ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ޖިއަންލުއިޖީ ޑޮންނަރުމާ ފުރާންސްގެ ޕީއެސްޖީއަށް ސޮއިކޮށްފި އެވެ.
އުމުރުން 22 އަހަރުގެ ކީޕަރު ފަސް އަހަރުގެ އެއްބަސވުމެއްގެ ދަށުން ޕީއެސްޖީއަށް ސޮއިކުރިއިރު އޭނާ ވަނީ މިފަހަރުގެ ޔޫރޯގެ ތަށި އިޓަލީއަށް ހޯދައިދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ވަނީ ހޯދާފަ އެވެ. މީގެ ކުރިން ޑޮންނަރުމާ ކުޅެމުން އައީ އިޓަލީގެ އޭސީ މިލާނަށެވެ.
އިޓަލީގެ އެއް ނަމްބަރު ގޯލްކީޕަރުކަން ޑޮންނަރުމާއަށް ލިބެން ފެށީ އެގައުމުގެ މިހާރުގެ ކޯޗު ރޮބާޓް މަންޗީނީ 2018 ވަނަ އަހަރު އެގައުމުގެ ކޯޗުކަމާ ހަވާލުވި ހިސާބުންނެވެ. މިފަހަރުގެ ޔޫރޯގައި ސެމީ ފައިނަލް އަދި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ މޮޅުވިއިރު ޑޮންނަރުމާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ފައިނަލުގައި ނަތީޖާ ކަނޑައަޅަން އިންގްލޭންޑް ބުކާޔޯ ސަކާ ޖެހި ޕެނަލްޓީވެސް ޑޮންނަރުމާ ވަނީ މަތަކޮށްފަ އެވެ.
"މިކުލަބާ (ޕީއެސްޖީ) އާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ގިނަ ކާމިޔާބީތަކެއް ހޯދައި ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަރަން ވަރަށް މަސައްކަތްކުރަން ބޭނުން. ޕީއެސްޖީއާ ގުޅުމަކީ ރަނގަޅު ނިންމުމެއްކަން ސާބިތުކޮށްދޭން ވެސް ބޭނުން." ޑޮންނަރުމާ
މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ހިލޭ ޕީއެސްޖީން ހޯދި ތިންވަނަ ކުޅުންތެރިޔަކީ ޑޮންނަރުމާ އެވެ. ލިވަޕޫލް ދޫކޮށްލުމަށްފަހު ނެދަލޭންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނާލްޑަމް އެކުލަބާ ގުޅިފައިވާއިރު 16 އަހަރަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލި ޑިފެންޑަރު ސާޖިއޯ ރާމޮސް ވެސް ވަނީ ޕީއެސްޖީއާ ގުޅިފަ އެވެ. މީގެ އިތުރުން މި ޓްރާންސްފާ މާކެޓްގައި 70 މިލިއަން ޑޮލަރުގެ ފީ އަކަށް އިންޓަ މިލާނަށް ކުޅޭ އަޝްރަފް ހަކީމީ ވެސް ވަނީ ޕީއެސްޖީއަށް ސޮއިކޮށްފަ އެވެ.
ޑޮންނަރުމާ ކުލަބާ ގުޅުމާއި ގުޅިގެން ޕީއެސްޖީގެ ރައީސް ނާސިތު އަލް ހެލާފީ ބުނެފައިވަނީ އެކުލަބަށް ޑޮންނަރުމާ ގުޅުމުން ވަރަށް އުފާވާ ކަމަށާއި އޭނާ އަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ޔޫރޯގައި އޭނާ ހޯދި ކާމިޔާބީއަށް ވެސް ޕީއެސްޖީގެ ރައީސް ވަނީ މަރުހަބާ ކިޔާފަ އެވެ.