twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގާނޫނީ ކޮލަމް: ތިމާގެ މުދަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީތޯއެވެ؟

Sep 9, 2021

ތިމާގެ މިލްކުވެރިކަމުގެ ދަށުގައިވާ މުދަލެއް ފުލުހުން ބެލުމުގެ ދަށަށް ގެންދިޔައީތޯއެވެ؟ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މުދަލެއް އަނބުރާ ތިމާއަށް ނުލިބުނީތޯއެވެ؟ ފުލުހުން ހިންގާ ޖިނާޢީ ތަޙްޤީޤަކާއި ގުޅިގެން ނުވަތަ ޤާނޫނަކުން ނުވަތަ ޤަވައިދަކުން ބާރުލިބިގެން، އާންމުންގެ މުދަލެއް ފުލުހުންގެ ބެލުމުގެ ދަށަށްގެންދެވޭނެއެވެ. ނުވަތަ މުދަލެއް ހިފެހެއްޓޭނެއެވެ. މިގޮތުން، މުދާ ހިފެހެއްޓޭ ތަފާތު ޙާލަތްތަކާއި އަދި އެމުދާ އަނބުރާ ރައްދުކުރުމާ ގުޅޭގޮތުން ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ.

މުދާ ހިފެހެއްޓުމުގެ ބާރު

ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި ހެކީގެ ގޮތުގައި ބޭނުންކުރުމަށް، އެ އަމުރުން ހިފެހެއްޓުމަށް ހުއްދަކުރާ އެއްޗެއް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ނޫންކަމުގައިވީނަމަވެސް، ވަކި ޙާލަތްތަކެއްގައި ކޯޓު އަމުރަކާ ނުލައި، އަމިއްލަ މީހެއްގެ މުދާ ހިފެހެއްޓުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމުގައި ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި ޤާނޫނީ އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި ޤާނޫނެއްގެ ދަށުން އިމްތިޔާޒު ލިބިގެންވާ، އެނޫންވެސް އެއްޗެހި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވެއެވެ.

ކޯޓު އަމުރަކާ ނުލައި މުދާ ހިފެހެއްޓޭނެ ޙާލަތްތައް

ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް އެއްޗެއް ގެންދެވޭނީ ވަކި ޙާލަތްތަކެއްގައެވެ. އެގޮތުން، ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނެއްގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތުގެ މަޞްލަޙަތު ހިމާޔަތްކުރެވޭ ފަރާތެއްގެ ރުހުމާއެކު އެތަނެއް ބަލައި ފާސްކުރުމުގައި ނުވަތަ އާންމު ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ، ގެންގުޅުން މަނާކޮށްފައިވާ އެއްޗެއް ނުވަތަ ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭ އެއްޗެއް ގެންދިއުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ހަމައެހެންމެ، އަދި އާންމު ތަނެއްގައި ހުރި މީހަކު ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް ނުވަތަ އެ ވަގުތު އެއުޅެނީ ކުށެއް ކުރަންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެއްޖެ ހިނދެއްގައި، އެ މީހާގެ އަތުގައިވާ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ޤަބޫލުކުރެވޭ އެއްޗެއްވާނަމަ، އެ އެއްޗެއް ގެންދިއުމުގެ ބާރު ލިބިގެންވެއެވެ.

މީގެއިތުރުން، ކޯޓު އަމުރަކާ އެއްގޮތްވާގޮތުގެ މަތިން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، އެ އަމުރުގައި ބަޔާންކުރާ އެއްޗެއްނޫން އެހެން އެއްޗެއް ފެންނަ ޙާލަތުގައި އެއެއްޗަކީ، ޖިނާޢީ އެހެން ކުށަކާ ގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފުލުހުންނަށް ބެލޭނަމަ އަދި އެއްޗެއް ފޮރުވުމުގެ ފުރުޞަތު ނުވަތަ ނައްތާލުމުގެ ފުރުޞަތު އޮތްކަމަށް އެފުލުހަކަށް ޤަބޫލުކުރެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރުވެސް ލިބިގެންވެއެވެ. އަދި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް، އެއެއްޗެއްގެ އެއްވެސް މިންވަރެއް ބަލައި ފާސްކުރުމަކަށް ބޭނުންނުވެ، ދިމާއަށް ލޯމައްޗަށް ފެންނަން އޮވެއްޖެނަމަ، ފުލުހުންނަށް އެ އެއްޗެއް ހިފެހެއްޓުމުގެ ބާރުވެސް ލިބިގެންވެއެވެ.

