2016 ވަނަ އަހަރު ބުރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅައިގެ ރަން މެޑަލް ހާސިލްކުރި ބުރެޒިލުން މިފަހަރުގެ ޓޯކިއޯ އޮލިމްޕިކްސްގައި އެމަގާމު ދިފާއުކޮށްފި އެވެ.
ބުރެޒިލުން ޖެހި ޖެހިގެން ކުޅުނު މީ ތިންވަނަ ފައިނަލަށްވާއިރު 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގައި އެމީހުން މެކްސިކޯ އަތުންވީ ބައްޔެވެ. 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް ފައިނަލުން ޖަރުމަނު ބަލިކޮށް ބުރެޒިލްއިން ވަނީ ރަން މެޑަލް ހާސިލްކޮށްފަ އެވެ. އަދި މިފަހަރު އެޓީމުން މިވަނީ ސްޕެއިން ބަލިކޮށް އެކާމިޔާބީ ދިފާއުކޮށްފަ އެވެ.
އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓަކީ 23 އަހަރުން ދަށަށް ހާއްސަ އިވެންޓެކެވެ. ނަމަވެސް ސީނިއާ ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ކޮންމެ ގައުމަކަށް ވެސް އޮވެ އެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ބުރެޒިލުން ލީޑު ނެގީ އަލްވޭސް ދިން ބޯޅައަކުން ބުރެޒިލްގެ މަޓެއަސް ކޫނިއާ އެވެ. ފުރަތަމަ ހާފުގައި ބުރެޒިލަށް ވަނީ ޕެނަލްޓީއެއްވެސް ލިބި ނާކާމިޔާބުވެފަ އެވެ. އެވަޓަން އަށް ކުޅޭ ބުރެޒިލްގެ ރިޗާލިސަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ މެޗުގެ ނަތީޖާ ހަމަކޮށްފަ އެވެ. މިލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ މިކެލް އޮޔާޒަބަލް އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުން އިތުރު ވަގުތުގެ ފަހު ހާފުގެ 108 ވަނަ މިނެޓުގައި ބުރެޒިލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މެލްކޮމް ވަނީ ބުރެޒިލްގެ އެންތޮނީ ފޮނުވާލި ބޯޅަ ސްޕެއިނުގެ ހީސޫސް ވައޭހޯ އަތުން ހޯދުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
އޮލިމްޕިކްސްގެ މިފަހަރުގެ އިވެންޓުގެ ލޯ މެޑަލް ހާސިލްކުރީ ހޯސްޓް ޖަޕާނު ބަލިކޮށް މެކްސިކޯއިންނެވެ.