ދުނިޔޭގެ ފިރިހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗަށް ސިންގަލްސް އިވެންޓުން މެޑަލްއެއް ނުލިބި ހުސްއަތާ އެ އިވެންޓް ނިންމާލަން ޖެހިއްޖެ އެވެ.
މިމެޗުގައި ޖޮކޮވިޗްގެ ރުޅިގަނޑު ވަނީ ފަޅައިގެން ގޮސްފަ އެވެ. މެޗުގެ މެދުތެރޭން ޖޮކޮވިޗް ވަނީ ހިތްހަމަނުޖެހިގެން ދެ ފަހަރަށް ރެކެޓް އެއްލާލައިފަ އެވެ. މިހާދިސާގައި އޭނާގެ ރެކެޓް ވެސް ހަލާކުވި އެވެ. މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންސް އާއި ފުރެންޗް އޯޕަންސް އަދި ވިމްބެލްޑަން ކާމިޔާބުކުރި ޖޮކޮވިޗް ލޯ މެޑަލް މެޗުގައި ބަލިވީ ސްޕެއިނުގެ ޕަބްލޯ ކާރޭނިއޯ އަތުންނެވެ.
ތިން ގުރޭންޑް ސުލޭމް ވެސް ޖޮކޮވިޗް ކާމިޔާބުކުރިއިރު އޭނާގެ އަމާޒު ހުރީ މި ފަހަރުގެ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދައި ކުރިއަށް އޮތް ޔޫއެސް އޯޕަން ކާމިޔާބު ކުރާށެވެ.
Wow!
— Olympics (@Olympics) July 31, 2021
An amazing performance from Pablo Carreno Busta sees him defeat Novak Djokovic and win the #bronze medal!#StrongerTogether | #Tokyo2020 | @ITFTennis | #Tennis pic.twitter.com/f429sxcMHK
ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސްގެ ރެކޯޑް ހަދަން ޖޮކޮވިޗް ދެކުނު ރަން ހުވަފެން ނިމުމަކަށް އައިއިރު އިއްޔެ ސެމީ ފައިނަލުން ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަތުން ބަލިވެ ފައިނަލަށް ނުގޮސް ކެޓިއިރު ލޯ މެޑަލް ހާސިލްކުރަން އޮތް ފުރުސަތުވެސް މިވަނީ ދޫވެފަ އެވެ.
މޮޅުކުޅުމެއް ދެއްކި ކާރޭނިއޯ މިމެޗުގެ ސެޓުތައް ގެންދިޔައީ 6-4 6-7 (6-8) 6-3 އިންނެވެ. މިއަދުގެ މެޗުގައި ޖޮކޮވިޗްގެ ފަރާތުން ފެނުނު ކަންތައްތަކާ ބެހޭގޮތުން އޭނާ ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ އަހަރެމެންނަކީ އިންސާނުން އެހެންވީމަ މި ކަހަލަ ކަންކަން ކުރެވޭނެ ކަމަށާއި މިއީ އޭނާ މި ގޮތަށް ދައްކަން ބޭނުންވާ ވާހަކައެއް ނޫން ކަމަށެވެ. އަދި ޖޮކޮވިޗް ވަނީ މިކަމުގައި މައާފަށް ވެސް އެދިފަ އެވެ.
ވާތު ކޮނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މިއަދު އޭނާ ކުޅެން އޮތް މިކްސް ޑަބަލްސްގެ ލޯ މެޑަލް މެޗުވެސް ވަނީ ދޫކޮށްލާފަ އެވެ. ޖޮކޮވިޗް ބުނީ މެޑަލެއް ނުހޯދައި ގައުމަށް އެނބުރި ދާން ޖެހުމަކީ ހިތާމައެއް ކަމަށެވެ. އަދި ސަޕޯޓަރުންގެ އަރިހުން އޭނާ ވަނީ މައާފަށް ވެސް އެދިފަ އެވެ.
"އިއްޔެ އާއި މިއަދު މި ފެނުނީ އަހަރެންގެ އެންމެ ރަނގަޅު ޓެނިހެއް ނޫން. މިއީ ވަރުބަލިވެގެން ދިމާވި ކަމެއް. މެންޓަލީ އަދި ފިޒިކަލީ ވަރަށް އުނދަގޫ ޗެލެންޖެއް މިއީ،" ޖޮކޮވިޗް ބުންޏެވެ.
ޖޮކޮވިޗަށް ދެން އޮންނާނީ އަންނަ މަހު ފަށާ ޔޫއެސް އޯޕަންސް މުބާރާތެވެ.