ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްއާއެކު ބޭއްވި ބައްދަލުވުމުގައިވެސް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފްގެ އެންމެ އިސް އަދި މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަވައިދެއްވުމަށެވެ. އެގޮތުން، ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން މޭޔަރު ތަކުރާރުކޮށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވީ ބޯހިޔާވަހިކަމުގެ އެކަށީގެންވާ މަޝްރޫއުއެއް ކުޅުދުއްފުއްޓަށް ގެނެސްދިނުމަށެވެ.
ހުކުރު ދުވަހު ރޭ ރައީސް ސޯލިހާއި ދައުލަތުގެ ވަޒީރުންނާއެކު ބޭއްވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ބޯހިޔާވެހިކަމަށް ބޭނުންވެފައިވާ އެތައް އާއިލާތަކެއް ތިބިކަމަށާއި ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަކަން މޭޔަރު ފާހަގަކުރެއްވި އެވެ. އަދި މި ކަމަށް ހައްލެއް ނުލިބި މާގިނަދުވަސްތަކެއް ފާއިތުވެގެން ދާނަމަ އިތުރު ބޮޑެތި އިޖުތިމާއީ މައްސަލަތަކެއް ސިޓީގައި އުފެދިދާނެކަމުގެ ކަންބޮޑުވުންވެސް މޭޔަރު، ރައީސްއަށް ދެންނެވި އެވެ.
އެހެންވުމުން މޭޔަރު އެދިވަޑައިގެންނެވީ އަންނަ އަހަރު 1000 އެޕާޓްމަންޓް ހިމެނޭ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުޅުދުއްފުށި ސިޓީގައި ފައްޓަވައި ދެއްވުމަށެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހް ވިދާޅުވީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް އަންނަ އަހަރު ސަރުކާރުން ކަނޑައަޅާފައިވާ 1.5 ބިލިއަން ރުފިޔާގެ ބަޖެޓްގެތެރެއިން 224 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެއް ކުޅުދުއްފުއްޓަށް މިހާރުވެސް ހަމަޖައްސާފައިވާނެކަމަށެވެ. އެހެން ރައީސް ވިދާޅުވުމުން މޭޔަރު ތަކުރާރުކޮށް އެދިވަޑައިގެންނެވީ ކުރިންވެސް އެދުނު އަދަދަށް، 1000 އެޕާޓްމަންޓްގެ މަޝްރޫއެއް ގެނެސްދިނުމަށެވެ.
އެ މައުލޫގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުޅުދުއްފުއްޓަށް ބޯހިޔާވަހިކަން މުހިންމުވެފައިވާ މިންވަރު އިހުސާސް ކުރެވިއްޖެކަމަށާއި ކުރިން ހަމަޖައްސާފައި އިން އަދަދު އިތުރުވާނެ ގޮތަކަށް ވިސްނާ އެ އަދަދަށް އެޕާޓްމަންޓް ތަރައްގީ ކުރެވޭނެ ގޮތަކަށް އަމާޒު ހިފާދެއްވާނެކަމަށެވެ.
މި ބައްދަލުވުމުގައި ހައުންސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި 1200 އާއިލާ ދިރިއުޅޭ ކަމުގެ މައުލޫމާތު ކައުންސިލް އިންތިހާބު ތެރޭގައިވެސް އެމްޑީޕީގެ ކެންޑިޑޭޓުންގެ ފަރާތުން އަޑުއިވިފައިވާކަމަށާއި އެހެންކަމުން ސަރުކާރުން މި ސިޓީއަށް އިސްކަމެއްދެއްވައިގެން މިމައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް މިކަމަށް މި އެދެނީ މިއީ ކައުންސިލް ހުރިހާ މެންބަރުންވެސް އެންމެ ބޮޑަށް ބޭނުންވާ ކަންތައްކަމަށް ވާތީ، އަދި އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ރަށުގައި އޮތް އެންމެ ބޮޑު މައްސަލައަކީވެސް ހަމަ މިއީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ މާލެއަށް ވީގޮތަށްވެ އަޅުގަނޑުމެންގެ ރައްޔިތުން އެ ހިތްދަތި ދިރިއުޅުމަށް ދާން ފުރުސަތު ދޭކަށް." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.
ކައުންސިލުން ބޯހިޔާވަހިކަމުގެ މައްސަލަ ހާސިލުކުރުމަށް ދާންޖެހުނު ކޮންމެ ހިސާބަަކަށް ދާން ހުރިހާ މެންބަރުންވެސް ތިބީ ތައްޔާރަށްކަން މޭޔަރު ވަނީ ރައީސްގެ އަރިހުގައި ދަންނަވާފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމާމެދު ޝައްކުނުކުރައްވާކަމަށް މޭޔަރު ވަނީ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.