ހަމައެހެންމެ، ކޯޓު އަމުރަކާ ނުލައި އުޅަނދެއް ފާސްކުރެވޭ ޙާލަތެއްގައި، އެ އުޅަނދެއް ބަލައި ފާސްކުރުމުގައި އެއުޅަނދަކުން ޤާނޫނަކުން ގެންގުޅުން މަނާކުރާ ތޫނު އެއްޗެއް ނުވަތަ ގޮވާ އެއްޗެއް ނުވަތަ މަސްތުވާ އެއްޗެއް ނުވަތަ ވަގަށްނަގާފައިވާ މުދަލެއް ނުވަތަ ކުށެއްކޮށްގެން ހޯދައިފައިވާ މުދަލެއް ނުވަތަ ކުށެއްކުރުމުގައި ބޭނުންކޮށްފައިވާކަމަށް ބެލޭ އެއްޗެއް ފެންނަ ޙާލަތުގައި، އެއެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދެވޭނެއެވެ.

ކޯޓު އަމުރާއެކު މުދާ ހިފެހެއްޓޭނެ ތަކެތި


ކޯޓު އަމުރެއްގެދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް އެ އަމުރުން ހިފެހެއްޓުމަށް ހުއްދަކުރާ އެއްޗެއްގެ ނުވަތަ ކުށެއްކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް ބެލުމުގައި، އެކަށީގެންވާ ސަބަބު ހުރި އެއްޗެއްގެ ފޮޓޯ އަދި ނުވަތަ ވީޑިއޯ ނެގުމުގެ ނުވަތަ އެއެއްޗަކުން ސާމްޕަލް ނެގުމުގެ ނުވަތަ އެއެއްޗަކުން ބައެއް ނުވަތަ އެ އެއްޗެއް އެކުގައި ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. ހެކީގެ ގޮތުގައި ބޭނުންކުރުމަށް ބަލާފާސްކުރެވޭ ތަނަކުން ހޯދަންބޭނުންވާ އެއްޗަކީ، އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކާކޮށްފައިވާ މަޢުލޫމާތެއް ކަމުގައިވާނަމަ، އެ މަޢުލޫމާތު ބެލޭނެ އަދި ކިޔަން އެނގޭނެ ގޮތަކަށް އަދި އެތަނުން ގެންދެވޭނެ ގޮތަކަށް ހުށަހެޅުމަށް އެންގުމުގެ ބާރުވެސް، ފުލުހުންނަށް ލިބިގެންވެއެވެ.

މުދާ އަނބުރާ ރައްދުކުރުން


ހިފެހެއްޓިފައިވާ އެއްޗަކީ، ޖިނާޢީ ކުށެއްގެ ތަޙްޤީޤެއްގައި އެ އެއްޗެހި ބޭނުންކުރުމަށް ނުވަތަ ޖިނާޢީ ކުށެއްގެ ޝަރީޢަތުގައި ހެއްކެއްގެ ގޮތުގައި އެ އެއްޗެހި ބޭނުންކުރުމަށް ނުވަތަ އެ އެއްޗަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ އެއްޗެއް ކަމުގައި ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާތީ، އެ އެއްޗެއްގެ ޙަޤީޤީ ވެރިފަރާތް ހޯދުމަށް ހިފެހެއްޓިފައިވާ އެއްޗެއްނަމަ، ހިފެހެއްޓުނު މަޤްޞަދު ޙާސިލުވަންދެން، އެމުދަލެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.

