twitterviber whatsapp telegramfacebookyoutube instagram
9th May 2024

ގާނޫނީ ކޮލަމް: ނުއުފުލޭ މުދަލެއް ހިބައިންދީފަ، އަނބުރާ އަތުލެވިދާނެތަ؟

Jul 23, 2021

ނުއުފުލޭ މުދަލެއް ހިބައިން ދިނުމަކީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމު މުޢާމަލާތެކެވެ. އަދި ހިބައިން ދިނުމަށް ޤާނޫނާއި ގަވައިދުގައި، ލިޔެވިފައިވާ ވަކި އިޖުރާއަތުތަކެއް ކަނޑައެޅިފައިވެއެވެ. ނަމަވެސް، ހިބައިންދޭ ބިމެއް، ހިބަދިން ފަރާތުން އަނބުރާ އެބިން އަތުލުމަށް ޝަރީޢަތަށް ދިއުމަކީ ޢާންމުގޮތެއްގައި އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ބާވަތުގެ މައްސަލައެއްނޫނެވެ. އަދި ހިބަ އަނބުރާ އަތުލުމާ ގުޅޭގޮތުން ޤާނޫނާއި ގަވައިދުގައި ލިޔެވިފައިވާ ވަކި އިޖުރާޢަތުތަކެއް ކަނޑައެޅިފައެއްވެސް ނުވެއެވެ. ވީމާ، ހިބައިންދިނުމަށްފަހު ހިބަ އަނބުރާ އަތުލެވޭނެތޯ މިއީ އުފެދޭ ސުވާލެކެވެ.

ހިބަ އަނބުރާ ރުޖޫޢަކުރުން

ހިބަ އަނބުރާ އަތުލުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤާނޫނާއި ގަވައިދުގައި ވަކި އިޖުރާޢަތުތަކެއް ކަނޑައެޅިފައިނުވިޔަސް، ހިބަ އަނބުރާ އަތުލެވޭނެ ޙާލަތްތަކެއް ހުރެއެވެ. މިގޮތުން ހިބަ އަނބުރާ އަތުލުމުގައި ރާއްޖޭގައި ޢަމަލުކުރެވެމުންދަނީ، ޝަރީޢަތަށް ހުށަހެޅޭ މިބާވަތުގެ އެކި މައްސަލަތަކުން އެކަށައެޅިފައިވާ ވަކި ޤާނޫނީ އުޞޫލުތަކަކަށެވެ.

ހިބައިންދީފައިވާ މުދަލަށް ބަދަލެއް އައިސްފައިވުން

ހިބައިންދިނުމަށްފަހު އެހިބަ ރުޖޫޢަކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީޢަތުން ބަލާނެ އެއްކަމަކީ، ހިބައިންދިނުމަށްފަހު، ހިބައިންދީފައިވާ އިމާރާތުގެ އަގަށް ނުވަތަ އިމާރާތުގެ ޒާތަށް ބަދަލު އަންނާނެ މުޢާމަލާތެއް ހިނގާފައިވޭތޯއެވެ. މިގޮތުން، ހިބައިން ދެވިފައިވާ މުދަލަށް އެކަށީގެންވާ ބަދަލެއް ނުވަތަ އިތުރުކަމެއް ގެނެސްފައިވާނަމަ، ހިބައިން ލިބިފައިވާ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ރުހުންނެތި ޝަރީޢަތް މެދުވެރިކޮށްވެސް އަތެއްނުލެވެއެވެ. އެހެނީ، ހިބަ އަތުލުމުގެ މައްސަލައަކީ، ހިބައިގެ މުޢާމަލާތް ހިނގުމުގެ ކުރިން އޮތް ޙާލަތަށް ރުޖޫޢަކުރުމަށް ހުށަހެޅިފައިވާ މައްސަލައަކަށްވުމުން، ހިބައިން ލިބުނު ފަރާތުގެ ބަހެއް ހޯދުމަކީ ޝަރީޢަތުން ކުރަންޖެހޭ ކަމެކެވެ. މިސާލަކަށް، ހުސްބިމެއް ހިބައިން ލިބިފައިވާ ފަރާތަކުން އެބިމުގައި އިމާރާތެއް އަޅައިފިނަމަ އެއީ، އެމުދަލަށް އެކަށީގެންވާ ބަދަލެއް ގެނެވުނީ ކަމުގައި ބެލެވޭނެއެވެ. އަދި މިޙާލަތުގައި އެފަރާތުގެ ރުހުންނެތި ހިބަ ރުޖޫޢައެއް ނުކުރެވޭނެއެވެ.

މަންމައަކު ނުވަތަ ބައްޕައަކު، އެމީހެއްގެ އުފަން ދަރިއަށް ކުރާ ހިބައެއް އަނބުރާ އެމަންމައަކު ނުވަތަ ބައްޕައަކު އަތުލާއިރުވެސް، އެއްވެސް ކަހަލަ އުނިއިތުރެއް ހިބައިން ދިންތަނަށް ނުގެނެސްހުރިނަމަ ނުވަތަ އެއުނިއިތުރަކާމެދު ޝަރުޢީގޮތުން އެމައްސަލަ ނިންމުމަށްފަހު، އެމަންމައެއްގެ ނުވަތަ ބައްޕައެއްގެ ނަމަށް ބަދަލުކުރެވެއެވެ. ނަމަވެސް، އުމުރުން 18 އަހަރުނުވާ ކުއްޖަކަށް ހިބައިންދިފައިވާ މުދަލެއް އެކުއްޖަކަށް 18 އަހަރުވުމުގެ ކުރިން އަތުލާނަމަ، އެކުއްޖަކީ ތަޞައްރުފުނުފުރޭ ކުއްޖެކެވެ. އަދި ހިބަ ރުޖޫޢަކުރުމުގެ މައްސަލައަކީ، އެކުއްޖާގެ މިލްކުގައިވާ މުދަލެއް އަނބުރާ އަތުލުމުގެ މައްސަލައަކަށްއެކެވެ. ވީމާ، އެކުއްޖެއްގެ މަޞްލަޙަތު އެންމެ ރަނގަޅަށް ޙިމާޔަތްކޮށްދެވޭނެ ފަރާތަކީ ކޮބައިތޯ ޝަރީޢަތުން ބަލައި، އެފަރާތަކުން އެކުއްޖަކު ތަމްސީލުކުރުމުގެ ފުރުޞަތު ޝަރީޢަތުން ފޯރުކޮށްދޭންޖެހެއެވެ.

