ސިވިލް ސާވިސްގެ ވަޒީފާ ތަކުގައި ތިބި، އެޑިއުކޭޝަން މިނިސްޓްރިގެ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދޭން ފަށަން ނިންމާފައި ވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ސެޓިފިކެޓް ޕްރޮމޯޝަން ދިނުން ހުއްޓާލާފައި ވަނީ ކޮވިޑް-19އާ ގުޅިގެން ދިމާވި އިގްތިސާދީ ދަތިތަކާ ހެދި ފިނޭންސް މިނިސްޓްރީން އެޅި ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ސެޓްފިކެޓް ޕްރޮމޯޝަނަކީ، ސިވިލް ސާވިސްގެ ފަންނަނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިއްބެވި މުވައްޒަފުންނަށް، ވަކި ފެންވަރެއްގެ ސެޓްފިކެޓެއް ހާސިލު ކުރުމުން ދެވޭ ޕްރޮމޯޝަނެކެވެ.
އެ މިނިސްޓްރީން ބުނީ، އޮކްޓޯބަރު މަހުން ފެށިގެން މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދޭނެ ކަމަށެވެ.
މިނިސްޓްރީން މިއަދު ވަނީ ސީއެސްސީގެ އެންގުމާ އެއްގޮތަށް އެ މިނިސްޓްރީގެ ހުރިހާ ފަންނީ މުވައްޒަފުންނަށް ސެޓިފިކެޓް ޕްރޮމޯޝަނަށް ހުށަހެޅުމަށް އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ސެޓިފިކެޓް ޕްރޮމޯޝަން ލިބުނު ނަމަވެސް، އެއާ އެއްގޮތަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ފަރާތްތަކަށް ނުލިބި ހުރި މުސާރަ އާއި އިނާޔަތްތައް ވެސް އެ މުއްދަތުން ފެށިގެން ދޭން ފަށަންވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
މީގެ ކުރިން ސެޓިފިކެޓް ޕްރޮމޯޝަނަށް ހުށަހެޅުމުން ޕްރޮމޯޝަން ދީ، އެކަމަކު އެއާ އެއްގޮތަށް ނުދެވި ހުރި މުސާރަ އާއި އިނާޔަތްތައް ދިނުމާ ގުޅިގެން ސިިވިލް ސާވިސް ކޮމިޝަނުން ކުރަމުންދާ މަޝްވަރާތަކަށް ފަހު އެ ފައިސާ ދިނުމާ މެދު ވަކި ގޮތެއް ނިންމާނެ އެވެ.