twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގާނޫނީ ކޮލަމް: ބައްޕަ ވަލީ ނުދިނީތަ؟

Sep 30, 2021

ކައިވެނީގެ ވަލީ ހަމަޖެއްސުމަކީ، ކައިވެނިވާ ދެފަރާތުން ކުރަންޖެހޭނެ ކަމެކެވެ. އެއްވެސް ސަބަބަކާހުރެ ވަލީ ހަމަނުޖެހިވާނަމަ، ކައިވެނި ފޯމު ކޯޓަށް ލުމުގެ ކުރިން ވަލީގެ ކަންތައް ހަމަޖައްސަންވާނެއެވެ. މިގޮތުން، ޙާކިމްގެ ވަލީއަށް އެދޭނަމަ ޙާކިމްގެ ވަލީއަށް އެދޭ ފޯމު ފުރަންވާނެއެވެ. ނުވަތަ ވަލީދިނުން ވަލީވެރިޔާ އެހެން މީހަކާ ހަވާލުކުރާނަމަ، އެފޯމު ކޯޓަށް ހުށަހެޅުމަށްފަހު އެހެން މީހަކާ ވަލީ ހަވާލުކުރަންވާނެއެވެ. ކައިވެނި ފޯމު ކޯޓަށް ހުށަހަޅާނީ ވަލީގެ ކަންތައް ހަމަޖެއްސުމަށްފަހުގައެވެ.

އެހެން ފަރާތަކާ ވަލީ ހަވާލުކުރުން

ވަލީވެރިޔާ ވަލީދެނީ ކައިވެނި މަޖިލީހަށް ޙާޟިރުވެކަމަށްވާނަމަ، ކައިވެނި މަޖިލީހަށް ޙާޟިރުވެ ކައިވެނިކޮށްދޭ ޝަރުޢީ މަޢުޛޫނުއާ ވަލީ ހަވާލުކުރަންވާނެއެވެ. ވަލީވެރިޔާއަށް ކައިވެނީގެ މަޖިލީހަށް ޙާޟިރުނުވެވޭ ޙާލަތެއް މެދުވެރިވެފައިވާނަމަ، އެހެންފަރާތަކާ ވަލީ ހަވާލުކުރެވިދާނެއެވެ. މިފަދައިން ވަލީދިނުން އެހެންމީހަކާ ހަވާލުކުރެވިފައިވާނަމަ، ވަލީއާ ހަވާލުވި ފަރާތުން ކައިވެނިކުރާ ކޯޓަށް ޙާޟިރުވެ، ވަލީއާ ހަވާލުވިކަމަށް ސޮއިކުރަންވާނެއެވެ. އަދި ކައިވެނި މަޖިލީހަށް ޙާޟިރުވެ ކައިވެނިކޮށްދޭ ޝަރުޢީ މަޢުޛޫނުއާ ވަލީ ހަވާލުކުރަންވާނެއެވެ.

ޙާކިމްގެ ވަލީ

ކައިވެންޏެއް އަޤްދުކޮށްދޭއިރު، ކައިވެނިކުރަން އެދޭ އަންހެނާގެ ވަލީވެރިޔާގެ ވަލީ އޮތުމަކީ ލާޒިމުކަމެކެވެ. ނަމަވެސް، ވަލީވެރިޔާގެ ވަލީ ނެތް ޙާލަތްތަކުގައި، ޙާކިމްގެ ވަލީއަށްވެސް ކައިވެނި ކޮށްދެވެއެވެ. މިފަދައިން، ވަލީވެރިޔާގެ ވަލީ ނުލިބިގެން ޙާކިމްގެ ވަލީއަށް އެދެވޭނީ، ވަލީވެރިޔާގެ ވަލީ ނުލިބިވަނީ، އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން ކަމުގައިވާނަމައެވެ.
1. ނަސަބުގެ ގޮތުން ވަލީ އަރާ މީހަކު ދުނިޔޭގައި ނެތުން؛
2. ވަލީވެރިޔާ ވީތަނެއް ނޭނގުން؛
3. ވަލީވެރިޔާއަކީ ވަލީދިނުމުގެ ޝަރުޠު ފުރިހަމަވާ މީހެއް ކަމުގައިނުވުން؛ ނުވަތަ
4. މަޤުބޫލު ސަބަބެއްނެތި، ވަލީވެރިޔާ ވަލީ ނުދިނުން.
އިސްވެދިޔަ ބަޔާންކުރެވުނު އެއްވެސް ސަބަބެއް މެދުވެރިވެގެން ވަލީވެރިޔާގެ ވަލީ ނުލިބިވާނަމަ، ޙާކިމްގެ ވަލީއަށް އެދެވިދާނެއެވެ.