ނަމަވެސް، އެކަށީގެންވާ ބަދަލަކީ ކިހާވަރެއްގެ ބަދަލެއްކަން ޝަރީޢަތުން ކަނޑައެޅުމަށް ކޮންމެ މައްސަލައެއްގައިވެސް، އެމައްސަލައެއްގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަލާނެއެވެ. ހިބައިންދީފައިވާ އިމާރާތެއްގައި ހުރި ކުޑަދޮރެއް ނެގުމަށްފަހު އެތަނުގައި ދޮރެއް ހަރުކޮށްފައިވާތީ، އެއީވެސް އިމާރާތަށް ގެނެވުނު އެކަށީގެންވާ ބަދަލެއް ކަމުގައިވެސް ޝަރީޢަތުން ކަނޑައަޅާފައި އެބަހުއްޓެވެ.

ހަމައެހެންމެ، ބިމެއްގެ ނުވަތަ އިމާރާތެއްގެ ދެބައިކުޅަ އެއްބައި އެހެންފަރާތަކަށް ހިބައިންދީފައިވާ ޙާލަތުގައި އަދި ބެހެނިވެރިންނަށް ބިން އައްޔަންކޮށްފައިނުވާނަމަ، އެތަނަށް އެއްފަރާތަކުން ބަދަލެއް ގެނަޔަސް އެބަދަލަކީ، އޭގައި ދެންތިބި ބެހެނިވެރިންގެ ޝާމިލުވާނެ ބަދަލެއް ކަމުގައިވެގެންދެއެވެ. އެހެންކަމުން، އެބަދަލަކީވެސް ހިބައިންދިން ބަޔަށް ހިބައިންދިންފަހުން ގެނެވުނު ބަދަލެއް ކަމުގައި ޝަރީޢަތުން ބަލައެވެ.

މިލްކުވެރިކަން ބަދަލުވުން

ިބައިން ލިބުނު ފަރާތުން، ހިބައިންދީފައިވާ މުދަލެއްގެ މިލްކުވެރިކަން ޞައްޙަމަގުން އެހެން ފަރާތަކަށް ބަދަލުކުރިޔަސް، އެއީވެސް ހިބައިން ލިބުނު މުދަލަށް ގެނެވޭ އުނިއިތުރުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. އަދި މިފަދައިން މިލްކުވެރިކަން ބަދަލުވުމަކީވެސް، އެތަނުގެ ޒާތަށް ބަދަލު އަންނާނެ މުޢާމަލާތެކެވެ. މިސާލަކަށް، މީހަކަށް ހިބައިން ލިބިފައިވާ ބިމެއްގައި ހުރި އެންމެހާ ޢިމާރާތްތަކާ ވަޅުފަދަ ތަންތަނާ ތަކެތި، ހިބައިން ލިބުނު މީހާގެ އުފަން ދަރިއަކަށް ހިބައިންދީ އެފަރާތަށް މިލްކުވެރިކަން ބަދަލުކޮށްފިނަމަ، އެއީ ހިބަ އަނބުރާ އަތުލުމަށް އެޅޭނެ ހުރަހެކެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ހިބަކުރި މުދަލުގެ މިލްކުވެރިކަން އެހެންފަރާތަކަށް ބަދަލުވެގެން ހިބަ އަނބުރާ އަތުލުމަށް ހުރަހަކަށްވާނީ، އެމުދަލުގެ މިލްކުވެރިކަން ބަދަލުވެފައިވަނީ ޞައްޙަމަގުން ކަމުގައިވާނަމަ އެކަންޏެވެ. މިސާލަކަށް، މީހަކަށް ހިބައިންލިބުނު ގޯއްޗެއް، އެހެން މީހަކަށް "ވިއްކާލީ" ޝަރީޢަތުން ބޭރުން ކަމުގައިވާނަމަ، އެގޯތީގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެފައި އެވަނީ ޞައްޙަގޮތުގައެއް ނޫނެވެ. މިޙާލަތުގައި، އެހިބަ އަނބުރާ ރުޖޫޢަކުރެވިދާނެއެވެ.

މީހަކަށް ހިބައިން ނުއުފުލޭ މުދަލެއް ދިނުމަށްފަހު، އެމުދަލެއް އަނބުރާ އަތުލުމުގައި ޝަރީޢަތުން ބަލާ ވަރަށް ގިނަ ކަންކަން ހުރުމާއެކު، އެންމެ ބުއްދިވެރި ގޮތަކީ، އަނބުރާ އަތުލުމަށް ޖެހިދާނެ އެއްވެސް މުދަލެއް، އަނެކާއަށް ހިބައިން ދިނުމުގެ ކުރިން އެކަމާމެދު ރަނގަޅަށް ވިސްނުމެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355