twitterviber whatsapp telegramfacebookyoutube instagram
24th April 2024

މިއަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ

މުޙައްމަދު އަހުމަދު
Jul 19, 2021

މޫސުމް ތަންދޭނަމަ މިއަހަރުވެސް ކުޅުދުއްފުށި ސިޓީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފި އެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ އީދު ނަމާދު އިންތިޒާމު ކުރަނީ ކުޅުދުއްފުށީ ކައުންސިލުންނެވެ.

ކޭއޯއާ ވާހަކަ ދައްކަމުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ކައުންސިލުން ނިންމީ އެއީ އެކަމަކީ ކައުންސިލުން ކޮށްދޭންޖެހޭ ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.

އީދު ކުޅިވަރުތަކާ ބެހޭގޮތުން މޭޔަރު ވިދާޅުވީ ސަގާފީ ކުޅިވަރުތަކާ ގިނަ އެކިކަހަލަ ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާ ރޭވި ކަމަށާ އެހެންނަނަމަވެސް އެޗްޕީއޭއިން އެންގި އެންގުމަށް ތަބާވުމުގެ ގޮތުން ކުޅިވަރުތައް ކެންސަލް ކުރަން ކައުންސިލުން ނިންމީ ކަމަށެވެ. އެޗްޕީއޭއިން އަންގާފައިވަނީ އީދާ ދިމާކޮށް މީހުން އެއްވެގެން ކުޅޭ ކުޅިވަރުތައް ނުކުޅުމަށެވެ.

އެކަމަކު މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފައި އޮތުމުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރިއަށްގެންދަން ނިންމީ ކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ކަންކަމާ ހަވާލުވެ ހުންނެވި ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ ބޮޑު ޖަމާއަތުގައި ނަމާދުކުރުން ކުރިއަށްދާނީ މޫސުން ތަންދޭނަމަ އެވެ. ބޮޑު ޖަމާއަތް ކުރިއަށްދާނީ ސްޓޭޑިއަމްގައި އެވެ.

އޭނާ ވިދާޅުވީ، ތަން ތައްޔާރުކުރަނީ ސަތަރިމަތީގައި 1000 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމާއެކު ކަމަށާއި ބަލި މީހުންނަށާއި ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ މީހުންނަށް އިށީދެ އިނދެގެން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިހުންނާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރައްވާނީ އައްޝައިހް ރޫހުލް އަމީން އަބްދުﷲ އެވެ. ބޮޑު ޖަމާއަތުގައި ނަމާދުކުރަން ފެށޭނީ ހެނދުނު 7.30 ގަ އެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ރަށުގެ 5 މިސްކިތުގައި ވެސް އީދު ނަމާދުކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355