އެހެންނަމަވެސް، ހިފެހެއްޓޭ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކީ ގެންގުޅުން މަނާ އެއްޗެއް ކަމުގައިނުވާނަމަ، ފުލުހުން އެ އެއްޗެއް، އެއެއްޗެއްގެ ވެރިފަރާތާ އަނބުރާ ޙަވާލުކުރަންވާނެއެވެ. އެގޮތުން، އަދި ހިފެހެއްޓިފައިވާ އެއްޗަކީ ކޮޕީއެއް ނުވަތަ ފޮޓޯއެއް އޮތުމުން ފުދޭނެ އެއްޗެއް ކަމަށްވާނަމަ، އެކަން ކުރުމަށްފަހު ނުވަތަ ތަޙްޤީޤަށް ބޭނުންވަނީ އެ ހިފެހެއްޓިފައިވާ އެތީގައިވާ މަޢުލޫމާތު އެކަނި ކަމުގައިވާނަމަ، އެ މަޢުލޫމާތު ނަކަލުކުރުމަށްފަހު އެ އެއްޗެއް، އެ އެއްޗެއްގެ ވެރިފަރާތާ ޙަވާލުކުރަންވާނެއެވެ. އެހެންނަމަވެސް، އެއްޗެއްގައި ހުންނަ ފޮޓޯ، ވީޑިއޯ ނުވަތަ މަޢުލޫމާތަކީ އެހެންމީހެއްގެ އަބުރާ ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭފަދަ ނުވަތަ ޤާނޫނާ ޚިލާފު ޢަމަލެއް ހިންގުމަށް ހިއްވަރުދިނުމަށް ނުވަތަ އެފަދަ ޢަމަލެއް އުނގަންނައިދިނުމަށް ބޭންންކުރެވިދާނެ އެއްޗެއްނަމަ، އެފަދަ ފޮޓޯ ނުވަތަ ވީޑީއޯ ނުވަތަ މަޢުލޫމާތު އަނބުރާ ވުޖޫދުނުކުރެވޭނެ ފަދަގޮތަކަށް އެ ވަސީލަތަކުން ފޮހެލުމާއި، އެ އެއްޗެއް ނައްތައިލުމަށްފަހު އެއެއްޗެއް އަނބުރާ ހަވާލުކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

ހިފަހައްޓާފައިވާ މުދަލެއް އަނބުރާ ރައްދުކުރާއިރު، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދެއްގައި ރައްދުކުރަންވާނީ އެއެއްޗެއް ނުވަތަ އެމުދަލެއް އަތުލެވުނު ފަރާތަކަށެވެ. އެހެންނަމަވެސް، ހިފަހައްޓާފައިވާ މުދަލެއް އަނބުރާ ރައްދުކުރަންޖެހޭ ޙާލަތުގައި އެއެއްޗެއްގެ އަސްލުވެރިފަރާތަކީ، އެއެއްޗެއް އަތުލެވުނު ފަރާތްނޫން އެހެން ފަރާތެއްކަމުގައި އެއެއްޗެއް ހިފެހެއްޓި ފުލުހުންނަށް ޤަބޫލުކުރެވޭ މަޤްބޫލު ސަބަބުތަކެއް ހުރިނަމަ، އެއެއްޗެއް ރައްދުކުރަންވާނީ އެކަން ކަށަވަރުކުރުމަށްފަހު، އެއެއްޗެއްގެ އަސްލު ޙައްޤުވެރިޔާއަށެވެ.

ރައްދުކުރަންޖެހޭ އެއްޗެއްގެ މިލްކުވެރިޔާކަމަށް އެކަކަށްވުރެ ގިނަމީހުން ބުނާ ޙާލަތުގައި، ޙައްޤުވެރިޔާ ކަށަވަރުކުރެވެންދެން އެއެއްޗެއް އެއްވެސް ފަރާތަކަށް ރައްދުނުކޮށް އެކަށީގެންވާ މުއްދަތަކަށް ފުލުހުންނަށް ހިފެހެއްޓިދާނެއެވެ. މި މުއްދަތުގައި އަސްލު ޙައްޤުވެރިޔާ ކަށަވަރުނުކުރެވުނުނަމަ، ޝަރީޢަތުން މުދަލުގެ ވެރިފަރާތް ކަނޑައަޅާ ރައްދުކުރާނީއެވެ.

ފުލުހުން މުދާ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ގެންދާ މުދަލުގެ އިންވެންޓްރީގެ ކޮޕީއެއް ބަލައިފާސްކުރެވުނު ތަނުގައި އެވަގުތު ޙާޟިރުވެހުރި މުދަލުގެ ވެރިފަރާތަށް ނުވަތަ މުދަލުގެ މަޞްލަޙަތު ހިމާޔަތްކޮށްދޭވޭނެ ފަރާތަކަށް ދޭންވާނެއެވެ. ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީ އާ، މުދަލުގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ނެތް ޙާލަތުގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތަކުން ހަވާލުނުވިނަމަ، އިންވެންޓްރީގެ ކޮޕީ އެއް، ބަލައި ފާސްކުރިތަނުގައި ފުލުހުން ހަރުކުރަންވާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355