twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ވައިކަރަދޫ ރައީސްގެ ހިޔާލެއް، ނޮޅިވަރަމާއި ހަނިމާދޫ، ނޮޅިވަރަންފަރު އެއްކޮށްގެން ސިޓީއެއް ހެދުން

އަބްދުލް ވާހިދު ޙަސަން
Aug 7, 2021
4

ދިވެހިރާއްޖޭގައި ދެ ސިޓީއެއް އޮންނަ އަތޮޅެއްގެ ގޮތުގައި ހދ އަތޮޅު ހެދިދާނެކަމަށާއި އެހެންވުމުން އެ ބޭފުޅާގެ ހިޔާލަކީ ނޮޅިވަރަމާއި ހަނިމާދޫ އަދި ނޮޅިވަރަންފަރު އެއްކޮށްލައިގެން ސިޓީއެއް ހެދުންކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަބުދުﷲ ޒާމިރު ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅު ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ޒާމިރު ވިދާޅުވީ، ރާއްޖޭގެ އިދާރީ ހިންގުމުގެ ނިޒާމު އޮތް ގޮތުން އެންމެ މުހިންމު އެއްކަމަކީ އެ ސަރަހައްދެއްގައި ނުވަތަ އަތޮޅެއްގެ ސިޔާސީ ގޮތުން އޮންނަ ޖެހޭ ބާރުވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ދިޔުން ކަމަށެވެ.

"އަޅުގަނޑަށް ފާހަގަކުރެވެނީ ރާއްޖޭގެ މިއޮތް ތަރުތީބަށް ބަލާއިރުގައި ހަގީގަތުގައި އަޅުގަނޑުމެންގެ ހާދާލުގައި އިންނަށް ޖެހޭ ހަގީގީ (ސިޔާސީ) ބާރުވެރިކަން ކުޑައޭ." ޒާމިރު ވިދާޅުވި އެވެ.

ޒާމިރު ވިދާޅުވީ އެހެންވުމުން ސިޔާސީ ބާރުވެރިކަން ހޯދަން ފުޅާކުރެވޭނެ މަސައްކަތްތަކެއް ހޯދަން ޖެހޭ ކަމަށާއި އަދި އިގްތިސޯދީގެ ގޮތުންނާއި ސަގާފީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބާރުވެރިކަންވެސް ހޯދަން ޖެހޭ ކަމަށެވެ.

އެގޮތުން ސިޔާސީ ބާރުވެރިކަން ހޯދޭނެ އެއްގޮތަކީ ހދ އަތޮޅުގައި އިތުރު ސިޓީއެއް ހެދުން ކަމަށް އޭނާ ވިދާޅުވެ އޭނާ ހިޔާލު ދެއްވީ ނޮޅިވަރަމާއި ހަނިމާދޫ އަދި ނޮޅިވަރަންފަރު އެއްކޮށްލައިގެން ހދ އަތޮޅުގައި އިތުރު ސިޓީއެއް ގާއިމުކުރުމަށެވެ.

"ދިވެހިރާއްޖޭގެ ދެ ސިޓީއެއް އޮންނަ އަތޮޅެއްގެ ގޮތުގައި ހދ އަތޮޅު ހެދުން. އަޅުގަނޑަށް ވިސްނޭގޮތުން ވިއްޔާ ހަނިމާދޫ އާއި ނޮޅިވަރަންފަރު އަދި ނޮޅިވަރަމް މާރޖްކޮށްގެން ސިޓީއެއް ގާއިމުކުރެވިދާނެއޭ." ޒާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޓީއެއް ގާއިމުކުރެވިގެން ދިޔުމުން އިތުރު މޭޔަރަކުވެސް ހުރެ ސިޓީއެއްގެ ޓީމެއް އޮތީމަ ހަގީގަތުގައި ސިޔާސީ ގޮތުން ވަރަށް ބޮޑު ބާރުވެރިކަމެއް އަންނާނެ ކަމަށެވެ. އަދި މީގެ ތެރެއިން ހައްލު ހޯދުމަށް ބަލާއިރު ބައެއް ކުދި ރަށްރަށުން ހުރި ގޮންޖެހުންތަކަށްވެސް އެކަމުގެ ސަބަބުން މަގު ކޮށިގެންދާނެކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ހިދުމަތްތައް ލިބިގަތުމުގައިވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ހދ އަތޮޅަކީ ސިޔާސީ ގޮތުން ބާރުވެރި އަތޮޅަކަށްވުމަށް ކުރިއަރާނެ މަގުތަކެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޒާމިރު ވިދާޅުވީ ކުޅުދުއްފުށި ސިޓީއަށް ތަރައްގީވުމަށްޓަކާ މޭޔަރުގެ ޓީމުން ކުރާ މަސައްކަތުގައި އަތޮޅު ލެވެލްގައި ދެވެން އޮތް އެންމެ ތަނަވަސްކޮށް ފުރިހަމައަށް އަތޮޅު ކައުންސިލުން އެއްބާރުލު ދިނުން މުހިންމުކަމަށެވެ.

ކޮންމެ ސަރަހައްދެއްގައިވެސް ގުދުރަތީގޮތުން މުހިންމު ލޮކޭޝަންތަކެއް ހުންނަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެގޮތުން ހދ އަތޮޅުގައިވެސް މުހިންމު ލޮކޭޝަންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މަކުނުދޫ ސަރަހައްދަކީވެސް ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ މުހިންމު ސަރަހައްދެއްކަން ފާހަގަކުރެއްވި އެވެ.

"އެގޮތުން ހދ އަތޮޅުގައިވެސް ވަރަށް މުހިންމު ލޮކޭޝަންތަކެއް އެބަހުރި. އެއްވެސް ރަށަކަށް ބުނާ ކުޑާ މީސް ބަހެއް ނޫން. ހަމަ ހުރިހާ ރަށްތަކަކީވެސް މުހިންމު ހަމަހަމަ ރަށްރަށް. އެހެންނަމަވެސް ގުރުދަތީގޮތުން ރަށްތައް އެކުލެވިފައި ހުރި ގޮތުން އެޑްވާންޓޭޖް އަދި ޑިސް އެޑްވާންޓޭޖް ހުރި ރަށްރަށް އެބަހުރި." ވައިކަރަދޫ ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355