twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕްރައިވެޓް ކުންފުންޏެއް އުފައްދަން ބޭނުންތަ؟

Aug 5, 2021

ކުންފުންޏެއް އުފައްދައި، ކުންފުނީގެ ނަމުގައި ވިޔަފާރިކުރުމަކީ ދިވެހިންގެ މެދުގައި އައުކަމެއް ނޫނެވެ. ނަމަވެސް ކުންފުންޏެއް އުފައްދާނީ ކިހިނެއްކަން ނުވަތަ ހިންގަންޖެހޭނީ ކިހިނެއްކަން އެނގޭ ދިވެހިން ފަހަރުގައި ނިސްބަތުން މަދުވެދާނެއެވެ. މިގޮތުން ކުންފުނި އުފެއްދުމަށްފަހު ރަޖިސްޓްރީ ކުރަންޖެހޭނެތޯ ނުވަތަ ރަޖިސްޓްރީނުކޮށް ކުންފުނިން ވިޔަފާރި ކުރެވިދާނެތޯ މިއީ ކުންފުންޏެއް އުފެއްދުމަށް ބޭނުންވާ ފަރާތްތަކުގެ ހިތުގައި އުފެދިދާނެ ސުވާލުތަކެކެވެ. ވީމާ، ޤާނޫނުގައި މިކަންކަން އޮތްގޮތަށް ބަލާލަމާތޯއެވެ؟

ޕްރައިވެޓް ކުންފުނި

ޕްރައިވެޓް ކުންފުންޏަކީ، ސަރުކާރު ޙިއްސާނުވާ، މުޅިންވެސް އަމިއްލަ ފަރުދުން ނުވަތަ ޤާނޫނީ ޝަޚުސުންގެ ޙިއްސާ އޮންނަ ކުންފުނިތަކެވެ. އަމިއްލަ ފަރުދުންތަކެއް ބައިވެރިވެގެން ވިޔަފާރިކުރުމަށް ޕްރައިވެޓް ކުންފުންޏެއް އުފެއްދިދާނެއެވެ. ޕްރައިވެޓް ކުންފުނިތަކަކީ ޕަބްލިކް ކުންފުނިތަކާ ޚިލާފަށް، ޢާންމުންނަށް ޙިއްޞާ ވިއްކާ ކުންފުނިތަކެއް ނޫނެވެ. އެހެންކަމުން، ޕްރައިވެޓް ކުންފުނީގައި ޙިއްޞާދާރުންގެ ޢަދަދު، ޕަބްލިކް ކުންފުންޏަކާ އަޅާބަލާއިރު ވަރަށް މަދުވާނެއެވެ.

ކުންފުނީގެ އަސާސީ ޤަވާއިދު

ކޮންމެ ކުންފުންޏެއްގައިވެސް، އެކުންފުންޏެއްގެ އަސާސީ ޤަވާއިދެއް އޮންނަންވާނެއެވެ. ކުންފުނީގެ އަސާސީ ޤަވާއިދަށް އިންގިރޭސިން ކިޔަނީ "އާރޓިކަލްސް އޮފް އެސޯސިއޭޝަން" އެވެ. އަސާސީ ޤަވާއިދަކީ، އެކުންފުންޏެއްގެ އޮޕަރޭޝަންތައް ނުވަތަ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ، އެކަންތައްތައް ހިންގާނެ ގޮތް ބަޔާންކޮށްފައި އޮންނަ، ކުންފުނީގެ މުހިއްމު ލިޔުމެކެވެ. އަދި މިކަރުދާހުގައި، ކުންފުނީގެ އެތެރޭގެ މަސައްކަތްތައް ކުރާނެގޮތް، މީގެތެރޭގައި ކުންފުނީގެ ޑިރެކްޓަރުން އައްޔަނުކުރާނެގޮތާއި، ކުންފުނީގެ ރައުސުލްމާލާއި، ރައުސުލްމާލު ހަމަކުރާނެގޮތް ކަނޑައެޅިފައި އޮންނަންވާނެއެވެ.

ކުންފުނީގެ ހިންގާ ޤަވާއިދު

ކޮންމެ ކުންފުންޏެއްގައިވެސް، އެކުންފުންޏެއް ހިންގާ ގޮތް ބަޔާންކޮށްފައިވާ ހިންގާ ޤަވާއިދެއް އޮންނަންވާނެއެވެ. ކުންފުނީގެ ހިންގާ ޤަވާއިދަށް އިންގިރޭސިން ކިޔަނީ "މެމޮރެންޑަމް އޮފް އެސޯސިއޭޝަން" އެވެ. ކުންފުންޏެއްގެ އެންމެ މުހިއްމު އެއް ލިޔުމަކީ، ކުންފުނީގެ ހިންގާ ޤަވާއިދެވެ. ކުންފުނީގެ ހިންގާ ޤަވާއިދުގައި، އެކުންފުންޏެއް އުފައްދާ ބޭނުން ހިމެނިފައި އޮންނަންވާނެއެވެ. އަދި ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިނުވާ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި، އެކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ، ކުންފުންޏެއްގެ ހިންގާ ޤަވާއިދަކީ، ޤައުމެއްގައި އެޤައުމެއްގެ ޤާނޫނު އަސާސީ ފަދައެއްޗެކެވެ. ހިންގާ ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް، ކުންފުންޏަކަށް ނުކުރެވޭނެއެވެ.

އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދަށް ބަދަލުގެނައުން

ރެޖިސްޓްރަރ އޮފް ކޮމްޕެނީސް ގެ ހުއްދައާއިއެކު، ކުންފުނީގެ އަސާސީ ޤަވާއިދާއި ޚިލާފުނުވާ ގޮތުގެމަތިން އަދި ކުންފުނީގެ ޢާންމު ޖަލްސާއެއްގައި ނެގޭ ވޯޓަކުން، ކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދަށް ބަދަލު ގެނެވިދާނެއެވެ. މިސާލަކަށް ކުންފުނި އުފެއްދީ، ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރުމަށްކަމަށާ އަދި ކުންފުނީގެ ވިޔަފާރިއަކީ އެއީ ކަމުގައި އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައި އޮވެދާނެއެވެ. އަދި އެކުންފުނިން އެވިޔަފާރި ނޫން އެހެން ވިޔަފާރިއެއް ކުރުމަށް، މިސާލަކަށް ތެލުގެ ވިޔަފާރި ކުރުމަށް ބޭނުންވެއްޖެނަމަ، އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދު އިޞްލާޙްކުރަންޖެހޭނެއެވެ. މިގޮތުން، ދެ ޤަވާއިދަށްވެސް އިޞްލާޙުގެނައުމަށްފަހު، ރެޖިސްޓްރަރ އޮފް ކޮމްޕެނީސް އަށް އަންގަންޖެހޭނެއެވެ.

ޕްރައިވެޓް ކުންފުނި ރަޖިސްޓްރީކުރުން

ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓްރީކުރުމަށް، ރަޖިސްޓްރީކުރަން އެދޭ ކުންފުނީގެ އަސާސީ ޤަވާއިދާ ހިންގާ ޤަވާއިދު، ކުންފުނީގެ ރަޖިސްޓްރީ ފީ އާއި އަހަރީ ފީ އާއިއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށް ހުށަހަޅަންޖެހޭނެއެވެ. ކުންފުނި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމުން، ކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދު، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުނުވާނަމަ، އެކުންފުންޏެއް ރަޖިސްޓަރކޮށްދޭނެއެވެ. އަދި އެފަދަ ޚިލާފެއްވާނަމަ، އެކަމެއް އިޞްލާޙްކުރުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީސް، އެކުންފުންޏެއް ރަޖިސްޓަރކުރުމަށް ހުށަހެޅި ފަރާތަށް އަންގާނެއެވެ. މިއަށްފަހު، ކުންފުނި ރަޖިސްޓްރީ ކޮށްދޭނީ އެކަމެއް އިޞްލާޙްކުރުމުންނެވެ.

ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓްރީ ކޮށްދޭނީ، އެކުންފުނީގެ ރައުސުލްމާލް ނުވަތަ ކެޕިޓަލް 2000ރުފިޔާ އަށްވުރެ މަދުނުވާނެ ގޮތެއްގެމަތިން ކަނޑައެޅުމުންނެވެ. އަދި ކުންފުނީގެ މެންބަރުންގެ އަދަދު 50 އަށްވުރެ މަތިނުވާނެކަމަށާއި، ކުންފުނީގެ ޙިއްޞާ އެކުންފުނީގެ މެންބަރެއްގެ ފަރާތުން އެހެން ފަރާތަކަށް ބަދަލުކުރެވޭނީ ހިންގާ ޤަވާއިދުގައިވާ ގޮތުން ކަމުގައި، އެކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދުގައި ބަޔާންކުރުމުންނެވެ. އެއްވެސް ކުންފުންޏަކަށް، އެކުންފުންޏެއް ރަޖިސްޓްރީނުކޮށް ވިޔަފާރިކުރުމުގެ ޙައްޤު ލިބިގެނެއްނުވެއެވެ. ސަބަބަކީ، ރަޖިސްޓަރ ނުކުރާހާ ހިނދަކު، އެކުންފުންޏަކީ ވުޖޫދުގައިވާ ކުންފުންޏެއްނޫނެވެ. ވުޖޫދުގައިނުވާ ޝަޚްޞަކަށް، އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމަކީ މުސްތަޙީލު ކަމެކެވެ.

ކުންފުންޏެއް އުފައްދާ ރަޖިސްޓްރީކުރާއިރު، ޤާނޫނާ އެއްގޮތަވާގޮތުގެމަތިން އެކަން ކުރިއަށްގެންދިއުމަކީ، ކުންފުނި ރަޖިސްޓަރކުރުމުގެ މަރުޙަލާ އަވަސްވެ، ފަހުން ދިމާވެދާނެ ގިނަ މައްސަލަތަކެއް ޙައްލުކުރެވިދާނެ ކަމެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355