twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގާނޫނީ ކޮލަމް: ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ހުށަހަޅާނީ ކިހިނެއް؟

Aug 19, 2021

ފަނޑިޔާރުންނަކީ، ސުލޫކީ ވަކި މިންގަނޑެއްގައި ހުރުމަށް ޤާނޫނު ލާޒިމުކުރާ ބައެކެވެ. މިގޮތުން، ފަނޑިޔާރުންގެ ސުލޫކު ބަހައްޓަންޖެހޭ މިންގަނޑަކީ ކޮބައިތޯއެވެ؟ އަދި ސުލޫކީ މިންގަނޑާއި ޚިލާފުކަމެއް ފަނޑިޔާރެއްގެ ފަރާތުން ފެނިއްޖެނަމަ، އެމައްސަލައެއް ހުށަހަޅަންޖެހޭ ފަރާތަކީ ކޮބައިތޯއެވެ؟ އަދި އެފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެފަނޑިޔާރެއްގެ މައްސަލަ ބެލުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ، މިއީ ޖަވާބު ހޯދުން މުހިއްމު ސުވާލުތަކެކެވެ.

ފަނޑިޔާރުންގެ ޢަމަލުތައް ބެހެއްޓުމަށް ޤާނޫނު ލާޒިމުކުރާގޮތް

ފަނޑިޔާރުންނަކީ ވަކިފަރާތަކަށް ނުޖެހި، ޢަދުލުވެރިކަމާ، ހަމަހަމަކަމާ އަދި އިންސާފުވެރިކަމާއެކު ޝަރީޢަތްތައް ހިންގަންޖެހޭ ބައެކެވެ. އަދި ފަނޑިޔާރުންވާންވާނީ މިނިވަން މުސްތަޤިއްލު ބައެއްކަމުގައެވެ. ހަމައެހެންމެ، ޝަރީޢަތްކުރުމުގައި ވަކި ފަރާތަކަށްނުޖެހި، ވަކިފަރާތަކުން ކުރިމަތިކުރުވާނޭ ބިރަކަށް ޖެހިލުންނުވެ، ޒާތީ ތަޢައްޞުބުން އެއްކިބާވެތިބެ ޝަރީޢަތްކުރުމަށް ޤާނޫނުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުކުރެއެވެ. މީގެއިތުރުން، ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންވާނީ ޝަރުޢީ ދާއިރާގެ މައްޗަށް ޢާންމުގެ ހިތުގައި ޝައްކު އުފެދި، ޝަރުޢީ ދާއިރާގެ ޤަދަރާއި، ޙައިބަތާ އަދި އިތުބާރު ނުގެއްލޭފަދަ ގޮތެއްގެ މަތިންނެވެ.

ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހެޅުން

ފަނޑިޔާރެއްގެ ފަރާތުން ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލެއް ފެނިއްޖެނަމަ އެކަމެއް ހުށަހަޅަންޖެހޭ ފަރާތަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އެވެ. އަދި މައްސަލައެއް ހުށަހަޅާ ކަމުގައިވާނަމަ ސިޓީއަކުންވެސް ނުވަތަ ފޯމަކުންވެސް ޖޭ.އެސް.ސީ އަށް އެ މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހެޅިދާނެއެވެ. އަދި މިފަދަ މައްސަލަ ނުވަތަ ޝަކުވާ ހުށަހަޅާ ފޯމް ޖޭ.އެސް.ސީ ގެ ވެބްސައިޓުން އަދި އެއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމުން ޝަކުވާ ހުށަހަޅާނަމަ، ފޯމު ފުރިހަމަކުރެއްވުމަށްފަހު އަދި ސިޓީއަކުން ޝަކުވާ ހުށަހަޅުއްވާނަމަ ޝަކުވާއާގުޅޭ މަޢުލޫމާތުތައް ފުރިހަމަކުރެއްވުމަށްފަހު، ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ޖޭ.އެސް.ސީ އަށް ހުށަހެޅޭނެއެވެ.

މައްސަލަ ބެލުމާމެދު ގޮތެއް ނިންމުން

ޝަކުވާ ފޯމް ނުވަތަ ސިޓީ ޖޭއެސް.ސީ އަށް ލިބުމުން، އެސިޓީ ފޮނުވާނީ އެއޮފީހުގެ ލީގަލް ސެކްޝަނަށެވެ. ލީގަލް ސެކްޝަނަށް ލިބުމުން، އެޝަކުވާއަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ކޮމިޝަންގެ މެންބަރުންގެ ޖަލްސާއަކަށް އެޖެންޑާކުރާނެއެވެ. އެޝަކުވާއެއް ބަލާނީތޯ ނުވަތަ ނުބަލާނީތޯ ނިންމާނީ މިޖަލްސާއިންނެވެ. އަދި އެޝަކުވާއެއް ނުބެލުމަށް ކޮމިޝަންގެ ޖަލްސާއިން ނިންމައިފިނަމަ، އެކަން އެމައްސަލަ ހުށަހެޅި ފަރާތަށް އެކަން އެންގުމުން އެ މައްސަލަ އެ ހިސާބުން ނިމުނީއެވެ. ނަމަވެސް ސުލޫކީ މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމައިފިނަމަ، އެމައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލުމަށްފަހު ކޮމިޓީއަށް މެންބަރުން ޢައްޔަންކުރާނެއެވެ.

