ކުޅުދުއްފުށި ސިޓީގައި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން އެ އުސޫލާ ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ގިނަ އަދަދެއްގެ ޝަކުވާ ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށާ އެކަމާ ގުޅިގެން އެންމެންގެ ރައްކަލަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހަނދާކޮށްދީފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ކުރެވޭ ފަރާތްތައް ކަރަންޓީނު އުސޫލުތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ މި ދުވަސްވަރަކީ ކުޅުދުއްފުށީގައި ބަލީގެ ބިރުވެރިކަން ބޮޑުވެ، ބަލި ޖެހިފައި ތިބި މީހުން ފެންނަމުންދާ ދުވަސްވަރެއް ކަމަށެވެ.
އެހެންވުމުން ހޯމް ކަރަންޓީނު އުސޫލުތަކަށް ހުރިހާ ރައްޔިތުން ފުރިހަމައަށް އަމަލުކުރުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.
އިއުލާނުގައި ބުނެފައިވަނީ ކަރަންޓީނު އުސޫލުތަކާ ހިލާފުވެގެން ގިނަ އަދަދެއްގެ ޝަކުވާ ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށައެޅެމުންދާ މި ދަނޑިވަޅުގައި ބައެއް ރައްޔިތުންގެ ފަރާތުން މިފަދަ އަމަލުތައް ފެންނަކަމީ ނުހަނު ހިތާމަކުރާ ކަމެއް ކަމަށެވެ. އެގޮތަށް ހުށައެޅޭ ބައެއް ޝަކުވާތައްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން ކަރަންޓީނު ކުރެވޭ ބައި ވަކި ކުރުމަށް ޖަހާފައި ހުންނަ ޕާޓިޝަން ނައްޓައި އެކުވެ އުޅޭ މައްސަލަ އާއި ކަރަންޓީނު ކުރެވޭ ގެތަކަށް މީހުން ވަންނަ މައްސަލަ އަދި ކަރަންޓީނުގައި ތިބޭ ފަރާތްތައް ބޭރަށް ނުކުންނަކަމުގައި ޝަކުވާ ހިމެނެ އެވެ. އެ އިދާރާއިން އެފަދަ ގިނަ އަދަދެއްގެ ޝަކުވާ ގުޅުން ހުރި އިދާރާތަކަށް ހުށައެޅެމުންދާ ކަމަށެވެ.
"މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސިޓީގެ އަދި މި ސަރަހައްދުގެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅި ބަލި ފެތުރުން ހުއްޓުވުމަށް ހުރަސްތައް ކުރިމަތިވާނެ ކަމަށްޓަކައި މިފަދަ ކަންކަމުން ދުރުހެލިވެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ގަވައިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ކުޅުދުއްފުށި ސިޓީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ." ކައުންސިލްގެ އިއުލާނުގައިވެ އެވެ.
ކައުންސިލުން ބުނީ އުސޫލުތަކާ ހިލާފުވާކަމުގެ ޝަކުވާ ގިނަ އަދަދަކަށް ހުށައެޅުމުންދާތީ ކަރަންޓީން ކުރެވިފައިވާ ގެތައް ޓާސްކް ފޯސްގެ ފަރާތުން ރެންޑަމްކޮށް ޗެކްކުރެވޭނެ ކަމަށާއި މިގޮތަށް ބަލާބެލުމުގައި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެންމެންގެ ރައްކަލަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅޭނެކަން ހަނދާކޮށްދޭ ކަމަށެވެ.