ޔޫރަޕްގެ ޗެމްޕިއަންކަން މިދިޔަސީޒަނުގައި ހޯދި ޗެލްސީން ބޮޑު އަގުގައި ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަވެއްޖެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފޯވާޑެއް ގެންނަން ޗެލްސީން ވަރަށް ބޭނުންވެ އެވެ. ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި އެންމެފަހުން ބޭއްވި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޗެލްސީގެ ނަޒަރު ތިން ފޯވާޑަކާއި ދިމާއަށް އެބަހުއްޓެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ހެރީ ކޭން އާއި ކުރިން ޗެލްސީ އަށް ކުޅުނު ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަދި ހާލަންޑެވެ. ނަމަވެސް ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ބޭނުންވަނީ ހާލަންޑް ގެންނަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އަންނަ އަހަރު 70 މިލިއަން ޕައުންޑް (96 މިލިއަން ޑޮލަރު) އަށް ހާލަންޑް ގެނެވެން އޮތަސް މިފަހަރުގެ މާކެޓްގައި ހާލަންޑް ގަންނަނަމަ މަދުވެގެން 200 މިލިއަން ޑޮލަރަށް ޑޯޓްމަންޑުން ޑިމާންޑް ކުރާނެ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން މަދުވެގެން 20 މިލިއަން ޑޮލަރުގެ ފީއެއް ހާލަންޑްގެ ސޮއި ހޯދާ ކުލަބަކުން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ނަގާނެ އެވެ. ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޑީލް ހިނގުން ވަރަށް ދުރެވެ.
މިހާތަނަށް 59 މެޗުން 57 ގޯލު ޖަހައި 15 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ޑޯޓްމަންޑާ އެކު ޖަރުމަނު ކަޕް ކާމިޔާބުކޮށްފަ އެވެ.