ސުލޫކީ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން

މައްސަލަ ބެލުމަށް އުފެއްދި ކޮމިޓީއިން، މައްސަލަ ތަޙްޤީޤުކޮށް ނިންމުމަށްފަހު ތަޙްޤީޤު ރިޕޯޓު ޖޭ.އެސް.ސީ ގެ މެންބަރުންގެ ޖަލްސާއެއް އެޖެންޑާކުރުމަށް ފޮނުވާނެއެވެ. އަދި މެންބަރުން އެރިޕޯޓު ބަލައިގަތުމަށް ނުފެންނަކަމަށް ނިންމައިފިނަމަ، އަލުން ތަޙްޤީޤުކުރުމަށް ކޮމިޓީއަށް އަނބުރާ ފޮނުވާނެއެވެ. ރިޕޯޓު ބަލައިގަތުމަށް ނިންމައިފިނަމަ، އެޝަކުވާއަކީ ސުލޫކީ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެއެވެ. ސުލޫކީ މައްސަލައެއްނޫންކަމަށް ފެންނަނަމަ، އެރިޕޯޓު މަޖިލީހަށް ފޮނުވުމަށްފަހު އެކަން ޝަކުވާ ހުށަހެޅި ފަރާތަށް އެންގުމުން، މައްސަލަ ނިމުނީއެވެ. ސުލޫކީ މައްސަލައެއްކަމަށް ކަނޑައަޅައިފިނަމަ، ޖަވާބުދާރީވުމަށް ފަނޑިޔާރަށް ފުރުޞަތުދެވޭނެއެވެ.

ފަނޑިޔާރު ޖަވާބުދާރީވުން

ސުލޫކީ މައްސަލައާއި ގުޅޭގޮތުން ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ފަނޑިޔާރަށް ލިބެއެވެ. ލިޔުމުންވެސް ނުވަތަ ކޮމިޝަނަށް ޙާޟިރުވެގެންވެސް، ފަނޑިޔާރަށް ޖަވާބުދާރީ ވެވިދާނެއެވެ. ފަނޑިޔާރުގެ ޖަވާބަށް ބެލުމަށްފަހު، ޖޭ.އެސް.ސީ ގެ ލީގަލް އޮފިސަރގެ ޤާނޫނީ ލަފާ ހޯދުމަށް ފޮނުވާނެއެވެ. އަދި އެފަރާތުގެ ޤާނޫނީ ލަފާ ލިބުމުން، މައްސަލައާމެދު ކޮމިޝަނުން ގޮތެއް ނިންމުމަށް ކޮމިޝަންގެ ޖަލްސާއެއް އެޖެންޑާކުރެވޭނެއެވެ.

މައްސަލައާމެދު ކޮމިޝަނުން ގޮތެއް ނިންމުން

ހުށަހެޅިފައިވާ ސުލޫކީ މައްސަލައަކީ، ފަނޑިޔާރަކާމެދު އިޞްލާޙީ ފިޔަވަޅެއް އަޅަންޖެހޭފަދަ މައްސަލައެއް ކަމުގައިވާނަމަ، ކޮމިޝަނުން އެމައްސަލައެއްގައި އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅެއް އެފަނޑިޔާރަކާމެދު އަޅާނެއެވެ. އެހިސާބުން އެމައްސަލަ ނިމުނީއެވެ. ނަމަވެސް، އެސުލޫކީ މައްސަލައަކީ އެފަނޑިޔާރަކު މަޤާމުން ވަކިކުރަންޖެހޭފަދަ މައްސަލައެއް ކަމުގައިވާނަމަ، ފަނޑިޔާރަކު މަޤާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައިގެ ރިޕޯޓު ފޮނުވުމުން، ޖޭ.އެސް.ސީ ގެ ދައުރު ނިމުނީއެވެ. މިއަށްފަހު، އެފަނޑިޔާރަކު މަޤާމުން ވަކިކުރާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ފަނޑިޔާރެއްގެ ފަރާތުން ސުލޫކީ މައްސަލައެއް ފެނިއްޖެނަމަ، އެންމެ ބުއްދިވެރިގޮތަކީ އެކަމުގެ ޝަކުވާ ކަމާބެހޭފަރާތަށް ހުށަހެޅުމެވެ. ނަމަވެސް، މިފަދައިން ޝަކުވާއެއް ހުށަހަޅަންވާނީ، ހަމަ ޙަޤީޤަތުގައިވެސް އެޢަމަލަކީ ސުލޫކީ މައްސަލައެއް ކަމުގައިވާނަމައެވެ. އަދި ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމުގައިވެސް ޢަމަލުކުރަންވާނީ، ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެމަތިންނެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355