ވަލީވެރިޔާ ރަށުގައި ނެތުން

ވަލީވެރިޔާ ރަށުގައި ނެތުމުގެ ސަބަބުން ކައިވެނި މަޖިލީހަށް ޙާޟިރުނުވެވޭނަމަ، ވަލީދިނުން ވަލީވެރިޔާއަށް އެހެންފަރާތަކާ ހަވާލުކުރެވިދާނެއެވެ. ނޫންނަމަ، ވަލީވެރިޔާ ހުރި ރަށެއްގެ ކޯޓު މެދުވެރިކޮށް ކައިވެނީގެ ރުހޭބަސް ލިބުމުން ޙާކިމްގެ ވަލީއަށް ކައިވެނިކޮށްދޭނެއެވެ. ވަލީވެރިޔާ ރާއްޖެއިން ބޭރުގައި ހުރިކަމުގައިވާނަމަ، އެޤައުމެއްގެ އެމްބަސީ މެދުވެރިކޮށް ރުހޭބަސް ފޮނުވިދާނެއެވެ. ދިވެރިރާއްޖޭގެ އެމްބަސީއެއް ނެތް ޤައުމެއްގައި ހުރިކަމުގައިވާނަމަ، އެޤައުމެއްގެ ކަމާބެހޭ ކޯޓު ނުވަތަ އެތަނެއްގެ ސަރުކާރު ޤަބޫލުކުރާ މުސްލިމް ޖަމާޢަތެއް މެދުވެރިކޮށް ރުހޭބަސް ފޮނުވިދާނެއެވެ. މިފަދައިން ރުހޭބަސް ފޮނުވައިފިނަމަ، އެ ކައިވެންޏެއް ކޮށްދޭނީ ޙާކިމުގެ ވަލީއަށެވެ.

ވަލީވެރިޔާ ވީތަނެއް ނޭނގުން އަދި ވަލީދިނުމަށް ނުކުޅެދުން

ވަލީވެރިޔާ ވީތަނެއް ނޭނގޭނަމަ، ވަލީވެރިޔާގެ އެންމެ ގާތްތިމާގެ މީހުން ކޯޓަށް ޙާޟިރުކޮށް އެކަން ސާފުކުރާނެއެވެ. އަދި ވަލީވެރިޔާ ވީތަނެއް އެމީހުންނަށް ނޭނގޭކަމަށް ބުނެފިނަމަ، ޙާކިމްގެ ވަލީއަށް އެކައިވެނި ކޮށްދޭނެއެވެ. ބައްޔެއްގެ ސަބަބުން ވަލީވެރިޔާ ވަލީދިނުމަށް ނުކުޅެދިއްޖެކަން ސާބިތުވެއްޖެނަމަ، އެކައިވެންޏެއްވެސް ކޮށްދޭނީ ޙާކިމްގެ ވަލީއަށެވެ.

ވަލީވެރިއެއް ދުނިޔޭގައި ނެތުން

ކައިވެނިކުރަން ހުށަހަޅާ އަންހެނާގެ ވަލީއަރާ އެއްވެސް ފަރާތެއް ދުނިޔޭގައި ނެތްކަމަށް ބުނާނަމަ، ކޯޓުން އެކަން ބަލާނެއެވެ. އަދި ކޯޓުން ބަލާބެލުމުން، އެއްވެސް ވަލީވެރިއެއް ދުނިޔޭގައި ނެތްކަމަށް ސާބިތުވެއްޖެނަމަ، ޙާކިމްގެ ވަލީއަށް އެކައިވެނި ކޮށްދޭނެއެވެ. މިފަދައިން ޙާކިމްގެ ވަލީއަށް ކައިވެނިކޮށްދޭއިރު އެއަންހެނެއްގެ މަންމަ ނުވަތަ ބަލަދުވެރިޔަކު ދުނިޔޭގައި ހުރިނަމަ، އެކައިވެންޏަކާމެދު މަންމަ ނުވަތަ ބަދަލުވެރިޔާ ދެކޭގޮތަކަށް ރިޢާޔަތްކުރާނެއެވެ.

ވަލީދިނުމަށް އިންކާރުކުރުން

ވަލީވެރިޔާ ވަލީދިނުމަށް އިންކާރުކުރަނީ މަޤުބޫލު އުޛުރެއްގެ ސަބަބުން ނޫންކަމުގައިވާނަމަ، ޙާކިމްގެ ވަލީއަށް ކައިވެނިކޮށްދެއެވެ. މިތަނުގައި "މަޤުބޫލު ސަބަބެއްނެތުން" މިއީ ޤާނޫނުގައި ވަކިގޮތަކަށް މާނަކޮށްފައިވާ ޢިބާރާތެއް ނޫނެވެ. ވީމާ، ވަލީވެރިޔާ ވަލީނުދިނީ މަޤުބޫލު ޢުޛުރެއްގެ ސަބަބުންތޯ ނުވަތަ ނޫންތޯ މިއީ ކޮންމެ މައްސަލައެއްގައިވެސް، އެމައްސަލައަކަށް ވަކިން ކަނޑައެޅޭނެ ކަމެކެވެ. ވަލީދިނުމަށް އިންކާރުކުރުމުގެ ސަބަބުން ވަލީ ހަމަނުޖެހިވާނަމަ، ވަލީ ހޯދުމުގެ މައްސަލައެއް ޖެހޭނީ ކޯޓަށް ހުށަހަޅާށެވެ. ވަލީ ހޯދުމުގެ މައްސަލައެއް ޝަރީޢަތަށް ހުށަހަޅާފައިވަނިކޮށް، ވަކިގޮތަކަށް އެމައްސަލަ ނުނިމެނީސް ވަލީވެރިޔާ ފުރައިގެން ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ހިނގައްޖެނަމަ، ވަލީނުދިނީ މަޤުބޫލު ޢުޛުރެއްގެ ސަބަބުން ކަމުގައިބަލާ، ޙާކިމްގެ ވަލީއަށް ކައިވެނިކޮށްދޭނެއެވެ.
ވަލީއަކީ، ކައިވެނި ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ކަމުގައިވާހިނދު، ވަލީ ހަމަޖެހިފައިވުމަކީ ކައިވެނީގެ މަރުޙަލާ އޮމާންކަމާ އަވަސްކަމާއެކު ނިންމާލުމަށް ކޮންމެހެން ބޭނުންކަމެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355