ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު 14 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ. މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ސަސްޕެންޑު ކޮށްފައިވަނީ ހަވާލުކުރާ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ނުބަލައްވާތީ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނީ މެޖިސްޓްރޭޓް ޝާހިދާ ހަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އޭނާ އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައި ނުވާކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ.
އެ ތަހުގީގުގައި ކްރިމިނަލް މައްސަލަތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ޝާހިދު އިއުތިރާފްވެފައިވާ ކަމަށާއި އެކަން އެހެނިހެން ގޮތްގޮތުން ވެސް ކަށަވަރު ވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޝާހިދުގެ އެ އަމަލަކީ، ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ށ) އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1، 6.2 އަދި 6.4 އާ ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.
އެހެންކަމުން ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަވިސް ކޮމިޝަންގެ ގާނޫނު)ގެ 32-1 (ހ) ގެ 3 ގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރަން ފެންނަ ކަމަށް ޖޭއެސްސީން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާ ކަަމަށް އެ ބަޔާނުގައިވެއެވެ.
ކުޅުދުއްފުށި ކޯޓުގައި ޝާހިދުގެ އިތުރުން، އިތުރު ދެ ފަނޑިޔާރުންވެސް މަސައްކަތް ކުރެ އެވެ.