ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު 3 ބިލެއް ތަސްދީގު ކުރައްވައިފި އެވެ. މިއަދު ތަސްދީގު ކުރެއްވި 3 ބިލަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މި ތިން ބިލް މިހާރު ވަނީ ގެޒެޓު ކުރައްވާފައެވެ.
ތަފާސްހިސާބުގެ ބިލަކީ ޖުލައި 8، 2021 ގައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލެކެވެ. މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާ ގުޅޭ ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ނަމުގައި ވަކި އިދާރާއެއް އުފައްދާނެ އެވެ. އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލު ވާނެ އެވެ.
މި ގާނޫނާއެކު ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމާއި، ގައުމުގެ އިގްތިސޯދީ، އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ޖުލައި 8، 2021 ރައްޔިތުން މަޖިލީހުން ފާސްކުރެއްވި ބިލެކެވެ. އެ ބިލުގައި އެންމެ ކުދި، ކުދިއަދި މެދުފަންތީގެ ވިޔަފާރި ގިންތި ކޮށްފައިވާ މިންގަނޑުތަކަށް އިސްލާހު ގެނެސްފައި ވެއެވެ.
އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރަން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ވިލަރެސްކޮށް، ރާވައި، ހިންގަން ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ގާއިމު ކުރާނެ އެވެ. އެ ކުންފުންޏަކީ ރައީސްގެ ގަރާރަކުން 2017 ގައި އުފައްދާފައިވާ ބީސީސީ އެވެ
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި އިސްލާހާއެކު ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް، މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރެއަށް އިތުރުކޮށްފައިވެއެވެ. އަދި ޓެކްސް ދެއްކުމަށް ދެވޭ ހާއްސަ އިސްތިސްނާތަކުގެ ތަފުސީލު ބަޔާން ކޮށްފައިވެއެވެ.