ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލައި އެއްލައްކަ ރުފިޔާއަށް ޖޫރިމަނާކުރުމަށް ކުޅުދުއްފުށީ ކޯޓުން ހުކުމްކޮށްފި އެވެ.
ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ މ މުލީ، ފެހިވިނަ، އަހުމަދު އަހްސަން އެވެ. މީނާއަކީ ކުޅުދުއްފުށީގައި ދިރިއުޅެމުންދާ މީހެކެވެ.
އޭނާ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރީ 27 ފެބްރުއަރީ 2022 ވަނަ ދުވަހު މާލެއިން ކުޅުދުއްފުއްޓަށް އައި ބޯޓަކުންނެވެ. އެ ދުވަހު ބޯޓު ލެފުމާއެކު އަހުމަދު އަހްސަން ބޯޓަށް އަރައި ދެ ފޮށިގަނޑު ނެގި އެވެ. އެ ވަގުތު އޭނާ ހިފަހައްޓައި އެ ފޮށިގަނޑުތައް ބެލިއިރު އެތަނުން އެފޮށިގަނޑުގައި ހުރި ދެގަހުގެ ތެރެއިން އެއްގަސް އިންދާފައިވާ ޕޮޓުން ގަސް ނަގައި ބެލިއިރު މޫގަނޑާއެކު ހަރުލާފައިވާ ވެލިގަނޑުގެ ތެރެއިން ފެނުނު ކޮތަޅުގައި 51.1542 ގުރާމް ޑައިމޯފިން ހުރި ކަމަށެވެ.
މި ދައުވާއަށް އަހުމަދު އަހްސަން އިންކާރުކުރި އެވެ. އޭނާ ޝަރީއަތުގައި ބުނެފައިވަނީ މިދައުވާއަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް އަދި އޭނާގެ ހިޔާޒަތުގެ ދަށުންވެސް ހިފެހެއްޓިފައިވާ ފޮށިގަނޑަކުން ފެނިފައިވާ މަސްތުވާތަކެތި ނޫން ކަމަށާއި އެއީ އޭނާގެ އަނބިމީހާ އޭރު ކުރަމުންދިޔަ ވިޔަފާރިކުރުމަށްޓަކާ ގެންނަ ގަސް ޕޮޓެއް ނުވަތަ ގަހެއް ބަލައި ދިޔުމަށްޓަކާ ބޯޓު ކައިރިއަށް ދިޔަ ވަގުތު ފުލުހުންގެ ފަރާތުން އެތަނަށް ހާޒިރުވެ އޭނާ ހިފަހައްޓާފައިވަނީ އެއްވެސް ގުޅުމެއް ނެތް ފޮށިގަނޑެއް ބަލާ އައިސްފައިހުރިކަމަށް ފުލުހުން ބުނެކަމަށް އޭނާ ފާހަގަކުރި އެވެ.
ނަމަވެސް ހެކިންގެ ހެކި ބަހަށް ބަލައި އަހުމަދު އަހްސަންގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް 10 އެޕްރީލް 2025 ވަނަ ދުވަހު ކުޅުދުއްފުށީ ކޯޓުން ހުކުމްކޮށްފައިވެ އެވެ.
މި ހުކުމްކުރުން ލަސްވެގެންދިޔަ ސަބަބު:
މި މައްސަލައިގައި ހުކުމްކުރުމަށް ފުރަތަމަ ތާވަލުކޮށްފައިވަނީ 28 މާރޗް 2024 އަށެވެ. އެ ދުވަހު ޙުކުމްކުރުމުގެ މަޖިލިސް ބާއްވައި ޝަރީއަތުން ފާހަގަކުރެވުނު ކަންކަން އިއްވަމުން ދަނިކޮށް، ދަޢުވާލިބޭ ފަރާތުގެ ދިފާޢީ ވަކީލުންގެ ތެރެއިން ވަކީލެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ ޓެކްނިކަލް އިންތިޒާމުތައް ހަމަޖެއްސުމަށް ކުޑަ ވަގުތުކޮޅަކަށް ޝަރީޢަތް މެދުކަނޑާލި ވަގުތު، ދައުވާލިބޭ ފަރާތް ކޯޓު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
އަދި ހަމަ އެވަގުތު ދައުވާލިބޭ ފަރާތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަކަން ކޯޓަށް އަންގާފައިވާ ކަމަށެވެ. އޭގެ ފަހުން ޖުމްލަ 13 ފަހަރެއްގެ މަތިން ޝަރީއަތް ތާވަލުކޮށް މައްސަލަ ހިންގަން މަސައްކަތް ކޮށްފައިވާނެކަމަށްވެސް ކޯޓުން ކުރި ހުކުމްގައިވެ އެވެ.
އެހެންނަމަވެސް ދައުވާލިބޭ ފަރާތުން މެޑިކަލް ފޯމު ހުށަހަޅަމުން އަންނާތީ އާއި އަދި ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރުވެފައިނުވާތީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ދަޢުވާލިބޭ ފަރާތް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ނެރުނު އަމުރުތަކާ ގުޅިގެން ފުލުހުންނަށް އަހުމަދު އަޙްސަން ކޯޓަށް ހާޒިރުކޮށްދެވިފައިނުވާތީ ޙުކުމްކުރުން ލަސްވެގެންދިޔައީ ކަމަށެވެ. މި މައްސަލައިގައި ޙުކުމްކުރުމުގެ މަޖިލިސް ފަހުން ބޭއްވިފައި މިވަނީ ބަންދުގައި ބަހައްޓައިގެން ފުލުހުން ދަޢުވާލިބޭ ފަރާތް ހާޒިރުކުރުމާ ގުޅިގެން ދެވަނަ ފަހަރަށް ޝަރީޢަތް ނިމެންދެން ދަޢުވާލިބޭ ފަރާތް ބަންދުގައި ބެހެއްޓުމަށްފަހުގަކަމަށް ކޯޓުން ބުނެފައިވެ އެވެ.