހަގަކޮށް ސިރާޖު ވަނީ ތަކެތި ހަދިޔާކުރެއްވި އިބްރާހިމް ޝަފީގަށް ޝުކުރުއަދާކުރައްވާފައެވެ.

މިވަގުތު އެރަށުގައި ކޮވިޑްގެ އެކްޓިވް 67 ކޭސް އެބައޮތެވެ. މިމަހު 6 ވަނަ ދުވަހު އެރަށުން އިތުރު 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެފަހުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355